ޚަބަރު

ކުޑަކުދިންގެ މައްސަލަތަކާ ގުޅުންހުރި ކަންކަމުގެ ތަހުގީގުތަކަށް މުހިންމު ބަދަލުތަކެއް ގެނެވިއްޖެ – އޭސީޕީ މުޙައްމަދު ރިޔާޟް

29 ޖޫން 2022

ކުޑަކުދިންގެ މައްސަލަތަކާ ގުޅުންހުރި ކަންކަން ތަހުގީގުކުރުމުގައި ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި މުހިންމު ބަދަލުތަކެއް ގެނެވިފައިވާކަމަށް، ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑުގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޟް ވިދާޅުވެއްޖެއެވެ.

 

މުޙައްމަދު ރިޔާޟް މިގޮތަށް ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދާ ‘’ވައިލެންސް އަގެއިންސްޓް ޗިލްޑްރަންސް ޕްރިވެންޝަން، ޕްރޮޓެކްޝަން އެންޑް އިންވެސްޓިގޭޝަން ކޮންފަރެންސް'' ފެށުމަށް އިއްޔެބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

 

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މުޙައްމަދު ރިޔާޟް އިތުރަށް ވިދާޅުވީ ފެމެލީ ޗައިލްޑް ޕްރޮޓެކްޝަން ވިންގަށް ގެނައި ބަދަލުތަކާ އެއްކޮށް އެކަމާ ގުޅުންހުރި ގަވާއިދުތަކާ އުސޫލުތައް އެކުލަވާލެވި ވަކިން ހާއްސަކޮށް ކުޑަކުދިންގެ އަދުލުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތަކާބެހޭ ގާނޫނަށް ފުލުހުން އަހުލުވެރިކޮށް ތަފާތު ޕްރޮގްރާމްތައް ކުރިއަށް ގެންދެވިފައިވާކަމަށެވެ. އަދި މައްސަލަ ތަހުގީގުކޮށް، ކުށްކުރާ މީހުންނަށް ފިޔަވަޅު އެޅުމުގެ އިތުރުން ކުޑަކުދިންނަށްކުރާ އެކި ބާވަތުގެ އަނިޔާއާއި ގޯނާ ހުއްޓުވައި ކުޑަކުދިން ހިމާޔަތްކުރުމަށް އިތުރަށް ކުރަންވީ ކަންކަން ދެނެގަނެ އާއިލާތައް ހޭލުންތެރިކުރުމާއެކު، އެކުދިން އަނިޔާއަށް ހުށަހެޅޭ ދޮރުތައް ބަންދުކުރަންޖެހޭކަމަށް ވިދާޅުވިއެވެ.

 

އޭގެ އިތުރުން، ކޮންފަރެންސްގެ އެ ދާއިރާގައި ހިމެނޭ ކަންތައްތަކުގެ މައްޗަށް އެންމެން ތިބެގެން ހިޔާލު ބަދަލުކުރާއިރު، ކުޑަކުދިންނަށް ދިމާވާ މައްސަލަތަކުގެ ސަބަބުތަކަކީ ކޮބައިތޯ ބަލައި އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް އެކުދިންނަށް ބޭނުންވާ އަމާން މާހައުލެއް ހޯދައިދިނުމަށްޓަކައި ކަމާ ގުޅުންހުރި ހުރިހާ މުއައްސަސާތަކުން ވާހަކަދައްކަންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި މުޖުތަމައުގެ ތެރެއިން ކުޑަކުދިންނަށް ލިބޭ އެކި ބާވަތުގެ އަނިޔާތައް ހުއްޓުވަން ގިނަ މަސައްކަތްތަކެއް ކުރެވޭއިރުވެސް ތަކުރާރުކޮށް އެ އަމަލުތައް ހިންގަމުންދަނީ ކީއްވެތޯ އާއި ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބޭ ވަރަށް ގިނަ ކަންކަން މުޖުތަމައު ތެރެއިން ފެންނަމުންދާއިރު ކުށްކުރާ މީހުންނަށް އަޅާ ފިޔަވަޅުތަކާއި އެފަދަ މައްސަލަތައް ތަހުގީގުކުރާ ގޮތާއި އެފަދަ ކަންކަން ހުއްޓުވަން އިތުރަށް ކުރަންޖެހޭ ކަންކަމާމެދު ވިސްނާލަންޖެހޭކަމަށް ވިދާޅުވިއެވެ.

