އިންޓަރނެޓްގެ ޒަރީއާއިން ބިރުދައްކައިގެން 14 އަހަރުގެ އަންހެން ކުއްޖަކާމެދު ބަދުއަޚުލާޤީ ޢަމަލު ހިންގަން އުޅުނު ކަމަށް ބެލެވޭ މީހެއްގެ މައްސަލަ ފުލުހުން ތަހްޤީޤްކުރުމަށްފަހު ޕީޖީ އޮފީހަށް ފޮނުވައިފި
އިންޓަރނެޓްގެ ޒަރީއާއިން ބިރުދައްކައިގެން 14 އަހަރުގެ އަންހެން ކުއްޖަކާމެދު ބަދުއަޚްލާޤީ ޢަމަލު ހިންގަން އުޅުނު ކަމަށް ތުހުމަތުކުރެވޭ މީހެއްގެ މައްސަލަ ފުލުހުން ތަހްޤީޤްކުރުމަށްފަހު މިދިޔަ ހަފްތާގެ ތެރޭގައި ޕްރޮސެކިއުޓަރ ޖެނެރެލްގެ އޮފީހަށް ފޮނުވައިފިއެވެ. މިމައްސަލައާ ގުޅޭ ގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އިންސްޕެކްޓަރ އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވީ މިމައްސަލަ ފުލުހުންނަށް ފާހަގަކުރެވިފައިވަނީ މިއަހަރު ކުރީކޮޅު ޕޮލިސް ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓުން ސްކޫލްތަކަށްގޮސް ދަރިވަރުންނަށް ޗައިލްޑް އެބިއުސްއާބެހޭ ގޮތުން މަޢުލޫމާތު ދިނުމުގެ ގޮތުން ބޭއްވި ސެޝަނެއްގެ ތެރޭގައި ކަމަށެވެ.
އެގޮތުން ސީރިއަސް އެންޑް ކްރައިމް ޔުނިޓާއި ކްރިމިނަލް އިންޓެލިޖެންސް ޔުނިޓާއި، ޑިޖިޓަލް އެވިޑެންސް އެނާލިސިސް ޔުނިޓް ގުޅިގެން ކުރި މަސައްކަތުން އިންޓަރނެޓު މެދުވެރިކޮށް ބިރުދައްކަމުން ދިޔަ ކަމަށް ބެލެވޭ އިންޓަރނެޓް ކަނެކްޝަން ހޯދުނު ކަމަށާއި، އަދި ފުލުހުން އިތުރަށް ބެލިބެލުމުން އެއިންޓަރނެޓް ކަނެކްޝަންގެެ ވެރިފަރާތުގެ ކޮޓަރިތެރެއިން ފެނުނު 3 ހާރޑް ޑިސްކާއި، 2 މަލްޓީމީޑިއާ ކާރޑާއި، 2 ޕެންޑްރައިވް އެނަލައިޒްކޮށް ބެލިބެލުމުން އެއަންހެންކުއްޖާއަށް ބިރުދެއްކުމުގެ ގޮތުން ކޮށްފައިވާ މުޢާމަލާތްތަކެއް ފެނިފައިވާކަމަށްވެސް ހަމްދޫން ވިދާޅުވިއެވެ. އެގޮތުން އޭނާ އެއަންހެންކުއްޖާއާއި ޗެޓްކޮށްފައިވާ ޗެޓްލޮގްތަކަކާއި މެއިލްތަކެއްވެސް ފެނިފައިވެއެވެ.
މީގެ އިތުރުންވެސް މިމައްސަލައާ ގުޅިގެން ފުލުހުން އިތުރަށް ބެލިބެލުމުން ދިވެހި އަންހެންކުދިންގެ އޮރިޔާން ފޮޓޯ އާއި ވީޑިއޯއާއި އޯޑިއޯ ކްލިޕްސްތަކެއްވެސް ފެނިފައިވެއެވެ. އަދި އެތަކެތި އެނަލައިޒްކޮށް އޭގައި ހިމެނޭ މީހުންތައް ދެނެގަތުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ.
މިހާތަނަށް ކުރި ތަހްޤީޤުން މިޢަމަލު ހިންގަމުން ގެންދަނީ އެއިންޓަރނެޓް ކަނެކްޝަންގެ ވެރިފަރާތުންކަން ޔަޤީންކުރެވޭފަދަ ހެކިތައް ލިބިފައިވާ ކަމަށާއި، އޭނާ ވަރަށް ގިނައިން އޮރިޔާން ފޮޓޯތައް ތަފާތު އެކި ވެބްސައިޓްތަކަށް އަޕްލޯޑްކޮށްފައިވާ ކަމަށް ބެލެބޭ ފޮރެންސިކް ހެކިތައްވެސް ލިބިފައިވާކަމަށްވެސް އިންސްޕެކްޓަރ އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވިއެވެ.
ހަމްދޫން އިތުރަށް ވިދާޅުވީ ކުޑަކުދިންނަށް އިންޓަރނެޓް ބޭނުންކުރުމުގެ ފުރުޞަތު ދިނުމުގައި ބެލެނިވެރިން ވަރަށް ބޮޑަށް ސަމާލުވުމަށާއި، އެހެންނޫނީ އެކުދިން އެބިއުސްވުމުގެ ފުރުޞަތު އެބައޮތްކަމަށެވެ. އަދި އެއްވެސް ފަރާތަކުން ބިރުދެއްކިނަމަވެސް އެއްވެސް ކުއްޖަކު އެފަދަ ފަރާތްތަކުން ބުނާތަންތަނަށް ނުދިއުމަށާއި އަދި އެމީހުން ބުނާހާ ގޮތަކަށް ޢަމަލުނުކުރުމަށާއި އަދި އެފަދަ މަޢުލޫމާތު ފުލުހުންނާއި ހިއްސާކުރުމަށް އިލްތިމާސްކުރައްވާކަމަށެވެ.
މިމައްސަލައިގެ ތަހްޤީޤް މަރުހަލާ ނިމިފައިވުމާ ގުޅިގެން ކޯޓު އަމުރަށް އޭނާ މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލާފައެވެ.


