ފީއަލިން ފުރައިގެން ދަތުރުކުރި ދޯންޏެއް އިންޖީނު ހުއްޓި އަޑިޔަށް ހިނގައްޖެ
ފ.އަތޮޅު ފީއަލިން ފުރައިގެން އދ. މާމިގިއްޔަށް ދަތުރު ކުރި ދޯންޏެއް އިންޖީނުހުއްޓި އަޑިޔަށް ހިނގައްޖެއެވެ. މިއަދު މެންދުރު ފަހު 02:00 ހާއިރު މިޙާދިސާ ހިނގާފައިވަނީ މާމިގިއްޔާއި 2 މޭލު ބޭރުން ކަނޑުމަތީގައި ކަމަށްވަނި މަޢުލޫމާތު ލިބިފައެވެ.
މިހާތަނަށް ބެލިބެލުމުން މިޙާދިސާ ހިނގިއިރު ދޯނީގައި ދެދިވެހިންނާއި ބިދޭސީއަކު ހުރިކަމުގެ މަޢުލޫމާތުވަނީ ލިބިފައެވެ. ނަމަވެސް އިންޖީނު ހުއްޓި ދޯނި އަޑިޔަށްދާން ފެށުމާއި ގުޅިގެން ދޯނިގައި ތިބި ތިންމީހުންވަނީ އެދޯނީގައި އޮތް ޑިންގީއަކަށް އަރައިގެން ދޯނިން ފައިބާފައެވެ. މިމީހުން ސަލާމަތް ކޮށްގެން ފީއައްޔަށް ގެންގޮސްވަނީ މިކަމުގެ މަޢުލޫމާތު ލިބިގެން ފީއަލިން ފުރައިގެން ދިޔަ ލޯންޗަކުން މިއަދުގެ 03:35 ހާއިރުއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިދޯންޏަކީ ފަރުމަހުގެ މަސްވެރިކަމުގެ މަސައްކަތްކުރާ ދޯންޏެކެވެ. މިދޯނި މާމިގިއްޔަށް ދިއުމަށް ދިޔަކަމަށްވަނީ ދޯނި ބާވުމުގެ ސަބަބުން އެހެލުމަށް ކަމަށްވަނީ މަޢުލޫމާތު ލިބިފައެވެ.


