ޚަބަރު

ވައިލެންސް އަގެއިންސްޓް ޗިލްޑްރަންސް ޕްރިވެންޝަން، ޕްރޮޓެކްޝަން އެންޑް އިންވެސްޓިގޭޝަން ކޮންފަރެންސް ފަށައިފި

28 ޖޫން 2022

ދިވެހި ފުލުހުންގެ ޚިދުމަތާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދާ ‘’ވައިލެންސް އަގެއިންސްޓް ޗިލްޑްރަންސް ޕްރިވެންޝަން، ޕްރޮޓެކްޝަން އެންޑް އިންވެސްޓިގޭޝަން ކޮންފަރެންސް'' ފަށައިފިއެވެ.

މި ކޮންފަރެންސް ފެށުމަށް ކްރޮސްރޯޑްސް މޯލްޑިވްސްގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުއެވެ. އެ ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް، ފުލުހުންގެ އެކްޒެކެޓިވް އޮފިސަރުން، ކޮމިޝަންޑް އޮފިސަރުން އަދި ޔުނިސެފް މޯލްޑިވްސްގެ އިސްވެރިން ބައިވެރިވެލެއްވިއެވެ

ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ދެއްކެވި ވާހަކަފުޅުގައި، މިއަދު މި ފެށި މަސައްކަތަކީ ކުރަންޖެހިފައި އޮތް ވަރަށް މުހިންމު މަސައްކަތެއް ކަމުގައި ވިދާޅުވިއެވެ. އަދި ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭންގެ ދަށުން ފަށާފައިވާ ޕްރޮޖެކްޓް ގާޑިއަންގެ ދަށުން ކުރިއަށް ގެންދާ މިފަދަ ކޮންމެ މަސައްކަތްތަކަކީވެސް އެހެން މުއައްސަސާތަަކަށް ނަމޫނާއެއްކަމުގައި ފާހަގަކުރެއްވިއެވެ. އަދި މި ކޮންފަރެންސަކީ މުއައްސަސާތަކުގެ މެދުގައި މަޝްވަރާކުރުމާއި އެކްޝަން ޕްލޭނެއް ތައްޔާރުކުރުމާއި ފުލުހުންގެ ރޯލް ދެނެގަތުމާ އަދި ގާނޫނުތަކާއި ގަވާއިދުތައް ފުރިހަމައަށް ތަންފީޒުކުރުމުގައި މިހާރުހުރި ހުރަސްތައް ދެނެގަނެ ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކުރުމާއި ގަވާއިދުތަކަށް އަހަލުވެރިވުމަށް ވަރަށް މުހިންމު ކޮންފަރެންސެއްކަމުގައި ފާހަގަކުރެއްވިއެވެ. އަދި ހަމަ އެހެންމެ ކަންކަން ކުރުމުގައި ތިމާގެ ރޯލަކީ ކޮބައިކަމާއި އެހެން މީހުންގެ ރޯލަކީ ކޮބައިކަމާއި ކަންތައްތައް ފުށުނާރައި ކުރެވޭނެ ގޮތަކަށް ދެނެގަތުމަކީ މުހިންމުކަމެއްކަމުގައި ފާހަގަކުރެއްވިއެވެ

ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަފުޅުގައި، ދިވެހި ރާއްޖޭގައި އުފެދިގެން އަންނަ ޒުވާން ޖީލަށް ދިމާވާ މައްސަލަތަކަށް އެކަށިގެންވާ ގޮތެއްގައި ހައްލެއް ހޯދުމަށް ދިމާވެފައިވާ ގޮންޖެހުންތަކަކީ ޒަމާންތަކަކަށް އޮތް މައްސަލަތަކެއް ކަމުގައި ފާހަގަކުރެއްވިއެވެ. ހާއްސަކޮށް ހަވާސާވާ އަންހެނުންނާއި ކުޑަކުދިން ކުށުގެ ވެއްޓަށް ހުށަހެޅި، ކުށުގެ ސަބަބުން މެދުވެރިވާ އަނިޔާތަކާއި ގެއްލުންތަކުން އަރައިނުގަނެވި އެކަމުގެ ތަހަންމަލު ކުރުން އެއީ މުޅި މުސްތަގުބަލު ދުވަސްތަކަކަށް ބަނަވުމަށް މެދުވެރިވާ ފުރުސަތުކަމުގައި ވިދާޅުވިއެވެ. އަދި ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭންގައި ހާއްސަ ބާރަ ކަމަކަށް އިސްކަމެއްދީގެން މަސައްކަތްކުރެވުނުއިރު މުޖުތަމައުގެ އެކިގޮތްގޮތުން ހަވާސާވާ އަންހެނުންނާއި ކުޑަކުދިންނާއި ޒުވާނުންނަށް ދިމާވާ މައްސަލަތަކަށް އިސްކަމެއްދީގެން އެ ކަންކަން ބަލައި އެ ކަންކަމުން އަރައިގަތުމަށް މަގުފަހިވާނެގޮތަށް ފުލުހުންގެ މަސައްކަތް ބައްޓަންކުރުމަށް އިރުޝާދުދެއްވާފައިވާނެ ކަމުގައި ވިދާޅުވިއެވެ. އަދި އޭގެކުރިންވެސް ފުލުހުންގެ ފަސް އަހަރުގެ ސްޓްރެޓީޖިކް ޕްލޭން ހެދުމުގައިވެސް އެކަމަށް އިސްކަމެއްދީފައިވާ ކަމުގައި ފާހަގަކުރެއްވިއެވެ. އަދި  އޭގެ ނަތީޖާއެއްގެ ގޮތުން، ޕްރޮޖެކްޓް ގާޑިއަންއަކީ އޭރުއްސުރެ އުފެދި ބޮޑުވެ އެއަށް މަސައްކަތްކުރަމުންއައި ޕްރޮޖެކްޓެއްކަމުގައި ވިދާޅުވިއެވެ. އަދި މިއަދު މިހިސާބަށް އާދެވުނުއިރު ފުލުހުންނާއި ޔުނިސެފާއެކު މި ޕްރޮޖެކްޓުގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް ފުޅާކޮށް، ދިވެހި މުޖުތަމައުގައި ކުޑަކުދިންނަށް އެކިގޮތްގޮތުން ދޭ އަނިޔާތަކާއި މައްސަލަތައް ހައްލުކުރުމަށް އާދެވިފައި މިތިބަ ހިސާބަކީ ކުރިއަށް އޮތް އަށާރަ މަސްދުވަހަށް އިތުރަށް އަލިމަގު ދައްކައިދޭ  އަދި މަސައްކަތްކުރަންވާނެ ސާފުމަގުތަކާއި ރޮނގުތައް ކުރަހައިދީފައިވާ ކަމެއްކަމުގައި ފާހަގަކުރެއްވިއެވެ.

 

