ޚަބަރު

ދ. އަތޮޅުގެ ދެ ރަށެއްގައި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއް ހިންގައިފި

26 މެއި 2022

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ދ. އަތޮޅުގެ ދެ ރަށެއްގައި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއް ހިންގައިފިއެވެ.

 

އެގޮތުން، ކުޑަހުވަދޫގައި ހިންގި އޮޕަރޭޝަނަކީ އެ ރަށަށް އަންނަ ބޯޓަކުން މަސްތުވާތަކެތި ގެންނަކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 25 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން  ހިންގި އެ އޮޕަރޭޝަނުގައި 39 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ. އަދި އޭނާ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީކޮތަޅެއް އޭނާގެ އަތުން ފެނިފައިވެއެވެ.

 

އޭގެ އިތުރުން، އެ ބޯޓުން ބޭލި ފޮށިގަނޑެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

 

މާއެނބޫދޫގައިވެސް މި މަހު 25 ވަނަ ދުވަހު މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގާފައިވެއެވެ. އެ އޮޕަރޭޝަނުގައި، އެ ރަށު ބަނދަރުގައި ހުރި ފޮށިގަނޑެއް ބަލަައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ.

 

މާއެނބޫދޫ ޕޮލިސް ޑެސްކާއި ކުޑަހުވަދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއްނުވެއެވެ.

 

މި މައްސަލަތައް ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.