ޚަބަރު

ކެނދިކުޅުދޫ ޕޮލިސް ސްޓޭޝަން ހުޅުވައިފި

18 އޯގަސްޓް 2022

ނ. އަތޮޅު ކެނދިކުޅުދޫގައި ފުލުހުންގެ މަރުކަޒެއް ރަސްމީކޮށް ހުޅުވައި ޚިދުމަތްދޭން ފަށައިފިއެވެ.

 

އެކަމަށްޓަކައި ކެނދިކުޅުދޫގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެ ޕޮލިސް ސްޓޭޝަން ހުޅުވައިދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދެވެ. އަދި ޕޮލިސް ސްޓޭޝަން ހުޅުވައި ދެއްވުމަށްފަހު ޕޮލިސް ސްޓޭޝަންގައި ގައުމީ ދިދަ އާއި ފުލުހުންގެ ދިދަ ނަންގަވައި ދެއްވާފައިއެވެ.

އެ ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި، ކޮމިޝަންޑް އޮފިސަރުންނާއި ނޯތު ޕޮލިސް ރީޖަން ކޮމާންޑަރު އަދި ނ. އަތޮޅު ކޮމާންޑަރާއި ކެނދިކުޅުދޫ ކައުންސިލް އިދާރާގެ އިސްވެރިންނާއި ރަށުގެ މުއައްސަސާތަކުގެ ވެރިން ބައިވެރިވެލެއްވިއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަ ފުޅުގައި، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރުމުގެ މަސައްކަތުގެ ތެރެއިން، ކޮންމެ ރަށެއްގައި ގާއިމުކުރާ ޕޮލިސް ސްޓޭޝަނަކީވެސް ރާއްޖޭގެ އަމާންކަން ކަށަވަރުކުރުމަށް އަޅުގަނޑުމެން ގަތާލާ ޗޭނުގެ ބޮޅެއްކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގެ އަމާންކަމާ ސުލްހަވެރިކަން ކަށަވަރުކުރުމަށް، މީހުން ދިރިއުޅޭ 187 ރަށުގައި ފުލުހުން ގާއިމުވުމުން މެނުވީ މި ޗެއިން ނުވަތަ މި ބޮޅު އެއްކޮށް ފުރިހަމަ ވެގެން ނުދާނެކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

 

އެގޮތުން ސްޓޭޝަނަކުން ސްޓޭޝަނަކުން ގުޅުވަމުންގޮސް މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި ސްޓޭޝަންތައް ގާއިމު ކުރެވުމުން އޭގައި ޖައްސަންވީ ރީތިކުލަޔާ ހަމައަށްދެވޭނެކަމާއި، އެންމެ ފުރަތަމަ އެންމެ އާދައިގެ ގޮތެއްގައި އެންމެ ކުޑަމިނުން ހިދުމަތް ފަށައިލުން އެއީ މި ޗެއިން ދެކޮޅު ޖެއްސުމަށްޓަކައި ކުރަންޖެހޭ މަސައްކަތްކަމަށް ވިދާޅުވިއެވެ. އަދި އެއަށްފަހު ހިދުމަތް ފުރިހަމަކޮށް ތަރައްގީކޮށް އޭގައި ޖައްސަންޖެހޭ ރީތި ކުލަތައް ޖެއްސުމަށް އެ މަސައްކަތް ފަށައިގަނެވޭނެކަމަށް ވިދާޅުވިއެވެ. އެގޮތުން މިއަދު މިކުރެވޭ މަސައްކަތަކީ އެންމެ އާދައިގެ ގޮތެއްގައި ނަމަވެސް އެ ހިދުމަތް ގާއިމު ކުރުމަށް ކުރެވޭ ބުރަ މަސައްކަތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

 

