ޚަބަރު

ކޮމިޝަނަރ އޮފް ޕޮލިސްގެ ވާދައިގެ ތައްޓަށް ކުޅޭ " ސީޕީ ކަޕް ވޮލީބޯޅަ މުބާރާތް" ފަށައިފި

14 އޯގަސްޓް 2022

ޕޮލިސް ކުލަބުން އިންތިޒާމްކޮށްގެން ފުލުހުންގެ ބަހާތަކަށް އަމާޒުކޮށްގެން ބާއްވާ ކޮމިޝަނަރ އޮފް ޕޮލިސްގެ ވާދައިގެ ތައްޓަށް ކުޅޭ " ސީޕީ ކަޕް ވޮލީބޯޅަ މުބާރާތް" ފަށައިފިއެވެ.

 

މިދިޔަ ހޮނިހިރު ދުވަހު މުބާރާތް ފެށުމުގެ ގޮތުން ގަލޮޅު ޕޮލިސް ސްޓޭޝަން ފުރަގަހުން އޮންނަ ވޮލީކޯޓުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ. މިރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް އާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ޕޮލިސް ކުލަބުގެ ނައިބު ރައީސް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަތުހުﷲ ވަހީދު އާއި ފުލުހުންގެ ކޮމިޝަންޑް ބައެއް އޮފިސަރުންނާއި ވޮލީބޯޅަ އެސޯސިއޭޝަންގެ ބޭފުޅުން ބައިވެރިވެލެއްވިއެވެ. 

 

އޮގަސްޓް މަހުގެ 13 ން ސެޕްޓެމްބަރު 3 އަށް ކުރިއަށް ގެންދާ ސީޕީ ކަޕް ވޮލީބޯޅަ މުބާރާތުގައި ފުލުހުންގެ އެކި ބަހާތަކުން 18 ޓީމަކުން ބައިވެރިވެފައިވެއެވެ. އެއީ ފިރިހެން ޑިވިޜަންގެ 14 ޓީމާއި އަންހެން ޑިވިޜަންގެ ހަތަރު ޓީމެވެ.

 

ދެ ޑިވިޜަނަކަށް ކުރިއަށް ގެންދާ މި މުބާރާތުގެ ފިރިހެން ޑިވިޜަން ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕަކުންވެސް ދެ ޓީމު ސެމީ ފައިނަލަށް ދާގޮތަށެވެ. އަދި ފިރިހެން ޑިވިޜަންގެ ފައިނަލަށް ދާ ޓީމު ކަނޑައަޅާނީ ސެމީ ފައިނަލަށް ދަތުރުކުރާ ހަތަރު ޓީމުގެ މެދުގައި ކުޅޭ ތިން ސެމީ ފައިނަލް މެޗުންނެވެ. އެގޮތުން ފުރަތަމަ ސެމީ ފައިނަލުން މޮޅުވާ ޓީމަށް ފައިނަލަށް ޖާގަލިބޭއިރު، ފައިނަލުގައި ވާދަކުރާ ދެވަނަ ޓީމު ކަނޑައަޅާނީ ފުރަތަމަ ސެމީން ބަލިވި ޓީމާއި ދެވަނަ ސެމީން މޮޅުވާ ޓީމު ވާދަކުރާ މެޗުންނެވެ. 

 

މި މުބާރާތުގެ އަންހެން ޑިވިޜަން ކުރިއަށްދަނީ ލީގު އުސޫލުން ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ތިން ޓީމު ސެމީއަށް ދާގޮތަށެވެ. އަންހެން ޑިވިޜަންގައިވެސް ތިން ސެމީ ފައިނަލް މެޗު ކުޅުމަށްވަނީ ހަމަޖެހިފައެވެ.

 

ކޮމިޝަނަރ އޮފް ޕޮލިސްގެ ވާދައިގެ ތައްޓަށް ކުޅެވޭ " ސީޕީ ކަޕް" އަކީ ޕޮލިސް ކުލަބުން އިންތިޒާމުކޮށްގެން ފުލުހުންގެ އެކި ބަހާތަކަށް އަމާޒުކޮށްގެން ބާއްވާ ކުޅިވަރު މުބާރާތްތަކުގެ ތެރޭގައި ހިމެނޭ އެންމެ ޝަރަފްވެރި މުބާރާތެވެ.