ޚަބަރު

ވައިކަރަދޫ ޕޮލިސް ޕޯސްޓު ހުޅުވައި ހިދުމަތް ދޭންފަށައިފި

12 މެއި 2022

ރައްޔިތުންނާ ގާތުން ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހދ. ވައިކަރަދޫގައި ގާއިމުކުރި ޕޮލިސް ޕޯސްޓު ރަސްމީކޮށް ހުޅުވައި ހިދުމަތް ދޭން ފަށައިފިއެވެ.


އެކަމަށްޓަކައި ވައިކަރަދޫގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ޕޯސްޓު ހުޅުވައި ދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ. ޕޮލިސް ޕޯސްޓު ހުޅުއްވައި ދެއްވުމަށްފަހު ޕޮލިސް ޕޯސްޓުގައި ދިވެހިރާއްޖޭގެ ދިދަ ނަންގަވައި ދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲއެވެ. އަދި ފުލުހުންގެ ދިދަ ނަންގައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ.

 

މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަ ފުޅުގައި ފުލުހުންނާއި ވައިކަރަދޫ ރައްޔިތުންނާއި މުއައްސަސާތައް ގުޅިގެން ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ވައިކަރަދޫގައި ފުލުހުންގެ ހިދުމަތް ފެށިފައިވުމަކީ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު އުފަލެއްކަން ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންނަށް ބޭނުންވާ އެންމެ މުހިންމު އެއްކަމަކީ އަމާންކަމާއި ރައްކާތެރިކަން ކަމަށާއި، ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދިނުމުގައި އިގްތިސޯދާ އެކުގައި މަސައްކަތްކުރުމަކީ އަމާންކަންކަމުގައި ވިދާޅުވިއެވެ.

އަދި އަވައްޓެރި ފުލުހުންގެ ގޮތުގައި ފުލުހުންގެ ހިދުމަތް ފުޅާކުރަމުންދާއިރު ފުލުހުންގެ މަސައްކަތަށް ބޮޑެތި ބަދަލުތަކެއް ގެނެވި ރައްޔިތުންނާ އެކުގައި މި ހިދުމަތް ދެވުމަކީ ދިވެހިންނަށް ލިބިގެންދާނެ އެންމެ ބޮޑު އެއް ހިތްހަމަޖެހުން ކަމުގައި ވިދާޅުވިއެވެ. އަދި ދިވެހިން ދިރިއުޅޭ ރަށްރަށުގައި ކުށްމަދު، އެކެއްގެ ހައްގަކަށް އަނެކަކު އަރައިނުގަނެ، އެކަކު އަނެކަކަށް އެހީތެރިވެ އެންމެން އެއް އާއިލާއެއްގެ ގޮތުގައި މީގެކުރިން ދިރިއުޅެފައިވާކަން ފާހަގަކުރައްވައި ދުނިޔޭގައި ޖެހެމުންދާ ތަފާތު އޮއިވަރުތަކުގެ ތެރެއިން ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ބައެއް ކަހަލަ ކުށްތައް ރަށްތަކަށް ފެތުރިގެންގޮސްފައިވުމީ ގަބޫލުކުރަންޖެހޭ ހަގީގަތެއްކަމަށް ވިދާޅުވިއެވެ. އަދި ކޮންމެ ރަށެއްގައި ފުލުހުން ތަރުތީބުވެ އަތޮޅުތަކާއި ރީޖަންތަކުގައި ފުލުހުން ބެހިގެން ގޮސް ފުލުހުންގެ މުއައްސަސާ އެކަތިގަނޑެއްގެ ގޮތުގައި ބައްޓަންކުރެވިގެންދާ ދިއުމަކީ އެކާވީސްވަނަ ގަރުނުގެ ތެރޭގައި ރައްޔިތުންނަށް ދެވޭ ހިދުމަތް އެންމެ އެކަށީގެންވާ ގޮތުގައި ދިނުމަށް ކުރެވޭ މަސައްކަތެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައި، ފުލުހުން ރަށެއްގައި ގާއިމު ކުރުން އެއީ މުހިންމު ކަމެއްކަމުގައިވިޔަސް އެންމެ މުހިންމު ކަމަކީ އެ ރަށެއްގެ މުޖުތަމައުއަށް ރަނގަޅު ފެންވަރެއްގައި އަދި ދެމެހެއްޓެނިވި ގޮތެއްގައި ފުލުހުންގެ ހިދުމަތް ލިބިގެންދިއުން ކަމުގައި ވިދާޅުވިއެވެ. އަދި ވައިކަރަދުއަށް ކުރިމަތިވެފައިވާ ކުށުގެ ކަންކަމާއި އިޖުތިމާއީ މައްސަލަތަކަށް އިޖާބަދީ އެކަންކަމަށް ފިޔަވަޅު އަޅައި ހައްލުހޯދުމަށް އަބަދުވެސް ފުލުހުން މަސައްކަތްކުރުން އެއީ މުހިންމު ކަމެއްކަމާއި ވައިކަރަދޫގައިވެސް އަވައްޓެރި ފުލުހުންގެ ހިދުމަތް ކުރިއަށްގެންގޮސް ކުށްމަދު އަމާން މާހައުލަކަށް ހެދުމަށްޓަކައި ރަށުގެ މުވައްސަސާތަކާ ގުޅިގެން މަސައްކަތްކުރުން އެއީ އެންމެ އިސްކަންދޭ ކަންކަން ކަމުގައި ފާހަގަކުރެއްވިއެވެ.

