ޚަބަރު

މާލެސިޓީގެ ތިން ސްކޫލެއްގައި ހިންގި ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

30 ޖޫން 2022

ހުރަވީ ސްކޫލް، ރެހެންދި ސްކޫލް އަދި ތާޖުއްދީން ސްކޫލުގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ނިންމައި، ދަރިވަރުންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އެކަމަށްޓަކައި ތާޖުއްދީން ސްކޫލްގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމްއެވެ. އެ ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ރަޝީދު، ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑރ. މުސްޠަފާ ލުތުފީ، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ރަޝީދު، މާލެސިޓީ ޕޮލިސްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު، ރޯޑް ޕޮލިސްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު އަޒްހާން، ފުލުހުންގެ ކޮމިޝަންޑު އޮފިސަރުން، ހުރަވީ ސްކޫލް، ރެހެންދި ސްކޫލް އަދި ތާޖުއްދީން ސްކޫލުގެ ޕްރިންސިޕަލް ބައިވެރިވެލެއްވިއެވެ.

ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ނައިބު ރައީސް ފައިސަލް ނަސީމް ދެއްކެވި ވާހަކަފުޅުގައި، ޓްރެފިކް މޮނީޓާސް ޕްރޮގްރާމަކީ ފުލުހުންނާއި އެޑިއުކޭޝަން މިނިސްޓްރީގެ ވަރަށް ބޮޑު އިސްނެގުމެއް ކަމުގައި ވިދާޅުވިއެވެ. އަދި މިފަދަ ކަމަކަށް ދަރިވަރުން ބައިވެރި ކުރުމަކީ ވަރަށްވެސް މުހިއްމު ކަމެއްކަމަށާއި އެކަމަކީ ވަރަށް ބޮޑަށް ފާހަގަ ކުރަންޖެހޭ ކަމެއްކަމަށް ވިދާޅުވިއެވެ. އަދި ޓްރެފިކް މޮނީޓާސް ޕްރޮގްރާމް މިއަދާ ހަމައަށްއައި އިިރު ގާތްގަޑަކަށް 1500 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެ 50 އަށްވުރެ ގިނަ ސްކޫލުގައި މި ޕްރޮގްރާމް ހިންގިފައިވާކަމަށް ވިދާޅުވިއެވެ. އަދި މަގުމަތީގައި ހިނގާ އެކްސިޑެންޓުތަކާއި ދިމާވާ ކަންކަމާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތަކީ އެއްވެސް މީހަކު އިސްތިސްނާ ނުވާގޮތަށް ކޮންމެ މީހެއްގެވެސް ޒިންމާއެއް ކަމަށް ދެކިގެން ކުރަންޖެހޭ ކަމެއްކަމަށް ވިދާޅުވިއެވެ.

 

އަދި ހަމަ އެހެންމެ ސްކޫލް ދަރިވަރުން ހުރިހާކަމެއް ދަސްކުރަންޖެހޭކަމަށާއި މިއަދު ގައުމީ މަންހަޖަކީ އެއީކަމާ އަދި ހަމައެކަނި ސްކޫލު ތެރެއިން، ކްލާސް ރޫމުގެ ތެރެއިން ފިލާވަޅުތައް ދަސްކޮށްގެން މިހާރު މި ދުނިޔޭގައި ކުރިއަރަމުންދާ މިންވަރަށް ފައިތިލަ ހިފަހައްޓާ ލެވޭކަށް ނެތްކަމަށް ވިދާޅުވިއެވެ. އަދި މުޖުތަމައަށް ނުކުންނައިރު ތަފާތު އެކިކަންތައްތައް ދަސްކުރަންޖެހޭ ކަމަށާއި މި އުމުރުގައި ދަރިވަރުންނަށް ދަސްވާ މިބާވަތުގެ ކަންކަމަކީ އޭގެ ނަތީޖާ މާރަނގަޅުވާނެ ކަމެއްކަމަށް ވިދާޅުވިއެވެ. އަދި ޓްރެފިކް މޮނީޓަރުންގެ އިތުރު ޒިންމާއެއްގެ ގޮތުގައި، ދަރިވަރުންނަށް ދަސްވިއެއްޗެއް އެހެންކުދިންނަށް ބުނެދިނުމާއި އެ މެސެޖު ރައްދުކޮށްދިނުމަކީ ވަރަށްބޮޑު އެދުމެއް ކަމަށް ވިދާޅުވިއެވެ. އަދި ޗުއްޓީގެ ބޭނުން ހެޔޮގޮތުގައި ހިފައި ކޮންމެ ދުވަހަކުވެސް ހެޔޮކަމެއް ކުރުމަށް ދަރިވަރުންގެ ކިބައިން އެދިލެއްވިއެވެ.

