ކުށްމަދުކުރުމަށް ދުރާލާ ތައްޔާރުވެ ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާއި ބެހޭގޮތުން މާލޭގެ ސެކިއުރިޓީ ބެލެހެއްޓުމުގައި  ހަރަކާތްތެރިވާ ބައެއް ސެކިއުރިޓީ ގާޑުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް މިއަދު ބާއްވައިފިއެވެ.

ސެކިއުރިޓީ ބަލަހައްޓާ ކުންފުނިތަކުގެ ސެކިއުރިޓީ ގާރޑުންނަށް އަމާޒްކޮށްގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕަބްލިކް އެފެއަރޒް ޑިޕާރޓްމަންޓްގެ ކްރައިމް ޕްރިވެންޝަން ޔުނިޓުން ކުރިއަށް ގެންދިޔަ މަޢުލޫމާތު ދިނުމުގެ މި ސެޝަންގައި ކުށެއް ހިނގުމުގެ ކުރިން ކުށްތަކުން ސަލާމަތްވުމަށް އެޅިދާނެ ފިޔަވަޅުތަކާއި، ކުށެއް ހިނގުމުން ފަހުން އަޅާނެ ފިޔަވަޅުތަކާއި ކުށެއް ހިނގައިފިނަމަ އެކުށުގެ ވެށި ސަލާމަތްކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭ ގޮތުން މަޢުލޫމާތު ދީފައިވެއެެވެ.

އަދި ކުށަކަށް މަގުފަހިވާ ކަންކަން ފާހަގަކުރާނެ ގޮތާއި އެފަދަ ކަންކަން ކުންފުނީގެ ސަމާލުކަމަށް ގެނެސް އިސްލާހުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ބެހޭގޮތުންނާއި ތަފާތު ހާދިސާތަކާއި އެކްސިޑެންޓްތަކުގައި މުޢާމަލާތް ކުރާނެ ގޮތްތަކުގެ އިތުރުން ކަސްޓަމަރުންގެ އިހުތިރާމް ލިބިގަންނާނެ ގޮތްތަކާއި ބެހޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. މިމަޢުލޫމާތުތަކުގެ އިތުރުންވެސް ސެކިއުރިޓީ ބަލަހައްޓާ ގާރޑެއްގެ ގައިގައި ހުންނަންޖެހޭ މުހިންމު ސިފަތަކާއި ބެހޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

މި ސެޝަންގައި މަޢުލޫމާތު ދެއްވާފައިވަނީ ކްރައިމް ޕްރިވެންޝަން ޔުނިޓުގައި މަސައްކަތްކުރާ ތަޖުރިބާކާރު ފުލުހުންނެވެ.

1

ހއ. މާރަންދޫ ރައްޔިތުން ހޭލުންތެރިކޮށް އެރަށުގެ މުޖުތަމަޢުއަކީ ކުށްމަދު މުޖުތަމަޢުއަކަށް ހެދުމަށްޓަކައި ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ދަށުން މާރަންދޫގެ ގޭގެއަށާއި ވިޔާފާރިކުރާ ތަންތަނަށް ޒިޔާރަތްކޮށް މަޢުލޫމާތު ދީފިއެވެ.

މިމަހުގެ 12 ން 13 ވަނަ ދުވަހުގެ ނިޔަލަށް މާރަންދޫގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމްތަކުގެ ތެރެއިން އެރަށުގައި މީހުން ދިރިއުޅެމުންދާ 120 ގެއަށް ފުލުހުން ޒިޔާރަތްކޮށްފައިވެއެވެ.

މި ޒިޔާރަތުގައި ކުދިން ކުށްކުރުމަށް މެދުވެރިވާ ސަބަބުތަކާއި، ކުޑަކުދިން ކުށްކުރުމާއި ދުރުހެލިކުރުމަށް އެޅިދާނެ ފިޔަވަޅުތަކާއި، އަލަށް ތަޢާރަފްވެގެން ދިޔަ ގެވެށި އަނިޔާ ހުށްޓުވުމުގެ ޤާނޫނާއި ބެހޭ މަޢުލޫމާތާއި، މުޖުތަމަޢުގައި ޢާއްމުކޮން ހިންގާ ކުށްތަކާއި އެފަދަ ކަންކަމުން ސަލާމަތްވެ ތިބުމަށް ރައްޔިތުންނަށް ކޮންމެހެން އެނގެންޖެހޭ މަޢުލޫމާތުތައް ފޯރުކޮށްދީ އެފަދަ މުހިންމު މަޢުލޫމާތު ހިމެނޭ 2 ލީފްލެޓެއް ކޮންމެ ގެއަކަށް ދީފައިވެއެވެ.

