ޚަބަރު

ހިންނަވަރާއި ބޮޑުފޮޅަދޫން މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފި

22 މެއި 2022

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ޅ. ހިންވަރާއި އއ. ބޮޑުފޮޅަދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ބަޔަކު ހައްޔަރުކޮށްފިއެވެ.

 

އެގޮތުން، ހިންނަވަރު ޕޮލިސް ސްޓޭޝަނުން މި މަހު 21 ވަނަ ދުުވަހު ހިންގި އޮޕަރޭޝަނަކީ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ޅ. އަތޮޅުގެ ސިނާއީ ރަށެއްގައި މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި، އެ ރަށުގައި އޭނާ ދިރިއުޅޭ ކޮޓަރި ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 36 ކުޑަ ރަބަރު ޕެކެޓާއި، ޖޫސްޕެޓީ ސައިޒްގެ ޕެކެޓެއް ފެނުމާ ގުޅިގެންނެވެ.

 

މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިންނަވަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ފަސް ދުވަސް ދީފައިވެއެވެ.

 

އޭގެ އިތުރުން، ހިންނަވަރުގައި މަސައްކަތްކުރާ ފުލުހުން މި މަހު 20 ވަނަ ދުވަހު ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވެއެވެ. އެ އޮޕަރޭޝަނުގައި 30 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަލައިފާސްކުރި އިރު 24 ދަޅު ބިޔަރު ފެނިފައިވެއެވެ.

 

މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިންނަވަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ހަތް ދުވަހުގެ މުއްދަތު ދީފައިވެއެވެ.

 

ބޮޑުފޮޅަދޫގައި ހިންގި އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ބޭނުންކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަނުގައި 28 އަހަރުގެ މީހަކާއި 30 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ. އެ ދެ މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ. މަތިވެރި ޕޮލިހުން ހިންގި އެ އޮޕަރޭޝަނުގައި އެ ދެމީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 12 ރަބަރު ޕެކެޓު ފެނިފައިވެއެވެ.

 

މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ބޮޑުފޮޅަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 28 އަހަރުގެ މީހާއަށް އަށް ދުވަސް އަދި 30 އަހަރުގެ މީހާއަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

 

މި މައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.