ޚަބަރު

ދެރަށަކުން މަސްތުވާތަކެތި ހޯދައި މީހަކު ހައްޔަރުކޮށްފި

25 ޖުލައި 2022

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހދ.ހަނިމާދޫ އަދި ދ.މީދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެތި ހޯދައި މީހަކު ހައްޔަރުކޮށްފިއެވެ.

 

އެގޮތުން ، ދ.މީދޫގައި ހިންގި އޮޕަރޭޝަނަކީ މީދޫ އަށް މަސްތުވާތަކެތި އެތެރެ ކުރާކަމަށް އެރަށު ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ޖުލައި 23 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަނުގައި ދ.އަތޮޅުގައި ދަތުރުކުރާ ފެރީ މީދޫ ބަނދަރާ ކައިރިކުރި ވަގުތު ފުލުހުން ފެރީއަށް އަރައި ބަލައި ފާސްކުރިއިރު, އެފެރީ ތެރޭގައި ހުރި އައިސް ބޮކްސް އެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 20 ރަބަރު ޕެކެޓް ފެނިފައިވެއެވެ. މިމައްސަލަ އާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. 

 

އޭގެ އިތުރުން ހަނިމާދޫގައި އޮޕަރޭޝަނެއް ހިންގާފައިވާއިރު، އެ  އޮޕަރޭޝަނަކީ ހަނިމާދޫގައި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޖުލައި 22 ވަނަ ދުވަހު އެރަށު ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަޝަނެކެވެ.

 

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 31 އަހަރުގެ ފިރިހެނެކެވެ. އެ އޮޕަރޭޝަނުގައި އޭނާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓް ފެނިފައިވެއެވެ.

 

މިމައްސަލައާ ގުޅިގެން އެމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް ނުވަ ދުވަހުގެ މުއްދަތު ދީފައިވެއެވެ. 

 

މި ދެމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.