ހއ.މާރަންދޫގައި ހިންގި މިޙަރަކާތުގައި އެރަށުގައި ވިޔާފާރި ކުރާ ތަންތަނަށްވެސް ޒިޔާރަތްކޮށްފައިވެއެވެ. ވިޔާފާރި ކުރާ ތަންތަނަށް ކުރި މި ޒިޔާރަތުގައި ވައްކަމާއި ފޭރުމާއި މަކާރާއި ޙީލަތް އަދި ޚިޔާނާތްތެރިވުން ފަދަ ކުށްތަކަށް ވިޔަފާރިވެރިން ހޭލުންތެރިކޮށް، ޢާއްމުކޮން ހިނގާ ކުށްތަކާއި ބެހޭ މަޢުލޫމާތު ވިޔަފާރިވެރިންނާއި ފިހާރައިގެ ކޭޝިއަރުންނާއި، ސޭޓުންނަށްދީ އެފަދަ ކަންކަމުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާއި ބެހޭ މަޢުލޫމާތު ދީފައިވެއެވެ.

މާރަންދޫ ގޭގެއަށާއި ވިޔަފާރިކުރާ ތަންތަނަށް ޒިޔާރަތްކުރުމުގެ މި ޕްރޮގްރާމްގެ ތެރެއިން ފުލުހުންގެ ޚިދުމަތުގެ ފެންވަރު ބެލުމަށްޓަކައި ސަރވޭ ފޯމެއް ވަނީ ފުރިހަމަކޮށްފައެވެ. މިސަރވޭއިން ދައްކާގޮތުގައި ހއ.މާރަންދޫގެ ރައްޔިތުން ފުލުހުންގެ ޚިދުމަތް މިހާރަށްވުރެ ގާތުން ލިބެން ބޭނުންވާއިރު ހއ. މަރަންދޫގައި މަސްތުވާތަކެތީގެ ވަބާ ފެތުރުގެންދާނެތީ ގިނަ ބަޔަކު ކަންބޮޑުވާކަން ފާހަގަކޮށްފައިވެއެވެ.

6

ހއ. މާރަންދޫ ރައްޔިތުން ހޭލުންތެރިކޮށް އެރަށުގެ މުޖުތަމަޢުއަކީ ކުށްމަދު މުޖުތަމަޢުއަކަށް ހެދުމަށްޓަކައި ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ދަށުން މާރަންދޫގެ ޒުވާނުންނާއި ސްކޫލު ކުދިންނާއި ބެލެނިވެރިން ޤާނޫނާއި ޤަވާއިދުތަކަށް ހޭލުންތެރިކުރުމުގެ ގޮތުން ޕްރޮގްރާމެއް ހިންގައިފިއެވެ.

މިމަހުގެ 12 ން 13 ވަނަ ދުވަހުގެ ނިޔަލަށް މާރަންދޫގައި ވަކިވަކިން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ޤާނޫނު އަސާސީ އާއި ޤަނޫނާއި ޤަވާޢިދުތަކާއި އުސޫލަތަކާއި ހަމަތަކާއި މާރާމާރީ އާއި ވައްކަމާއި ޚިޔާނާތް އަދި ފެރުމާއި ބެހޭގޮތުންނާއި މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނާއި ރާއްޖެއަށް ގެނައުން މުޅިން މަނާ ތަކެއްޗާއި ބެހޭގޮތުންނާއި ޓްރެފިކް ޤަވާޢިދާ ޚިލާފަށް ޢާއްމުކޮށް ކުރާ ކުށްތަކާއި އެކުށްތަކަށް ކަނޑައެޅިފައިވާ އަދަބުތަކާއި ބެހޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

މީގެ އިތުރުން ގޭންގް ކުށްތައް މަނާ ކުރުމާއި ބެހޭ ޤާނުނާއި ބެހޭގޮތުންނާއި ޢާއްމު އިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފް ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނާއި ބެހޭގޮތުންނާއި ފުލުނުންނަށް ލިބިދީފައިވާ ބާރުތަކާއި ބެހޭގޮތުންނާއި މަދަނީ ކުށާއި ޖިނާޢީ ކުށާއި ކުށްކުރަން އާދަވާ ސަބަބުތަކާއި ކުށްކުރުން އާދަވެއްޖެނަމަ ކުށުން ދުރުހެލިވުމަށްޓަކައި ކުރަންވީ ކަންތައްތަކާއި ބެހޭގޮތުންވެސް މި ޕްރޮގްރާމްގެ ބައިވެރިންނަށް މަޢުލޫމާތު ދީފައިވެއެވެ.

