ޚަބަރު

ގދ. ވާދޫގައި ކުރިއަށް ގެންދިޔަ ދެ ޕްރޮގްރާމެއްގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

22 މެއި 2022

ގދ. ވާދޫގައި ކުރިއަށް ގެންދިޔަ ކުޅިވަރުން ފަހިކަން އަދި އަރުތަ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

 

މި މަހު 18 ވަނަ ދުވަހުގެ ރޭ ބޭއްވި އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޟްއެވެ. ރަސްމިއްޔާތުގައި ސައުތު ޕޮލިސް ރީޖަން ކޮމާންޑަރ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ޝަމީމް، ސައުތު ޕޮލިސް ސަބް ރީޖަން ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ނާހިދު ހުސައިން، ގދ. އަތޮޅު ކޮމާންޑަރ އިންސްޕެކްޓަރ ފާތިމަތު ރިޝްވީނާ އަޙްމަދު އަދި ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒްގެ ޑެޕިއުޓީ ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މޫސާ ރަޝީދު ބައިވެރިވެލެއްވިއެވެ. އޭގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުން އަދި ޕްރޮގްރާމްތަކުގެ ބައިވެރިން ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވިއެވެ.

 

ރަސްމިއްޔާތުގައި ސައުތު ޕޮލިސް ރީޖަން ކޮމާންޑަރ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ޝަމީމް ދެއްކެވި ވާހަކަފުޅުގައި، ޕްރޮގްރާމް ނިންމި ބައިވެރިންނަށް ޝުކުރުއަދާކުރެއްވިއެވެ. އަދި ޕްރޮގްރާމްގެ ތެރެއިން ޒުވާނުންނަށް ދަސްވީ ހަމައެކަނި ފުޓްސަލް ކުޅެން ނޫންކަމަށާއި ކުޅިވަރު ކުޅޭ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ރިވެތި ސިފަތަކަށް ޒުވާނުން އަހުލުވެރިކޮށް އެ ސިފަތައް ޒުވާނުންނަށް ދަސްކޮށްދިނުމުން ކުޅިވަރުން ފަހިވާކަން ފާހަގަ ކުރެއްވިއެވެ.


އެ ރަސްމިއްޔާތުގައި، ޕްރޮގްރާމްގެ ބައިވެރިންނަށާއި ޕްރޮގްރާމަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް އެކަމުގެ އަގުވަޒަންކޮށް ހަނދާނީ ލިޔުން ހަވާލުކޮށްފައިވެއެވެ

ކުޅިވަރުން ފަހިކަން، މި ޕްރޮގްރާމްގައި ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް މަސައްކަތްކުރާނޭގޮތްތަކާއި ކުޅިވަރުގެ ތެރެއިން އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމާ އަދި ކުށްމަދު ކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމާއި ޒުވާނުންގެ ކިބައިގައި ރިވެތި އަހުލާގާއި ސުލޫކު އަށަގެންނެވުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

 

އެގޮތުން، ޒުވާނުންނަށް ހާއްސަކޮށްގެން ފުޓްސަލް އަދި ވޮލީ ބޯޅަ ޓްރެއިންގ ތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ބެލެނިވެރިންނަށް ހާއްސަކޮށްގެން ބެލެނިވެރިކަމުގެ ހުނަރު ދަސްކޮށްދިނުމަށް މައުލޫމާތު ދިނުމުގެ ސެޝަންތައް ކުރިއަށް ގެންގޮސްފައިވެއެވެ.

އޭގެ އިތުރުން، ރަށުގެ މުއައްސަސާތަކުގެ މުވައްޒަފުންނަށް މައުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ އަތުރަ ޕްރޮގްރާމްގައި ކުށުން ރައްކާތެރިކުރުމަށާއި ގުޅިގެން މަސައްކަތްކުރުމަށް ޓީމް ބިލްޑިންގެ ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. އެ ހަރަކާތްތަކުގައި ރަށުގެ ހުރިހާ މުއައްސަސާއަކުން ބައިވެރިވިއެވެ.

 

މެއި 8 އިން 18 އަށް ކުރިއަށް ގެންދިޔަ މި ދެ ޕްރޮގްރާމްވެސް ކުރިއަށް ގެންގޮސްފައިވަނީ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒާއި ވާދޫ ޕޮލިސް ސްޓޭޝަނާއި ރަށުގެ މުއައްސަސާތަކާ އަދި ޔުނައިޓެޑް އެލައިންސް އޮފް ވާދޫ ގުޅިގެންނެވެ.