ޚަބަރު

މަރުގެ މައްސަލަތައް ތަހުގީގު ކުރުމަށް ޕޯސްޓް-މޯޓަމް ހެދުމުގައި އަމަލުކުރާނެ ގޮތުގެ އިޖުރާއަތުތަކުގެ ގަވާއިދަށް އަމަލުކުރަން ފަށައިފި

25 މެއި 2022

ޖިނާއީ ކުށަކާ ގުޅިގެން މަރުވެފައިވާ މީހަކު  މަރުވި ސަބަބު ދެނެގަތުމަށްޓަކައި އަދި ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ދެނެގަތުމަށްޓަކައި މަރުވެފައިވާ މީހާގެ ޕޯސްޓް-މޯޓަމް ހެދުމުގައި އަމަލުކުރާނެ ގޮތުގެ އިޖުރާތުތަކުގެ ގަވާއިދަށް އަމަލުކުރަން ފަށައިފިއެވެ. 

 

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 1-75 ވަނަ މާއްދާގެ (ރ) ގެ ދަށުން ފުލުހުންނަށް ލިބިދޭ ބާރުގެ ދަށުން އެކުލަވާލާފައިވާ މި ގަވާއިދަށް އަމަލުކުރަން ފަށާފައިވަނީ މެއި 24 ވަނަ ދުވަހު ފެށިގެންނެވެ.

 

ޖިނާއީ ކުށަކާ ގުޅިގެން، މަރުވެފައިވާ މީހަކު މަރުވި ސަބަބު ދެނެގަތުމަށް ޓަކައި އަދި ގޮތްނޭނގޭ މަރުތަކުގެ ޙަޤީޤަތް ދެނެގަތުމަށް ޓަކައި، މަރުވެފައިވާ މީހާގެ ޕޯސްޓް-މޯޓަމް އެގްޒޭމިނޭޝަން ހެދުމުގައި ފުލުހުން ޢަމަލުކުރާ އިޖުރާއަތުތައް ބަޔާންކުރާ މި ގަވާއިދު ތަންފީޒުކުރާނީ ދިވެހި ފުލުހުންގެ ޚިދުމަތުންނެވެ. މި ގަވާއިދުގެ ދަށުން  ހަ ބާވަތެއް މަރުގެ މައްސަލައާ ގުޅިގެން މަރުވި ސަބަބު ދެނެގަތުމަށްޓަކައި ޕޯސްޓް-މޯޓަމް ހެދުމުގެ އިހުތިޔާރު ފުލުހުންނަށް ލިބިގެންވެއެވެ.

 

 ޕޯސްޓް-މޯޓަމް ހަދަންޖެހޭ ބާވަތްތަކުގެ މައްސަލަތައް 

  • އެކްސިޑެންޓަކާ ގުޅިގެން މީހަކު މަރުވެފައިވާ މައްސަލަ
  • އަމިއްލައަށް މަރުވެފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ
  • ގަސްތުގައި މީހަކު މަރާލާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ
  • އިހުމާލުގެ އަމަލަކުން މީހަކު މަރުވެފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ
  • ގޮތް ނޭނގޭ މަރުގެ މައްސަލަ
  • ގުދުރަތީގޮތުން ނޫން އެހެން ކޮންމެވެސް ގޮތަކުން މަރުވެފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ

 

މިގަވާއިދުގައި ޕޯސްތް-މޯޓަމް ހަދަންޖެހޭ ހަށިގަނޑެއް އެއްތަނުން އަނެއް ތަނެއް ގެންދަންވާނީ މަރުވެފައިވާ މީހުން ލުމަށް ހާއްސަ ބޮޑީ ބޭގު (ކެޑޭވާ ޕައުޗު) އަކަށް ނުވަތަ އެފަދަ ހާއްސަ ބޭގެއް ލިބެން ނެތް ހާލަތެއްގައި ސާފު ފޮތިގަނޑެއް ބޭނުންކޮށްގެން ހަށިގަނޑު ނިވާކޮށްގެންކަން ބަޔާންކޮށްފައިވެއެވެ. އަދި ހަށިގަނޑު އުފުލައި ގެންގުޅުމުގައި ހަށިގަނޑަށް އިތުރު ގެއްލުމެއް ނުލިބޭނެ ގޮތަށް އަދި ހަށިގަނޑަށް ލިބިދާނެ ހެއްކެއް ތަޢައްޔަރު ނުވާނެ ގޮތަށްކަމަށް ބަޔާންކޮށްފައިވެއެވެ. 