އޭގެ އިތުރުން، މި ކޮންފަރެންސްގައި ދެކެވޭ ވާހަކަތަކާއި ކުރެވޭ މަޝްވަރާތަކަކީ ކޮމާންޑަރުންގެ ލެވެލްގައި ތިއްބަވާ ބޭފުޅުން އެކުގައި ތިއްބަވައިގެން، ދިމާވާ މައްސަލަތަކާއި އެކަންކަމުގައި ހުރި ގޮންޖެހުންތަކާ އަދި އެކަމުން އަރައިގަތުމަށް އެކުގައި ކުރެވިދާނެ މަސައްކަތްތަކަކަށް ވަރަށް ބޮޑަށް މަގުފަހިވެގެންދާނެ ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި ކުޑަކުދިންނަށް ކުރެވޭ އަނިޔާތަކަށް އެންމެ ރަނގަޅުގޮތުގައި އަވަސް ތަހުގީގެއް ކުރެވިގެން ދިއުންއެއީ ދިވެހި ރައްޔިތުންގެ އެންމެ ބޮޑު އެއް އުންމީދުކަމުގައިވާނެކަމަށް ވިދާޅުވިއެވެެ. އަދި ހާއްސަކޮށް ކުޑަކުއްޖަކަށް ބޮޑު އަނިޔާއެއް އަދި ވަކި ބާވަތްތަކުގެ ބޮޑު ގެއްލުމެއް ލިބިއްޖެނަމަ މުޖުތަމައުން އެކަމާ ދޭތެރޭ ކަންބޮޑުވާ މިންވަރާއި އެކަމުގެ ސަބަބުން ހުންނަ އުދާސްތައް އެންމެ ބޮޑަށް ތަހަންމަލުކުރަންޖެހޭ ބަޔަކީ ފުލުހުން ކަމުގައި ވިދާޅުވިއެވެ. އަދި ފުލުހުންގެ ތެރެއިން ތަހުގީގު ކުރެވިގެން ދިއުމަށްފަހު ޕްރޮސެކިއުޓިން ސްޓޭޖުގައި ދިމާވާ ކަންކަމާ އަދި ކޯޓުތަކުގެ ތެރެއިން އަންނަ ހުރަސްތަކުގެ ސަބަބުން ނުވަތަ ދިމާވާ ކަންކަމުގެ ސަބަބުން އެ މެދުވެރިވެގެންދާ ގޮތުން ދިވެހިންގެ ކަންބޮޑުވުން އިންތިހާއަށް އޮންނަ ކަމުގައި ފާހަގަކުރެއްވިއެވެ. އެހެންކަމުން މިފަދަ ކޮންފަރެންސަކީ އެކަންކަމަށް ހައްލެއް ހޯދުމަށް ވަރަށް މުހިންމު ކޮންފަރެންސެއް ކަމުގައި ފާހަގަކުރެއްވިއެވެ. އަދި އެންމެން އެކުގައި އިށީނދެތިބެ މަޝްވަރާކޮށްގެން މިކަންކަމަށް ރަނގަޅު ނަތީޖާއެއް ގެނެސްދިނުމަކީ މުހިންމުކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ.

 
އަދިވެސް އޭގެ އިތުރުން، ރާއްޖޭގެ މިއަދުގެ ހާލަތުގައި ކުޑަކުދިންނާ އަންހެނުންނާ ގުޅުންހުރި މައްސަލަތަކަކީ އެންމެ ސީރިއަސް އެއް މައްސަލަކަމުގައި ބަލައިގެން އެކަމުން އަރައިގަތުމަކީ ވިލުންވެރި މުޖުތަމައެއް ބިނާކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއްކަމުގެ އިހުސާސް އެންމެންގެ ކިބައިގައިވެސް ވަރަށް ބޮޑަށް އޮވެގެން އެކަމަށްޓަކައި ވަރަށް ބޮޑަށް ޝައުގުވެރިވެ މި ކޮންފަރެސްގެ ތެރޭގަައި ކުރެވޭ ހުރިހާ މަޝްވަރާތަކެއްގައި ފުރިހަމައަށް ބައިވެރިވެ އެންމެންގެ ހިއްސާއާ އެކުގައި ރަނގަޅު ނަތީޖާއެއް ނުކުތުމަކީ އެންމެ އެދިވަޑައިގަންނަވާ ކަންތައް ކަމުގައި ވިދާޅުވިއެވެ.

މިއަދުން ފެށިގެން މި މަހު 30 އަށް، ކްރޮސްރޯޑްސް މޯލްޑިވްސްގައި ކުރިއަށް ގެންދާ މި ކޮންފަރެންސަކީ ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރައްވާ ޑިސިޝަން މޭކިންގ ލެވެލްގެ އޮފިސަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ކޮންފަރެންސެކެވެ.

 

މި ކޮންފަރެންސަކީ ދިވެހި ފުލުހުންގެ ޚިދުމަތާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން، އާއިލާއާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދާ ކޮންފަރެންސެކެވެ.