 

ހަަމަ އެހެންމެ ފާއިތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ މާހައުލަށް ގެނެވުނު ބަދަލުތަކުން ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް ތަހުގީގުކޮށް ކުރަންޖެހޭ ހުރިހާކަމެއް ފުރިހަމަކޮށް ނިންމާ މިންވަރު އަވަސްވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ ކަމަށް ވިދާޅުވިއެވެ. އަދި ކޮންފަރެންސްގެ ދާއިރާގެ ތެރޭގައި ކުޑަކުދިންގެ ހައްގުތަކާ ގުޅޭގޮތުން ވާހަކަދެކެވެމުންދާއިރު، ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކެއް ހުރިކަމުގައި ފާހަގަކުރެއްވިއެވެ. އެގޮތުން، ކުޑަކުދިންނަށް އަނިޔާކުރާ މައްސަލަތައް ބެލުމަށް، ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވައި އެކުދިން ރައްކާތެރިކުރުމަށް އެންމެންގެ ނަޒަރުގައި ފުލުހުންގެ ދައުރަކީ ކޮބައިކަން ދެނެގަންނަންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ކުޑަކުދިންނަށް އަނިޔާކުރާ މައްސަލަތައް ތަހުގީގުކުރާ އުސޫލުތަކަށް އައިސްފައިވާ ބަދަލުތަކާއި ކުޑަކުދިންގެ ހައްގު ރައްކާތެރިކުރުމަށް ކަނޑައެޅިފައިވާ ކަންތައްތަކާއި މައްސަލަތައް، ތަހުގީގުކުރާ އިސް ފަރާތްތަކުން ދެނެގަންނަންޖެހޭ ކަމަށް ވިދާޅުވިއެވެ.

 

އޭގެ އިތުރުން، މިހާރު ހުށަހެޅިފައިވާ މައްސަލަތަކުން ހޯދޭ ކަންކަމުގެ އަލީގައި، ކުޑަކުދިން ހިމާޔަތްކުރުމަށް ހަދާފައިވާ ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކުރުމަށް ހުރަސްއެޅޭ ކަންކަމަކީ ކޮބައިކަން ދެނެގަންނަންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ކުޑަކުދިންނަށްކުރާ އަނިޔާއިން އެކުދިން ރައްކާތެރިކުރުމަށް ހުރިހާ މުއައްސަސާތައް ގުޅިގެން، މަސައްކަތްކުރާ ނިޒާމު ވަރުގަދަކުރުމަށް ވިސްނަންޖެހޭ ކަމަށާއި ކުޑަކުދިންނަށްކުރާ އަނިޔާތަކުގެ މައްސަލަތައް ތަހުގީގު ކުރުމަށް، ކުޑަކުދިންނަށް އަނިޔާކުރުން ހުއްޓުވައި އެކުދިން ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކުގައި މިހާރަށްވުރެ ރަނގަޅު ނަތީޖާއެއް ނެރުމަށް ކޮންފަރެންސްއިން ލިބޭ މައުލޫމާތުގެ އަލީގައި ހުރިހާ މުއައްސަސާތަކަށް އެއްބަސްވެވޭ ގޮތެއްގެ މައްޗަށް އެކްޝަން ޕްލޭނެއް އެކުލަވައިލާނެ ކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް އަހަރެއްހައި ދުވަހުގެތެރޭގައި އެ އެކްޝަން ޕްލޭނަށް އަމަލުކުރަން ފެށިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.