ޤާނޫނާއި ޤަވާއިދުތަކާއި ބެހޭގޮތުން މަޢުލޫމާތު ދިނުމުގެ އިތުރުން ސުކޫލުކުދިންނަށާއި ބެލެނިވެރިންނަށް ވަނީ ސްޓްރެސްއަކީ ކޮބައިކަމާއި ސްޓްރެސްވާން މެދުވެރިވާ ސަބަބުތަކާއި ސްޓްރެސް ވެއްޖެނަމަ ފެންނާނެ އަލާމަތްތަކާއި ސްޓްރެސްވުމުން މެދުވެރިވާ ބަލިތަކާއި ސްޓްރެސްވުމުން އެކަމުން ސަލާމަތްވާނެ ގޮތްތަކާއި ބެހޭ މަޢުލޫމާތު ދީފައިވެއެވެ. މީގެ އިތުރުން ގެވެށި އަނިޔާ ހުށްޓުވުމުގެ ޤާނޫނާއި އަދި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ހުއްޓުވުމާއި ބެހޭ ޤާނޫނާއި ބެހޭ މާޢުލޫމާތު ބެލެނިވެރިންނަށް ދީފައި ވެއެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާތަކާއި ހާނިކަތައް ދުވަހުން ދުވަހަށް އިތުވަމުންދާތީ އެފަދަ މައްސަލަތައް މަދުކޮށް، ސްކޫލުތަކުގެ ދަރިވަރުންނާއި ބެލެނިވެރިން ހޭލުންތެރިކުރުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާކުރުމަށް އިމާދުއްދީން ސްކޫލުގެ މެނޭޖްމަންޓާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ބައްދަލުކޮށްފިއެވެ.

މިއަދު އެސްކޫލް މެނޭޖްމަންޓާއި ބައްދަލުކޮށްފައިވަނީ ޕަބްލިކް އެފެއާޒް ޑިޕާރޓްމަންޓުން އިސްނަގައިގެން ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓާއި ގުޅިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން ފައިލެޓް ޕްރޮޖެކްޓެއް  އެސްކޫލުގެ ގްރޭޑް 6،5 އަދި 7 ގެ ދަރިވަރުންނަށް ހިންގުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށެވެ.

މި ބައްދަލުވުމުގައި ޕަބްލިކް އެފެއަރޒް ޑިޕާރޓްމަންޓްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ނަވާޒްއާއި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓްގެ ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފްއާއި ޕަބްލިކް އެފެއަރޒް ޑިޕާރޓްމަންޓްގެ ކުރައިމް ޕްރިވެންޝަން ޔުނިޓުގައި މަސައްކަތްކުރާ ފުލުހުންނާއި ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަން ޑިޕާރޓްމަންޓްގައި މަސައްކަތްކުރާ އިސް ފުލުހުންގެ އިތުރުން އިމާދުއްދީން ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އުއްމު ސަލްމާއާއި އެސްކޫލުގެ ލީޑިންގ ތީޗަރުންނާއި ކައުންސެލަރ ބައިވެރިވެފައިވެއެވެ.

މިބައްދަލުވުމުގައި މަޝްވަރާކޮށް ނިންމާފައިވަނީ 2 ވަނަ ޓާމުގެ ސްކޫލު ކިޔެވުން ފެށުމާއެކު މިޕްރޮގްރާމު ޢިމާދުއްދީން ސްކޫލުގައި ކުރިޔަށް ގެންދާށެވެ. މިގޮތުން އެސްކޫލު ގްރޭޑް 5،6 އަދި 7 ގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށް މިޕްރޮގްރާމް ކުރިޔަށް ގެންދަން ވަނީ އެއްބަސްފައެވެ. މިޕްރޮގްރާމް ކުރިޔަށް ގެންދާނީ ދެޖިންސުގެ ކުދިންނަށާއި ބެލެނިވެރިންނަށް ވަކިވަކިން ހިންގާ ޕްރޮގްރާމުތަކެއްގެ ގޮތުގައެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާތަކާއި ހާނިކަތައް ދުވަހުން ދުވަހަށް އިތުވަމުންދާތީ އެފަދަ މައްސަލަތައް މަދުކޮށް، ދަރިވަރުންނާއި ބެލެނިވެރިން ހޭލުންތެރިކުރުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާކުރުމަށް ބައްދަލުވުމެއް ބާއްވައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕަބްލިކް އެފެއާޒް ޑިޕާރޓްމަންޓުން އިސްނަގައިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓާއި ގުޅިގެން އިއްޔެ ބޭއްވި މި މަޝްވަރާގެ ބައްދަލުވުމުގައި ވަނީ ޗައިލްޑް އެބިއުސް މައްސަލަތައް މަދުކުރުމަށްޓަކައި ސްކޫލުތަކުގައި ހިންގާނެ ޕްރޮގްރާމަކާއި އެ ޕްރޮގްރާމް ކުރިއަށް ގެންދާނެ ގޮތަކާއި ބެހޭގޮތުން މަޝްވަރާކުރެވިފައިވެއެވެ.