 

އޭގެ އިތުރުން، ދިވެހި ވެށީގައި ކުށްކުރުން ފުޅާވަމުން އަންނަ މިންވަރާއި ކުށްތަކުގެ ނުރައްކާތެރިކަން ބޮޑުވުމާއި ތަހުޒީބު ޓެކްނޮލޮޖީ މެދުވެރިކޮށް ކުށަށް އަރައިގަތުން އެއީ އެންމެންވެސް އަޑުއަހަމުން އަންނަ ވާހަކަ އެއްކަމާއި، މަސްތުވާތަކެތި އެކި ރަށްރަށަށް އެތެރެކޮށް ވިއްކާ ޒުވާނުން އޭގެ އަވައިގައި ޖެއްސުމާއި އެއަށް ދެވި ހިފުމުން ރައްޔިތުންނަށް އާންމު އުނދަގުލުންފެށިގެން ގޮސް ވައްކަން ކުރުމާއި، ފޭރުން ހިންގުމާއި އިންޓަނެޓް އަދި ފޯނުގެ ޒަރިއްޔާއިން މަކަރާއި ހީލަތުގެ އުކުޅުތައް ބޭނުންކޮށްގެން ފައިސާ ފޭރުމާއި، އަނިޔާވެރި އަމަލާއި ދީނާއި ދެކޮޅުވެރި އަމަލު ހިންގުމާ އަދި ދީނާ ގުޅުވައިގެން ހަރުކަށި ފިކުރުގެ އަމަލާ ބަސްމަގުގެ ތެރެއިން ނުރައްކާތެރިކަން ފެތުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން އެއީ މިއަދު އަޅުގަނޑުމެންގެ ތެރޭގައި ހުރި ކަންބޮޑުވާ ބޮޑެތި މައްސަލަތައްކަމުގައި ފާހަގަކުރެއްވިއެވެ. އަދި މިކަންކަމުން ރައްޔިތުން ރައްކާތެރިކުރުމަށް ފުލުހުން ހުށިޔާރު ކަމާއެކު އިތުރަށް މަސައްކަތްކުރުމަށް އަތުކުރި އޮޅާލައި އެ މަސައްކަތަކީ އަބަދުވެސް ކުރިއަށް ގެންދަންޖެހޭ މަސައްކަތެއްކަމުގައި ފާހަގަކުރެއްވިއެވެ.

 

އަދި އެ މައްސަލަތަކަކީ ހަމައެކަނި ބައިބޯ ނުވަތަ މީހުންގިނަ ސަރަހައްދުތަކަށް ހާއްސަކަންކަމެއް ނޫންކަމާ މިއީ ހުރިހާ ހިސާބެއްގައިވެސް ހިނގަމުން އަންނަ ކުށްތައްކަން ފާހަގަ ކުރެއްވިއެވެ. އަދި މިއަދު ފުލުހުންގެ ވިސްނުމަކީ ނުވަތަ އަމާޒަކީ ޖީލުތަކަށް ދެމިގެންދާނެ ރައްކާތެރި މުޖުމައުއެއް ބިނާކުރުމަށް ފުލުހުންގެ މަސައްކަތް ތަރައްގީކުރުން ކަމުގައި ކޮމިޝަނަރ ވިދާޅުވެފައިވެއެވެ.

 

ވައިކަރަދޫ ޕޮލިސް  ޕޯސްޓް ހުޅުއްވައި ދެއްވުމަށްފަހު މިނިސްޓަރ އޮފް ހޯމްއެފެއާޒް އާއި ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ޕޮލިސް ޕޯސްޓު ބައްލަވައިލައްވާފައެވެ.

ޕޮލިސް ޕޯސްޓު ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އަބްދުލް މަންނާނު ޔޫސުފް، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދު، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ދާއޫދު އަދި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުން ބައިވެރިވެލެއްވިއެވެ. އަދި ރައްޔިތުން މަޖިލިސްގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު، ހދ. އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ސިރާޖް، ވައިކަރަދޫ ކައުންސިލްގެ ރައީސް އާއި އެކައުންސިލް މެމްބަރުންގެ އިތުރުން ރަށުގައި ހުރި މުއައްސަސާތަކުގެ އިސްވެރިންވެސް ބައިވެރިވެލެއްވިއެވެ.