ޚަބަރު

ފިހާރަތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ތޮއްޑޫގައި ކުރިއަށް ގެންގޮސްފި

29 ޖޫން 2022

ކުށްމަދު އަމާން މާހައުލެއް ރަށްރަށުގައި ގާއިމުކޮށް،ރައްޔިތުން ހޭލުންތެރިކުރުމަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން، އއ. ތޮއްޑޫގެ ފިހާރަތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް އެ ރަށު ޕޮލިސް ޕޯސްޓުގައި މަސައްކަތްކުރާ ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.

 

ޖޫން 28 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގެ ތެރެއިން ރަށުގެ ފިހާރަތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދީފައިވެއެވެ. އެގޮތުން، ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިފައިވާ ފިޔަވަޅުތައްބަލައި އަދި އިތުރަށް ރަނގަޅު ކުރަންޖެހޭ ކަންކަން ބުނެދީފައިވެއެވެ. އަދި ސައްހަނޫން ބެންކް ސްލިޕް ބަލައި ދެނެގަންނާނެގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

 

އޭގެ އިތުރުން، ފިހާރައިގައި ސީސީޓީވީ ކެމެރާ ހަރުކުމުގެ މުހިންމުކަމާއި ފިހާރަ ބަންދުކޮށްފައިދާއިރު އިތުރަށް ސަމާލުކަން ދޭންވީ ކަންކަންބުނެދީ ފިހާރައިގެ ސަލާމަތާއި ރައްކާތެރިކަމަށް އިތުރަށް ކުރެވިދާނެ ކަންކަން ބުނެދީފައިވެއެވެ. އަދި ކުރިއަށް އޮތީ އީދު ޗުއްޓީކަމަށް ވުމާއެކު ވިޔަފާވެރިން އިތުރަށް ސަމާލުކަން ދޭންވީކަންކަމާއި ކުށުގެ އެއްވެސްކަމެއް ފާހަގަކުރެވިއްޖެނަމަ ފުލުހުންނަށް ރިޕޯޓުކުރުމަށް އިރުޝާދު ދީފައިވެއެވެ.

 

މި ޕްރޮގްރާމްގައި އެރަށުގައި ހިންގަމުންގެންދާ ހުރިހާ ފިހާރަޔަކަށް ޒިޔާރަތްކޮށް މައުލޫމާތު ދީފައިވެއެވެ.