ޚަބަރު

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ދެ މީހަކު ހައްޔަރުކޮށްފި

23 ޖޫން 2022

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އަތޮޅުތެރޭގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ. 

 

އެ އޮޕަރޭޝަންތައް ހިންގާފައިވަނީ  ޅ.ހިންނަވަރުގެ އިތުރުން ދ.ކުޑަހުވަދޫގައެވެ. އެގޮތުން ކުޑަހުވަދޫގައި މިއަދު ހިންގި އޮޕަރޭޝަނުގައި މަސްތުވާތަކެއްޗާއެކު 28 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ. 

 

ކުޑަހުވަދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އެމީހާ ހައްޔަރުކޮށްފައިވަނީ އެރަށު ބަނދަރުމަތިން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓް ފެނުމާ ގުޅިގެންނެވެ.

 

ހިންނަވަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނުގައި މަސްތުވާތަކެއްޗާއެކު 40 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވެއެވެ. މި މަހު 21 ވަނަ ދުވަހު ހިންނަވަރުގައި މަސައްކަތްކުރާ ފުލުހުން ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު އެނާގެ އަމަލުތައް ހުރިގޮތުން މަސްތުވާތަކެތި ގެންގުޅޭކަމަށް ތުހުމަތުކުރެވިގެން ހުއްޓުވަން އުޅުމުން އެމީހާ އަތުގައި އޮތް އެއްޗެއް އެއްލާލިތަން ފެނުމުން ފުލުހުން އެއެތި ނަގައި ބަލައި ފާސްކުރިއިރު މަސްތުާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 13 ރަބަރު ޕެކެޓް ފެނިފައިވެއެވެ.  އަދި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ 40 އަހަރުގެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިންނަވަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

 

މި ދެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.