މި ބައްދަލުވުމުގައި ޕަބްލިކް އެފެއަރޒް ޑިޕާރޓްމަންޓްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ނަވާޒްއާއި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓްގެ ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފްއާއި ޕަބްލިކް އެފެއަރޒް ޑިޕާރޓްމަންޓްގެ ކުރައިމް ޕްރިވެންޝަން ޔުނިޓުގައި މަސައްކަތްކުރާ ފުލުހުންނާއި ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަން ޑިޕާރޓްމަންޓްގައި މަސައްކަތްކުރާ އިސް ފުލުހުން ބައިވެރިވިއެވެ.

Nawaz

ފުލުހުންގެ ތަރައްޤީއަށާއި ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތައް ފުޅާކޮށް ތަރައްޤީކުރުމަށް މިއަހަރުގެ މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާއި 2011 އަދި 2012 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ހުށަހެޅިފައިވާ މައްސަލަތަކާއި ބެހޭ މަޢުލޫމާތު މީޑިއާއަށް ހާމަކޮށްފިއެވެ.

މިއަދު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޢުލޫމާތު ދެއްވަމުން ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓުގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް ވިދާޅުވީ ވޭތުވެދިޔަ އަހަރާއި މިއަހަރުވެސް ފުލުހުންގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށާއި އެގޮތުން ތަހުޤީޤްކުރުމުގެ ހުނަރު އިތުރުކުރުމަށްޓަކައި ކޯސްތަކެއް ހިންގައިވާކަމަށް ވިދާޅުވިއެވެ. އެގޮތުން ތަހުޤީޤު ދާއިރާގައި މަސައްކަތްކުރާ ފުލުހުންނަށް އަމާޒުކޮށް އިންވެސްޓިގޭޝަން އޮފިސަރކޯސް ހިންގިފައިވާކަމަށާއި އިތުރު ކޯސްތައްވެސް ހިންގުމަށް ވަނީ ރޭވިފައިވާކަމަށާއި އޮޕަރޭޝަންތަކުގައި ޙަރަކާތްތެރިވާ އަންހެން ފުލުހުންނަށް އަމާޒުކޮށްގެން ވަނީ ޕަބްލިކް އޯޑަރ ޓްރޭނިންގ ކޯހެއް ހިންގިފައިކަމަށެވެ. މިނޫނަސް ތަފާތު 18 ކޯހެއް ޕޮލިސް އެކަޑަމީން ވަނީ ހިންގާފައިވާކަން ފާހަގަކުރެއްވިއެވެ.

