ޓްރެފިކް ލައިޓަށް މަޑުނުކޮށް ދިޔަ ސައިކަލަކާއި ކާރެއްޖެހި ހިނގި އެކްސިޑެންޓެއްގައި 2 މީހަކަށް އެކިވަރުގެ އަނިޔާ ވެއްޖެ
ޤިޔާސުއްދީން ސްކޫލް ކައިރިން ޓްރެފިކް ލައިޓަށް މަޑުނުކޮށްދިޔަ ސައިކަލަކާއި ކާރެއް ޖެހި ހިނގި އެކްސިޑެންޓެއްގައި 2 މީހަކަށް އެކިވަރުގެ އަނިޔާ ވެއްޖެއެވެ. މިއަދު މެންދުރު 14:30 ހާއިރު ހިނގި މިއެކްސިޑެންޓްގައި އަނިޔާވެފައިވަނީ ސައިކަލްގައި ތިބި ދެމީހުންނަށެވެ. އެ ދެމީހުންގެ ހަށިގަނޑުގެ އެކިތަންތަނުން މަށައިގެން ގޮސްފައިވެއެވެ. އަދި އައި.ޖީ.އެމް ހޮސްޕިޓަލްގައި ފަރުވާދިނުމަށް ފަހު އެދެމީހުން މިހާރު ވަނީ ދޫކޮށްލައިފައެވެ.
މި އެކްސިޑެންޓާ ގުޅިގެން މިހާތަނަށް ބެލިބެލުމުން މިއެކްސިޑިންޓް ހިނގައިފައިވަނީ ޤިޔާސުއްދީން ސްކޫލް ކައިރިން އަމީނީމަގުން އިރުން ހުޅަނގަށް ދުއްވާފައި ދިޔަ ކާރަކާއި މާފަތްތަކުރުފާނު މަގުން ދެކުނުން އުތުރަށް ޓްރެފިކް ލައިޓް ރަތްވެފައި ވަނިކޮށް ޓްރެފިކް ޤަވާޢިދާ ޚިލާފަށް ޓްރެފިކް ލައިޓަށް މަޑުނުކޮށްދިޔަ ސައިކަލެއް ޖެހިގެންނެވެ. މިއެކްސިޑެންޓް ހިނގިއިރު ސައިކަލް ދުއްވަން އިނީ 18 އަހަރުން ދަށުގެ އަތުގައި ލައިސަންސް ނެތް ކުއްޖެކެވެ.
މިއެކްސިޑެންޓުގައި ކާރާއި ސައިކަލަށްވެސް އެކި ވަރުގެ ގެއްލުން ލިބިފައިވެއެވެ.
މި އެކްސިޑެންޓް މައްސަލަ ޓްރެފިކް ޕޮލިސް ޑިޕާރޓްމަންޓުން މިހާރު ދަނީ ތަޙުޤީޤުކުރަމުންނެވެ.


