އުމުރުން 18 އަހަރުގެ ޒުވާނަކު ގަދަކަމުންގެންގޮސް މާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި ހިފަހައްޓާ އަނިޔާކޮށް، ފައިސާހޯދަން މަސައްކަތްކުރި 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި

ޢުމުރުން 18 އަހަރުގެ ޒުވާނަކު މަގުމަތިން ދަނިކޮށް، ގްރޫޕެއްގެ ބަޔަކު ވެގެން އޭނާ ގަދަކަމުންގެންގޮސް މާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި ހިފަހައްޓާ އަނިޔާކޮށް ފައިސާ ފޭރިގަނެ އަދި އޭނާގެ އާއިލާއަށް ބިރުދައްކައިގެން ފައިސާ އަތުލުމަށް މަސައްކަތްކުރަމުން ދަނިކޮށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެކުއްޖާ ސަލާމަތްކޮށް އެކަމުގައި ޝާމިލުވާ 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. އޭގެ ތެރޭގައި އުމުރުން 16 އަހަރުގެ ކުއްޖެއްވެސް ހިމެނެއެވެ. މިމައްސަލައާ ގުޅިގެން މިހާތަނަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 3 މީހުންނަކީ ގ. އުފުރިއާ، އަޙުމަދު ނަދީމް 27، އާއި ރ. ރަސްގެތީމް / ހުދުވެލި މުޙައްމަދު އައިމަން 20، އާއި، ހ. މެހެލިގެ އިބްރާހިމް ޚަލީލް، 28 އެވެ.
މިމައްސަލައާ ގުޅޭ ގޮތުން މިރޭ ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އިންސްޕެކްޓަރ އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވީ، މިހާތަނަށް އެނގިފައިވާ ގޮތުގައި އޭނާ ހިފަހައްޓައިގެން ގެންގޮސްފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައި އަމީނީމަގު ވޯޓާ ސަޕްލައި ކައިރިން ހިނގާފަދަނިކޮށް 15 ވަރަކަށް މީހުންގެ ގުރޫޕަކުން ކަމަށާއި، އަދި އޭނާ ހިފެހެއްޓުމަށްފަހު އަނިޔާކޮށް، އޭނާގެ ކޭޝްކާރޑްގެ ޕިން ނަންބަރު ހޯދައިގެން އެއިން ފައިސާ ނަގާ ކާބޯތަކެތި ގަނެފައިވާކަން އެނގިފައިވާކަމަށެވެ. އަދި އޭނާއަށް ގަދަކަމުން މަސްތުވާތަކެތި ދިނުމަށް މަސައްކަތްކޮށްފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށާއި އެކަން ފުލުހުން އިތުރަށް ބަލަމުންދާކަމަށްވެސް ހަމްދޫން ވިދާޅުވިއެވެ.
އަދި އެކުއްޖާގެ ގައިގެ އެކިތަންތަނުގައި އަލިފާން ޖައްސާފައިވުމުން ލިބިފައިވާކަމަށް ބެލެވޭ އަނިޔާތަކާއި، އަދި ތަޅާފައިހުރިކަމުގެ އަނިޔާތައް ފެންނަންހުރިކަމަށާއި އަދި އެކުއްޖާގެ ލޮލަށް ލޭއަރާފައިވާކަމަށްވެސް ހަމްދޫން ވިދާޅުވިއެވެ.
ހަމްދޫނު އިތުރަށް ވިދާޅުވީ މިކަމުގެ މަޢުލުމާތު ފުލުހުންނަށް ލިބުމާ ގުޅިގެން އެކުއްޖާ ސަލާމަތްކޮށް އެކަމުގައި ޝާމިލުވާ މީހުންތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަންސް އެންޑް ސެކިއުރިޓީ ޑިޕާރޓްމަންޓުގެ [ސްވޮޓް] ޓީމުން ހިންގި އޮޕަރޭޝަނެއްގައި މިއަދު މެންދުރުގެ ވަގުތެއްގައި ކަމަށެވެ. އަދި ފުލުހުން އެގެސްޓްހައުސްގެ ތެރެއަށް ވަދެ ބެލިބެލިމުން އެމީހުންތިބި ކޮޓަރި ތެރެއިން މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗެހި ތަކާއި ފައިސާތައް ފެނިފައިވާކަމަށްވެސް ހަމްދޫނު ވިދާޅުވިއެވެ.
މިމައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޔުނިޓުން ދަނީ ތަހްޤީޤްކުރަމުންނެވެ.