ފުލުހުންގެ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކަށް އަލިއަޅުވާ ލައްވަމުން ނަވާޒް ވިދާޅުވީ ޑިއުޓީ ތަކުގައި ގިނަވަގުތު ހޭދަކޮށް އޮޕަރޭޝަންތަކުގައި ހޭދަކުރާ ފުލުހުން މަސައްކަތުގެ ވަރުބަލިކަން ފިލުވާލައި ފުލުހުން ބޭނުންކުރުމަށް އިސްކަންދަރުކޮށި 2 ގައި 2 ބުރި ޢިމާރާތެއް އެޅުމަށްޓަކައި ތަންތައްޔާރުކުރެވި ވަނީ ޢިމާރާތުގެ ބިންގާ އަޅާފައިކަމަށާއި އެކަމުގެ އަމަލީ މސައްކަތް ފެށުމަށް ބޭނުންވާ ކަންތައް ކުރަމުންދާކަމަށެވެ. މީގެއިތުރުން ފުލުހުންނާއި ޢާއިލާތަކަށް ފަސޭހަ ކަމާއެކު ބޯހިޔާވަހިކަން ހޯދައިދިނުމަށް ދިވެހި ފުލުހުންނަށް ހުޅުމާލޭގައި ހައުސިންގ ފްލެޓެއް އެޅުމަށް ކުރަންޖެހޭ ތައްޔާރީތައް ކުރަމުންދާކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގައި ހިނގާ ކުށްތައް މަދުކުރުމަށްޓަކައި ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ބައްލަވާލައްވަމުން ނަވާޒް ވިދާޅުވީ ރާވައިގެން ހިންގާ ކުށްތައް މަދުކުރުމަށާއި މާރާމާރީއާއި ނުރައްކާތެރި ކުށްތައް ހުއްޓުވުމަށާއި މަސްތުވާތަކެތީގެ މައްސަލަތަކާއި ވައްކަމާއި ފޭރުމާއި ޚިޔާނާތުގެ މައްސަލަތަކާއި ޓެރަރިޒަމް މައްސަލަތަކާއި ޓްރެފިކް މައްސަތައް މަދުކުރުމަށްޓަކައިވެސް މަސައްކަތްކެއް ކުރަމުންދާކަމަށެވެ. އެގޮތުން މާރާމާރީއާއި ނުރައްކާތެރި ކުށްތައް މަދުކުރުމަށްޓަކައި މާލެއާއި އަތޮޅުތަކުގައި ކުރެވެނު މަސައްކަތްތަކުގެ ތެރެއިން މިއަހަރުގެ މިހާތަނަށް ހުށަހެޅިފައިވާ މިފަދަ 18 މައްސަލައިގެ ތެރެއިން ބައެއް މައްސަލަތަކުގެ ތަހުޤީޤް ނިންމައި މިހާރު ވަނީ ޝަރީއަތަށް ފޮނުވިފައިކަމަށް ވިދާޅުވިއެވެ. މިމައްސަލަތަކުގެ ތެރެއިން ކުޑަހުވަދޫ އައްޔުބޭގެ މަރުގެ ހާދިސާ ފާހަގަކުރައްވަމުން ތޫނު ހަތިޔާރު ބޭނުންކޮށްގެން އެއިން ބިރުދެއްކި 5 މީހެއްގެ މައްސަލަ ވަނީ ތަހުޤީޤް ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށް ނަވާޒް ވިދާޅުވިއެވެ.

މީގެއިތުރުން ރާވައިގެން ހިންގާ ކުށްތައް މަދުކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ނަވާޒް ވިދާޅުވީ ހުޅުމާލެއާއި ބައެއް ރަށްރަށުގައި ކްރައިމް ޕްރިވެންޝަން ކޮމިޓީ އެކުލަވާލާފައިވާ އެކުލަވާލުން ހަރުދަނާކޮށް މަސައްކަތް ކުރަން ފެށިފައިވާކަމަށާއި ނޭބަރހުޑް ޕޮލިސިން ތަޢާރަފް ކުރެވި ހުޅުމާލޭގައި ރާވައިގެން ހިންގާ ކުށްތައް މަދުކުރުމުގެ މަސައްކަތް ފެށުމުގެ އިތުރުން ޕޮލިސް ސްކޫލު ލިއޭޒަން އޮފިސަރުންގެ ނަމުގައި ސްކޫލުތަކުގައި ލިއޭޒަން އޮފިސަރުން ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. މިބައްދަލުވުމުގައި ވަނީ މަސްތުވާތަކެތީގެ މައްސަލަތަކާއި ޓްރެފިކް މަައްސަލަތަކާއި ގުޅިގެން ކުރަމުންދާ މަސައްކަތްތަކާއި 2011 ވަނަ އަހަރާއި 2012 ވަނަ އަހަރުގެ ފުރަތަމަ ކުއަޓަރގައި ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތަކާއި ބެހޭ މަޢުލޫމާތުވެސް ހިއްސާކޮށްފައެވެ.

News-Pic

މިހާރަކަށް އައިސް ރާއްޖެއަށް ފަތުވެރިން ގެންނަ ބައެއް ޓްރެވަލް އެޖެންސީތަކުން ފަތުރުވެރިން ރާއްޖެ ގެނައުމަށް އެޑްވާންސްކޮށް ފައިސާ ނެގުމަށްފަހު ފަތުރުވެރިން ރާއްޖެއަންނައިރު އެމީހުން ތިބުމަށް ހަމަޖެހިފައިވާ ރިސޯޓްތަކަށް ފައިސާ ނުދައްކާ ފަތުރުވެރިންނަށް މަކަރާއި ޙީލަތް ހަދައި އޮޅުވާލުމުގެ މައްސަލަތައް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ތަކުރާރުކޮށް ހުށަހެޅެމުންދާތީއާއި ފަތުރުވެރިންނަށް ޚިދުމަތްދިނުމުގައި މަކަރުހެދުމާއި އޮޅުވާލުމުގެ ޝަކުވާތައް އިތުރުވަމުންދާތީ އެކަމަށް އަވަސް ޙައްލެއް ގެނެސް އެކަންކަން ހައްލުކުރުމަށް ޢަމަލުކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކުރުމަށް މިނިސްޓްރީ އޮފް ޓުއަރިޒަމް އާޓްސް އެންޑް ކަލްޗަރއާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓާއި މަޓާޓޯގެ ވެރިންނާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ބައްދަލުކޮށް ވަނީ މަޝްވަރާ ކުރެވިފައެވެ.