 

މީގެއިތުރުން ޕޯސްޓް-މޯޓަމް ހަދަންވާނީ ޕޯސްޓް-މޯޓަމް ހެދުމަށް ހުއްދަ ދީފައިވާ މަރުކަޒަކުން ނުވަތަ އިދާރާއަކުން ނުވަތަ ދިވެހިރާއްޖެއިން ބޭރު ގައުމެއްގައި ގާއިމްކޮށްފައިވާ އެގައުމެއްގެ ކަމާބެހޭ އިދާރާއަކުން ޕޯސްޓް-މޯޓަމް ހެދުމަށް ހުއްދަ ދީފައިވާ ތަނަކުންކަން ބަޔާންކޮށްފައިވެއެވެ. އަދި ޕޯސްޓް-މޯޓަމް ހެދުމަށް ހުއްދަ ދެވޭނީ ތަހުގީގު ކުރުމުގެ އިހްތިސާސް ލިބިދީފައިވާ ފުލުހުންގެ އިދާރީ ބަހާގެ އެންމެ އިސް އޮފިސަރުގެ ހުއްދައާ އެކުކަންވެސް ބަޔާންކޮށްފައިވެއެވެ. 

 

ހަމައެއާއެކު ޕޯސްޓް-މޯޓަމް ހަދާ މައްސަލަތަކުގައި އެމައްސަލައިގެ ތަހުގީގު ނިމެންދެން އިވެންޓް ލޮގް ފުރިހަމަކުރަންޖެހޭނެއެވެ. އަދި ކާކުކަން ދެނެގަނެވިފައިނުވާ ހަށިގަނޑެއްނަމަ އެފަރާތަކީ ކާކުކަން ދެނެގަތުމަށް ބޭނުންވާ އެންމެހާ މައުލޫމާތާއި އެފަދަ ފަރާތްތަކުގެ ޕޯސްޓްމޯޓަމް އެގްޒަމިނޭޝަނާ ގުޅޭ އެންމެހައި މަޢުލޫމާތު ހިިމެނޭ ޑޭޓާބޭސްއެއް ދިވެހި ފުލުހުންގެ ޚިދުމަތުން ގާއިމްކުރަންވާނެކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. އަދި އެފަދަ ހަށިގަނޑެއްގެ ޕޯސްޓް މޯޓަމް ހަދަނާމަ އެހަށިގަނޑަކަށް އައިޑެންޓިފިކޭޝަން ނަންބަރެއް ދޭންޖެހޭނެކަމަށްވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. 

 

ޕޯސްޓް މޯޓަމް ހެދުމަށްފަހު ހަށިގަނޑާ ގުޅޭގޮތުން ތަހުގީގު ބޭނުމަށް އިތުރު އެހެން އެއްވެސް ބެލުންތަކެއް ނުވަތަ ކަންތައްތަކެއް ކުރަން ނެތްނަމަ ލަސްކުރުމެއްނެތި އެފަދަ ހަށިގަނޑެއް އާއިލާއަށް ހަވާލުކުރުމަށް ނުވަތަ ވަޅުލުމަށް ޕޯސްޓް-މޯޓަމް އެގްޒޭމިނޭޝަން ހަދާ ފެސިލިޓިއަށް، ތަހުގީގުކުރާ ފަރާތުން ލިޔުމުން އަންގައި، މަރުވެފައިވާ މީހާގެ އާއިލާއަށް ނުވަތަ ބަލަދުވެރި ފަރާތަށް އެކަން އަންގަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.  އަދި މަރުވެފައިވާ ފަރާތަކީ ބިދޭސީއެއް ނަމަ،  ދިވެހިރާއްޖޭގައި ގާއިމްކޮށްފައިވާ އެ ބިދޭސީއަކު ނިސްބަތްވާ ޤައުމުގެ ކޮންސިއުލާ މިޝަނަށް އެންގުމަށް ޓަކައި ނުވަތަ އެ ބިދޭސީއަކު ނިސްބަތްވާ ޤައުމަށް އެކަން އެންގުމަށް ޓަކައި، ޚާރިޖީ ކަންކަމާބެހޭ ވުޒާރާއަށް އަންގަންވާނެކަމަށްވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.