 

އޭގެ އިތުރުން، މަގުމަތީގައި ހިނގާ އެކްސިޑެންޓުތަކުގެ މައްސަލަތަކަކީ ސީރިއަސްކޮށް ނަގަންޖެހޭ ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގައި މިކަމަށް ތަފާތުއެކި ވަރަށް ގިނަ މަސައްކަތްތައް ސަރުކާރުގެ އެކިއެކި ފަރާތްތަކުން މުއައްސަސާތަކާ ގުޅިގެން ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި 2019 ވަނަ އަހަރު ފަށާފައިވާ ރޯޑް ސޭފްޓީ އެވެއާނަސް ޕްރޮގްރާމް މުޅިރާއްޖޭގައި އަދި ވަކިން ހާއްސަކޮށް މާލެ، ހުޅުމާލެ އަދި ރާއްޖޭގެ ބޮޑެތި ރަށްރަށަށް ބޮޑަށް އަމާޒުކޮށްގެން މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ވިދާޅުވިއެވެ. އަދި އެ ޕްރޮގްރާމުން ރަނގަޅު ނަތީޖާތަކެއް ފެނިގެން ދިޔަކަން ފާހަގަކުރެއްވިއެވެ.

ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް ދެއްކެވި ވާހަފުޅުގައި، ޓްރެފިކް މޮނީޓާސް ޕްރޮގްރާމަކީ ފުލުހުންގެ ޚިދުމަތުގެ ފަރާތުން، ދިވެހިރާއްޖޭގެ ރަށްތަކުގެ މަގުތަކަކީ އެންމެންނަށް އަމާން ރައްކާތެރި ތަނެއްގެ ގޮޮތުގައި ހެދުމަށް ކުރެވޭ ގިނަ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދާ ވަރަށް މުހިންމު އެއް މަސައްކަތްކަމުގައި ފާހަގަކުރެއްވިއެވެ. އަދި ދަރިވަރުން ހޭލުންތެރިކޮށް އުނގަންނައި ދިނުމަށް އެންމެ ރަނގަޅު ނަތީޖާއެއް ނެރެވޭނީ ލޮލުންދެކި އަތުން ހިފައިގެން ކަމެއްކުރުމުން ކަމުގައިވާތީ އެފަދައިން މައުލޫމާތު ދިނުމަށް ހިންގާ ޕްރޮގްރާމެއް ކަމަށް ވިދާޅުވިއެވެ. އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ ސްޓްރެޓީޖިކް ޕްލޭންގައި ފުލުހުން އިސްކަމެއް ދޭނެ ހަ ކަމެއް ފާހަގަކޮށްފައިވާއިރު  މަގުމައްޗާއި، ކަނޑުމަތީގެ ރައްކާތެރިކަމަކީ އޭގެތެރެއިން ފާހަގަކޮށްލެވޭ މުހިންމު އެއް ކަންތައް ކަމަށް ވިދާޅުވިއެވެ. އަދި މަގުމަތީގެ ރައްކާތެރިކަން ހުރިހާ އެންމެންނަށް މުހިންމު ބައިވަރު ސަބަބުތަކެއް ހުރިކަމަށް ވިދާޅުވިއެވެ. އަދި ގޭންގު ވައިލެންސަށް ވުރެވެސް މާބޮޑަށް މަގުމައްޗަކީ ނުރައްކާތެރި ތަނެއްގެ ގޮތުގައި ވޭތުވެދިޔަ ދިހަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލައިލުމުން ފާހަގަވާކަމަށް ވިދާޅުވިއެވެ.

 

އޭގެ އިތުރުން، މަގުމަތި ބޭނުންކުރާއިރު ގަވާއިދާ އެއްގޮތަށް އުޅޭ މީހުންނަށްވެސް މަގުމަތީގެ ނުރައްކާތަކާއި ހާލަތްތަކާ ކުރިމަތިލާންޖެހޭ ކަމަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ހިތާމަކުރާކަމެއް ކަމަށާއި ގާނޫނު ތަންފީޒުކޮށް ބާރުގެ ބޭނުންކުރުން އެއީ ހަމައެކަނި މަގުމަތި ރައްކާތެރި ކުރުމަށް އޮތް ހައްލު ކަމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ނުހަދާނެކަމަށާއި، އޭގެ ބަދަލުގައި މީހުން އެކަމަށް ހޭލުންތެރިކޮށް ތަމްރީނު ކުރުވައިގެން ގާނޫނާ އެއްގޮތަށް އަމަލު ކުރުވައިގެން މަގުމައްޗަކީ އަމާން ތަނަކަށް ހެދުން އެ ހުރިހާ ކަމަކަށް ވުރެ މުހިންމު ކަމަށް ވިދާޅުވިއެވެ. އަދި ތަނެއްގެ އަމާންކަން ދެމެހެއްޓޭނީ ފުލުހުން ނުކުމެ ބާރުގެ ބޭނުންކޮށްގެން ނޫންކަމަށާއި ރައްޔިތުން ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އުޅޭ މިންވަރަކުން އެ އަމާންކަން ދެމެހެއްޓޭނެކަމަަށް ވިދާޅުވިއެވެ.