މިކަމަށްޓަކައި ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި މިއަދު ބޭއްވި ބައްދަލުވުމުގައި މިނިސްޓްރީ އޮފް ޓުއަރިޒަމް އާޓްސް އެންޑް ކަލްޗަރގެ އިސްވެރިންނާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުގެ އިސްވެރިންނާއި މަޓާޓޯގެ އިސްވެރިން އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސްވެރިންނާއި ސީނިއަރ ބައެއް އޮފިސަރުން ބައްދަލުކޮށް މިކަމާމެދު ވަގުތުން ވަގުތަށް އެޅެންހުރި ފިޔަވަޅުތަކާއި ދުރު ރާސްތާގައި މިފަދަ މައްސަލަތައް މަދުކޮށް ފަތުރުވެރިންނަށް ރައްކާތެރި އަމާން މާހައުލަކަށް ދިވެހިރާއްޖެ ހެދުމަށް އެޅެން ހުރި ފިޔަވަޅުތަކާއި ގުޅޭގޮތުން ފުޅާދާއިރާއެއްގައި ވަނީ މަޝްވަރާ ކުރެވިފައެވެ.

މިގޮތުން މިހާރު ހިނގަމުންދާ ފަތުވެރިންނަށް މަކަރުހެދުމާއި އޮޅުވާޅުމުގެ މައްސަލަތަކަކީ އޭގެ ސަބަބުން ރާއްޖޭގެ ފަތުވެރިކަމުގެ އިންޑަސްޓްރީގެ ނަން ކިލަބުވެ ރާއްޖޭގެ އިގްތިސާދަށް އޭގެ ނޭދެވޭ އަސަރުކުރާނެކަމަކަށްވާތީ މިކަމުގައި ޝާމިލްވާ މީހުން ހޯދައި އެފަރާތްތަކާމެދު ޤާނޫނީގޮތުން އެޅެންހުރި ފިޔަވަޅުތައް ވީއެންމެ އަވަހަކަށް އަޅަމުންގެންދިއުމަށް މިއަދުގެ ބައްދަލުވުމުގައި ބައިވެރިވިފަރާތްތަކުން ވަނީ އެއްބަސްވެފައެވެ. އަދި މިބާވަތުގެ އަމަލުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީއަށާއި އިގްތިސާދަށްވެސް ނުހަނު ބޮޑު ގެއްލުންތައް  ލިބިގެންދާނެކަން ބައްދަލުވުމުގެ ބައިވެރިން ފާހަގަކުރެއްވިއެވެ. މިބައްދަލުވުމުގައި މިމައްސަލައާއި ގުޅޭގޮތުން މަޝްވަރަށްކުރުމަށްފަހު މިކަން ޙައްލުކުރުމަށް އަޅަން ނިންމުނު ފިޔަވަޅުތަކުގެ ތެރޭގައި ކަމޭބެހޭ ދާއިރާތަކުގެ މެދުގައި މިމައްސަލައާއި ގުޅޭގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ކަނޑައެޅުމަށް ފަންނީ ކޮމެޓީއެއް އެކުލަވާލުމަށާއި އަދި  މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުގައި ކުންފުނި ރަޖިސްޓްރީ ކުރާއިރު ކުންފުނި ރަޖިސްޓްރީ ކުރަން އެދޭ ފަރާތްތަކުގެ މިބާވަތުގެ މައްސަލައެއްގެ ޕޮލިސް ރެކޯޑު އޮތްތޯ ބަލަން ޤަވާޢިދު އިޞްލާޙުކޮށް އެގޮތަށް ޢަމަލު ކުރުމަށާއި ޓްރެވަލް އެޖެންސީތަކަށް ލައިސަންސް ދޫކުރާއިރުވެސް އެކަމަށް ހުށަހަޅާ ފަރާތްތަކުގެ މިފަދަ މައްސަލަތައް ހުރިތޯ ބެލުމަށް ޕޮލިސް ރެކޯޑު ބެލުމަށާއި ފަތުރުވެރިންނަށް މަކަރުހަދައި އޮޅުވާލާފައިވާކަމުގެ މައްސަލަތައް ހިންގަމުންދާ ނުވަތަ ތަކުރާރުކޮށް މިފަދަ މައްސަލަތައް ހުށަހެޅިފައިވާ ފަރާތްތަކަށް  ލައިސަންސް ދޫނުކުރާގޮތަށް ޤަވާޢިދު ބަދަލުކޮށް އެގޮތަށް ޢަމަލުކުރުމަށް ވަނީ އެއްބަސް ވެފައެވެ.  މީގެއިތުރުން ފަތުރުވެރިންނަށް މަކަރާއި ޙީލަތް ހަދާ އެޖެންސީތަކުގެނަން ޓުއަރިޒަމް މިނިސްޓްރީގެ ވެބްސައިޓާއި ރަސްމީ ވެބްސައިޓްތަކުން އުނިކުރުމަށާއި މިފަދަ ޢަމަލުތައް ހިންގާ

