މުޖުތަމަޢުގައި ހިނގާ ނޭދެވޭ ކަންތައްތަކުން ޒުވާނުން ދުރުކުރުމަށްޓަކައި ދިވެހި ވިޔަފާރިވެރިންގެ ޖަމްޢިއްޔާއިން ފުލުހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ރަމްޒީ ބައެއް ތަކެތި ހަދިޔާކޮށްފި

މުޖުތަމަޢުގައި ހިނގާ ނޭދެވޭ ކަންތައްތަކުން ޒުވާނުން ދުރުކުރުމަށްޓަކައި ދިވެހި ވިޔަފާރިވެރިންގެ ޖަމްޢިއްޔާއިން ފުލުހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ރަމްޒީ ބައެއް ތަކެތި މިއަދު ހަދިޔާކޮށްފިއެވެ. މިކަމަށްޓަކައި މިއަދު ހެނދުނު ފުލުހުންގެ މައިމަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހި ވިޔަފާރި ވެރިންގެ ޖަމްޢިއްޔާގެ ފަރާތުން ފުލުހުންނަށް މިތަކެތި ހަދިޔާކޮށްދެއްވީ އެޖަމްޢިއްޔާގެ ހަޒާންދާރު އަލްފާޟިލް އަޙްމަދު އަދީބް އެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން މިތަކެއްޗާއި ހަވާލުވެލެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ފަސީހް އެވެ. މިރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޝްވާން އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް އަތީފް އަދި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުނީރުގެ އިތުރުން ދިވެހި ވިޔަފާރިވެރިންގެ ޖަމްޢިއްޔާގެ ނައިބް ރައީސް އަލްފާޟިލް އިސްމާއިލް އާސިފް ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި މީގެއިތުރުން ފުލުހުންގެ އިސް ބައެއް އޮފިސަރުންނާއި ދިވެހި ވިޔަފާރިވެރިންގެ ޖަމްޢިއްޔާގެ ބައެއް ބޭފުޅުން ބައިވެރިވެލެއްވިއެވެ.
މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ފަސީހް ދެއްކެވި ވާހަކަފުޅުގައި މީގެ ކުރިންވެސް ދިވެހި ވިޔަފާރިވެރިންގެ ޖަމްޢިއްޔާގެ ފަރާތުން ކުށް މަދުކުރުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި، އަދި ދިވެހި ވިޔަފާރިވެރިންގެ ޖަމްޢިއްޔާއަކީ މިކަމުގެ ނަމޫނާ އެއްކަމަށް ބެލުމަށް ގޮވާލެއްވިއެވެ. އަދި ދިވެހި ވިޔަފާރިވެރިންގެ ޖަމްޢިއްޔާއިން މިފަދަ އެހީތެރިކަމެއް ފޯރުކޮށްދެމުންދާކަމަށްޓަކައި އެޖަމްޢިއްޔާގެ ނައިބް ރައީސް އަށާއި އެޖަމްޢިއްޔާގެ އެންމެހާ މެމްބަރުންނަށް ޝުކުރު އަދާކުރެއްވިއެވެ.
މީގެއިތުރުން މިރަސްމިއްޔާތުގައި ދިވެހި ވިޔަފާރިވެރިންގެ ޖަމްޢިއްޔާގެ ނައިބް ރައީސް އަލްފާޟިލް އިސްމާއިލް އާސިފް ދެއްކެވި ވާހަކަފުޅުގައި ދިވެހި ވިޔަފާރިވެރިންގެ ޖަމްޢިއްޔާ އާއި މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ދެމެދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ އެއްގައި ސޮއިކޮށްފައިވަނީ ކުށްމަދުކުރުމަށް ފުލުހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުންކަމަށާއި، ނަމަވެސް ކުށް މަދުކުރުމަކީ އެއްދުވަހަކުން ނުވަތަ ދެދުވަހަކުން ކުރެވޭނެކަމެއް ނޫންކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތާނގައި މުޖުތަމަޢުގައި ހިނގާ ނޭދެވޭ ކަންތައްތަކުންވެސް ޒުވާނުން ދުރުކުރެވޭނީ ޒުވާނުންނަށް އެކިއެކި ފުރުޟަތުތައް ހުޅުވާލެވިގެންކަމަށާއި އަދި ރަނގަޅު ހަރުދަނާ އިޤްތިސާދެއް ބިނާކުރެވޭނީ ކުށްކުރުން މަދުކުރެވިގެންކަމަށްވެސް އާސިފް ވިދާޅުވިއެވެ.