 

އަދިވެސް އޭގެ އިތުރުން، މިފަދަ ޕްރޮގްރާމެއްގެ ތެރެއިން އެތައް ކުދިންނެއް ތަމްރީނު ކުރެވިގެންދާއިރު އެ ކުދިންނަކީ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް މަގުމަތީގެ އަމާންކަން ދަމަހައްޓަން މަސައްކަތްކުރާނެ ކުދިންތަކެއް ކަމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވިއެވެ.
އަދި ދިވެހި ފުލުހުންގެ ޚިދުމަތާއި ޓްރެފިކް މޮނީޓާސް ޕްރޮގްރާމުން ތަމްރީނުވި ދަރިވަރުންނާ އަދި ރައްޔިތުން ގުޅިގެންކުރާ މަސައްކަތުން ރާއްޖޭގެ މަގުތަކަކީ އަމާން މަގުތަކަކަށް ވެގެންދިއުން އުންމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.

ރޭ ބޭއްވި ރަސްމިއްޔާތުގައި، ހުރަވީ ސްކޫލްގެ 48 ދަރިވަރުން، ރެހެންދި ސްކޫލްގެ 49 ދަރިވަރުން އަދި ތާޖުއްދީން ސްކޫލްގެ 42 ދަރިވަރުންނަށް ޓްރެފިކް މޮނީޓާސް ބެޖާއި ޓްރެފިކް ވެސްޓް ހަވާލު ކުރުމުގެ އިތުރުުން ހަނދާނީ ލިޔުން ހަވާލުކޮށްފައިވެއެވެ.

ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޓްރެފިކް މޮނީޓާސް ޕްރޮގްރާމްގައި އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ގުޅޭގޮތުން ދަރިވަރުންނަށް މައުލޫމާތު ދީފައިވެއެވެ. އަދި ދަރިވަރުންގެ އަމިއްލަ ނަފްސުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމާއެކު ސެލްފު ޑިފެންސް ކްލާސްތައް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ޓްރެފިކް ބެލެއްޓުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތު ހިއްސާކޮށް، ޓްރެފިކް ބެލެހެއްޓުމުގެ އަމަލީ ހަރަކާތްތައް މަގުމަތީގައި ކުރިއަށް ގެންގޮސްފައިވެއެވެ.

އޭގެ އިތުރުން، ޓްރެފިކް މޮނީޓަރުންގެ ގޮތުގައި ދަރިވަރުން މަގުމަތީގައި ހަރަކާތްތެރިވާއިރު އާންމުންނާ މުއާމަލާތު ކުރުމުގައި ވާހަކަ ދެއްކުމުގެ ރީތި އަދަބުތައް ބޭނުންކުރުމަށް މައުލޫމާތުދިނުމުގެ އިތުރުން ދިވެހިބަހުގެ ހަމަތަކާއި އުސޫލުތައް ހިމެނޭގޮތަށް، މުއާމަލާތު ކުރުމުގެ ހުނަރުތައްވެސް ދަސްކޮށްދީފައިވެއެވެ.

ޓްރެފިކް މޮނީޓާސް ޕްރޮގްރާމަކީ އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް ދަރިވަރުން އަހުލުވެރިކުރުވައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ނަގަހައްޓައި ދަމަހައްޓާނެ ޖީލެއް ބިނާކުރުމަށާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުުގައި އަމަލީ ގޮތުން ސްކޫލްތަކުގެ ދަރިވަރުން ބައިވެރިކުރުމުގެ މަގުސަދުގައި ދިވެހި ފުލުހުންގެ ޚިދުމަތާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ޖޫން 19 އިން 23 އަށް ހުރަވީ ސްކޫލް، ރެހެންދި ސްކޫލް އަދި ތާޖުއްދީން ސްކޫލުގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމްގައި ތިން ސްކޫލް ހިމެނޭހެން 139 ދަރިވަރުން ބައިވެރިވިއެވެ.