އެޖެންސީތަކާ ގުޅޭ ގޮތުން  މިނިސްޓްރީއަށާއި މަޓާޓޯއަށް ލިބޭ ރިޕޯޓްތައް ފުލުހުންނަށް ފޮނުވުމަށް ވަނީ އެއްބަސްވެވިފައެވެ. އަދި ޓްރެވެލް އެޖެންސީތަކާ ބެހޭ ގަވާއިދު އިސްލާހުކޮށް އެޖެންސީތަކާ ގުޅޭ ކޯޑް އޮފް ކޮންޑަކްޓް އެކިލަވާލުން އަވަސްކުރުމަށްވެސް އެއްބަސްވެވިފައިވެއެވެ.

މީގެ އިތުރުން ފަތުރުވެރިކަމުގެ ސިނާޢަތުގައި ދިވެހި ބައެއް އެޖެންސީތަކަށް މިފަދަ އޮޅުވާލުންތަކާއި މަކަރާއި ޙީލަތް ހަދާ ބޭރުގެ އެޖެންސީތަކުގެ މަޢުލޫމާތުވެސް ފުލުހުންނާއި ޙިއްސާކުރުމަށާއި އެފަދަ މައްސަލަތައް ހައްލުކުރުމަށް ފުލުހުން މަސައްކަތްކުރުމަސްވެސް މިއަދުގެ ބައްދަލުވުމުގައި ވަނީ އެއްބަސް ވެފައެވެ.

ފަތުރުވެރިކަމުގެ ސިނާޢަތަކީ ރާއްޖޭގެ އިޤުތިޞާދު ދެމިއޮތުމުގެ އަޞްލުކަމަށްވީހިނދު ރާއްޖޭގެ ފަތުރުވެރިކަމަށް ގެއްލުންދިނުމަށް އެއްވެސް ފަރާތަކުން މިފަދަ ނޭދެވޭ ޢަމަލެއް ހިންގާކަމުގެ މަޢުލޫމާތު ލިބިފައިވާ ފަރާތްތަކުން އެފަދަ މަޢުލޫމާތުތައް މޯލްޑިވްސް ޕޮލިސް ސަރވިސްއާއެކު ޙިއްސާކުރުމަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެދުމެއްކަމުގައި ދަންނަވަމެވެ.

News-Pic

އދ. ފެންފުށީ ކައުންސިލްގެ މެމްބަރުން ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޟްއާއި ބައްދަލުކުރައްވައިފިއެވެ.

މިއަދު ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި އޮތް މި ބައްދަލުވުމުގައި ފެންފުށީ ކައުންސިލް މެމްބަރުން ދެއްކެވި ވާހަކަފުޅުގައި އެރަށުގައި އާންމުކޮށް ހިނގާ ކުށްތަކާއި ބެހޭ މަޢުލޫމާތު ހިއްސާކުރައްވައި އެރަށުގައި ފުލުހުންގެ ޚިދުމަތް ދެވޭނެ އިންތިޒާމްތައް ހަމަޖެއްސުމާއިބެހޭ ގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

އެގޮތުން ޚާއްސަކޮށް އެރަށުގައި މިހާރަކަށް އައިސް މަސްތުވާތަކެތީގެ މައްސަލަތައް އިތުރުވަމުން އަންނަ ކަމަށާއި އޭގެ ސަބަބުން ވައްކަމާއި އެހެނިހެން މައްސަލަތައް އިތުރުވަމުންދާނެތީވެ ފުލުހުންގެ ޚިދުމަތް އެރަށުން ލިބެންހުރުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ. އަދި ފުލުހުން ޚިދުމަތްދޭނެ ޢިމާރާތެއް އެކައުންސިލުން ހަމަޖައްސައިދޭނެ ކަމަށްވެސް އެބޭފުޅުން ވިދާޅުވެފައިވެއެވެ.

މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައި ފުލުހުންގެ ފަރާތުން ކައުންސިލަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށާއި އެކައުންސިލުން އެދުނު ކަންތައްތައް ހައްލުކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނަކަމަށް ވިދާޅުވިއެވެ.

