News-pic-small-4-WEB-copy

މިއަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް މާލެއާއި އަތޮޅުތެރޭގައި ބޭއްވި އެކިއެކި ޢާއިލީ ހަވީރުތަކުގައި ފުލުހުން ބައިވެރިވެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

އެގޮތުން މެއި 10 ވަނަދުވަހު މާފަންނު މަދުރަސާގައި އޮތް ކުޑަކުދިންގެ ހަވީރުގައާއި މެއި 11 ވަނަ ދުވަހާއި 12 ދުވަހު ސަލްޓަންޕާކްގައި ނޭޝަނަލް ލައިބްރަރީން އިންތިޒާމްކޮށްގެން ބޭއްވި ކުޑަކުދިންގެ ހަވީރުގައާއި މެއި 11 ވަނަ ދުވަހު ކުޑަކުދިންގެ ބަގީޗާގައި ޖެންޑަރ މިނިސްޓްރީން ބޭއްވި ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތަކުގައި ފުލުހުން ވަނީ ޢަމަލީ ގޮތުން ބައިވެރި ކުޑަކުދިންނާއި ގުޅޭ ކުޅިވަރު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.

މާލޭގައި އެކި ފަރާތްތަކުން ކުރިޔަށް ގެންދިޔަ މިޙަރަކާތްތަކުގައި ފުލުހުންގެ ފަރާތުންވަނީ ޕޮލިސް ޔުނިފޯރމާއި ފުލުހުންގެ ތެރޭގައި ބޭނުންކުރެވޭ ބައެއް އާލާތްތައް ދައްކާލުމާއި ޕޮލިސް ސައިކަލުގައި ފޮޓޯ ނެގުމުގެ ފުރުޞަތުދިނުމާއި، ކުޑަކުދިންނާއި ޢާއިލާތައް އެކުގައި އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލުމަށް ކުޅިވަރު ހަރަކާތްތައް ކުރިޔަށް ގެންގޮސްދީފައެެވެ. މިޙަރަކާތްތައް ރާވައި އިންތިޒާމުކޮށްފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓުންނެވެ.

ކުޑަކުދިންގެ ދުވަހާއި ގުޅިގެން މާލޭގައި ހިންގި ޙަރަކާތްތަކުގެ އިތުރުން، އެކިއެކި އަތޮޅުތަކުގައި ހިންގި ޙަރަކާތްތަކުގައި ފުލުހުން ވަނީ ވަރަށް ފުރިހަމަ ގޮތެއްގައި ބައިވެރިވެފައެވެ. މިގޮތުން ޚާއްޞަ ގޮތެއްގައި ފުވައްމުލަކުގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރެންސް ސަރވިސް ސެންޓަރުންނާއި ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބޭއްވި ކުޑަކުދިންގެ ހަވީރުތަކާއި ހދ.ހަނިމާދޫ، ނ. ވެލިދޫ، ސ. މީދޫ، އަދި އދ. ކުނބުރުދޫގެ އިތުރުން ވ. އަތޮޅު އެކި ރަށްރަށުގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި ފުލުހުން ވަނީ ބައިވެރިވެފައެވެ.

މުޖުތަމަޢުގައި ހިންގޭ މިފަދަ އެކިއެކި ހަރަކާތްތަކުގައި ފުލުހުން ބައިވެރިވުމުގެ ސަބަބުން އާއްމު ރައްޔިތުންނާއި ފުލުހުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވަމުންދާކަން ފާހަގަކުރެވެއެވެ.