ޚަބަރު

އޯގާ ކޭމްޕު މ. އަތޮޅުގައި ފަށައިފި

22 މެއި 2022

ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމަށް މަސައްކަތްކުރުމަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމުގެ ގޮތުން، ދިވެހި ފުލުހުންގެ ޚިދުމަތާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގުޅިގެން  އަތޮޅުތެރޭގައި ކުރިއަށް ގެންދާ އޯގާ ކޭމްޕު މ. އަތޮޅުގައި ފަށައިފިއެވެ.

 

އެގޮތުން، އެ ޕްރޮގްރާމްގެ ތެރެއިން މިއަދު މުލީ ސްކޫލްގައި ހާއްސަ އެސެމްބްލީއެއް ބާއްވާފައިވެއެވެ. އަދި ރަށުގެ މުއްސަސާތަކުގެ އިސް ވެރިންނަށް ބޭއްވުމަށް ހަމަޖެހިފައިވާ "ވެރިންގެ ސެމިނަރ" މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ.

މީގެ އިތުރުން، މުދައްރިސުންނަށް ހާއްސަ ސެމިނަރއަކާއި ބެލެނިވެރިންނާއި، ސްކޫލް ދަރިވަރުންނަށް އަދި ދީނީގޮތުން ކައުންސިލިންގ ބޭނުންވާ މީހުންނަށް ކައުންސިލިންގ ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި މިސްކިތްތަކުގައާއި އާންމުކޮށް ހުޅުވާލެވިގެން ދިނީ ދަރުސް ދިނުމުގެ އިތުރުން ދިނީގޮތުން މައުލޫމާތު އޮޅުން ފިލުވަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ދިނުމުގެ  ގޮތުން ސުވާލާއި ޖަވާބު ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.


މިއަދުން ފެށިގެން ޖޫން 2 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޭމްޕުގެ ހަރަކާތްތައް މުލި، ނާލާފުށި، ކޮޅުފުށި އަދި ދިއްގަރުގައި ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.