ގިނަ ޢަދަދެއްގެ ފައިސާތަކެއް ހިފައިގެން ދިޔަ މީހަކަށް ބިރު ދައްކައި އޭނާގެ އަތުގައި އޮތް އަތް ދަބަހެއް ފޭރިގަނެ މާރާމާރީ ހިންގައިފިއެވެ.

މިހާދިސާ ހިނގާފައިވަނީ މެއި 15 ވަނަ ދުވަހު އިރުއޮއްސި 18:45 ހާއިރު މާވެޔޮ މިސްކިތް ކުރިމަތީގައި އޮންނަ ގޯޅީތެރޭގައެވެ. މިކަމާއި ގުޅިގެން މިހާތަނަށް ލިބުނު މަޢުލޫމާތުން އެނގޭގޮތުގައި ބެޗް ކޮންސްޓަރަކްޝަންގައި މަސައްކަތްކުރާ މި މުވައްޒަފުގެ އަތުގައި އޮތް އަތްދަބަހުގައި 60،000.00 ދިވެހި ރުފިޔާ އާއި 58،000.00 ދިވެހިރުފިޔާގެެ ޗެކަކާއި 150،000.00 ދިވެހިރުފިޔާގެ ޗެކެއް އޮތް އޮތެވެ. މިހާދިސާގައި އޭނާގެ އަތުގެ އިގިލިތައް ޒަޚަމްވެފައިވެއެވެ.

މިއަތް ދަބަސް ފޭރިގެންފައިވާ ކަމަށް ބެލެވެނީ ސައިކަލެއްގައި ދިޔަ ދެ މީހަކު ވެގެންނެވެ. މިމައްސަލަ މޯލްޑިވްސް ޕޮލިސް ސާރވިސްއިން ދަނީ ތަޙުޤީޤް ކުރަމުންނެވެ.

މިހާރަކަށް އައިސް މީހުންގެ އަތްދަބަހާއި ކަރުގައި އަޅާފައި ހުންނަ އަގުބޮޑެތި ފަށް ކަހަލަ އަގުބޮޑު ތަކެތިި ފޭރުމުގެ މައްސަލަތައް އިތުރުވެފައިވާ ވާތީ ރައްޔިތުން މިކަންކަމަށް ހޭލުންތެރިވެ ތިބުމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއިން އިލްތިމާސްކުރާ ކަމެކެވެ.

ރ.ދުވާފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހަކު ރ. ދުވާފަރު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ބ.އޭދަފުށި އުފާ، ނާޝިކް އަޙްމަދު ރަޝީދު (33އ) އާއި ރ.އިގުރައިދޫ ގުރަހާގެ، ޢާރިފް ޤާސިމް (27އ) އެވެ.

މިދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުންނަށް ލިބުނު މަޢުލޫމަތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މި ދެމީހުން ރ. އިނގުރައިދޫން ލޯންޗެއްގައި ދުވާފަރަށް އައުމުން ލޯންޗާއި އެދެމީހުން ގެނައި ތަކެތި ބަލައި ފާސްކުރިއިރު ލޯންޗުގެ ކޯޕައިލެޓް އިންނަ ސީޓްގެ ފަހަތުގައި ހުރި ސީޓުގެ ދަށުން މަސްތުވާތަކެތި ކަމަށް ތުޙުމަތު ކުރެވޭ އެއްޗެއް އަޅާފައި އޮތް ރަބަރު ޕެކެޓެއް ވަނީ ފެނިފައެވެ. މިހެންކަމުން މިޕެކެޓް ފުލުހުންގެ ބެލުމުގެ ދަށަށްގެނައި އިރު އެޕެކެޓުގައި ކަޅުކުލައިގެ އިންސްލޭޝަން ޓޭޕުކޮޅަކުން އޮޅައި ތަތްކޮށްފައި އޮއްވާ ވނީ ފެނިފައެވެ. މިގޮތަށް ފެނުމުން އެދެމީހުންގެ ހާޒިރުގައި އެޕެކެޓު ކަނޑައި ފާސްކުރިއިރު އެރަބަރު ޕެކެޓްގެ ތެރެއިން މަސްތުވާ ތަކެތި ކަމަށް ޝައްކު ކުރެވޭ ކުރެވޭ އެއްޗެއް އަޅާފައި ހުރި 2 ރަބަރު ޕެކެޓް ވަނީ ފެނިފައެވެ.

މިމައްސަލަ ރ.ދުވާފަރު ޕޮލިސް ސްޓޭސަނުން ދަނީ ތަޙްޤީޤް ކުރަމުންނެވެ.