އަދި މި މުޖުތަމައު ކުރިއަރައި ދިއުމަށްޓަކައި މި މުޖުތަމައަކީ އުފާވެރި މުޖުތަމައަކަށް ހެދުމަށްޓަކައި އުފައްދަންޖެހޭ އެންމެ މުހިންމު އެއްކަމަކީ މުޖުތަމައުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުންކަމަށް ވިދާޅުވިއެވެ. މިކަން ކުރެވޭނީ ފުލުހުންގެ ހިދުމަތް ގާއިމުކުރެވިގެން، ފުލުހުންނާއި އެހެން މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ރައްޔިތުންގެ ކިބައިގައި އެ ސިފަތައް އަށަގަންނުވައިގެން ކަމާއި ވަކިން ހާއްސަކޮށް ރައްޔިތުންގެ ކިބައިގައި ހުންނަންޖެހޭ ތަހުޒީބީ މުޖުތަމައުތަކަށް އެކަށީގެންވާ ރީތި ސިފަތާކާއި މަތިވެރި އަހުލާގިއްޔާތުތައް އަށަގެންނެވުން އެއީ މުޖުތަމައެއް ކުރިއަރައިގެން ދިއުމަށް ލިބޭ މުހިންމު އެއް ސިފަކަމުގައި ފާހަގަކުރެއްވިއެވެ. އަދި ފުލުހުން ގާއިމުކޮށްގެން، ކުށްކުރާ ފަރާތްތައް ބަންދުކޮށްގެން ޖަލަށްލެވިދާނެކަމާ ނަމަވެސް އެއީ ހައްލު ނޫންކަމާ އަދި ހައްލަކީ ފުލުހުންނާއި ކައުންސިލާ އަދި ރައްޔިތުން ގުޅިގެން މުޖުތަމައުން އެފަދަ ކަންކަން ނެތިގޮސް އެންމެންނަކީވެސް އޭގެ ޒާތުގައި، ހިތްފަސޭހަކަމާއި އުފަލާއެކު އުޅޭ ރިވެތި އަހުލާގީ ސިފަތައް ލިބިގެންވާ ބަޔަކަށްވުމުން އެ މުޖުތަމައަކީ ފުރިހަމަ ރަނގަޅު މުޖުތަމައަކަށް ވެގެންދާނެކަން ފާހަގަކުރެއްވިއެވެ.

 

އޭގެ އިތުރުން، ފުލުހުންގެ މުއައްސަސާގެ އަގު ނެގެހެއްޓުމަށް އެންމެން ގުޅިގެން އަދި މުއައްސަސާއަށް ލޯތްބާއި އިހްތިރާމް ދިނުމަށް އެންމެން ގުޅިގެން މަސައްކަތް ކޮށްދިނުމަށް އެދިލެއްވިއެވެ. އަދި ފުލުހުންގެ މުއައްސަސާގެ ޝަރަފަކީ އެއީ މުޅި މުޖުތަމައުގެ ޝަރަފުކަމާއި އަމަންއަމާންކަމާއި ރައްކާތެރިކަމާއި އަދުލު އިންސާފާ، މި ހުރިހާކަމަކާ ގުޅުން އޮތީ ފުލުހުންގެ މުއައްސަސާގެ އަގުހިފެހެއްޓުނު މިންވަރަކުންކަމަށްވުމުން މުއައްސަސާ ތެރޭގައި އެ އަގުތައް ހިފަހައްޓައި އެ އަގުތަކަށް އިސްކަންދެވި އެކަމަށްޓަކައި ހުރިހާ ފުލުހުން އެކުގައި މަސައްކަތްކުރާ ރޫހެއް އުފެއްދުން އެއީ މުޖުތަމައަށްޓަކައި ދިވެހި ފުލުހުން އަދާކުރަންޖެހޭ ވަރަށްބޮޑު ޒިންމާއެއްކަމަށް ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ދެއްކެވި ވާހަކަ ފުޅުގައި، ކެނދިކުޅުދޫގައި ޕޮލިސް ސްޓޭޝަނެއް ގާއިމުކުރުމުގެ އެންމެ ބޮޑު އެއްބޭނުމަކީ ރައްޔިތުންނަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުންކަމަށާ އަދި ރަށަކީ ބޮޑު އާބާދީއެއް އޮތް ރަށަކަށްވުމާ ގުޅިގެން މަދުން ނަމަވެސް ރަށުގައި ހިންގާ ކުށްތަކާއި ރަށަށް ތައާރަފުވުމަށް އޮތް ކުށްތަކުން ރަށުގެ މުޖުތަމައު ސަލާމަތްކޮށް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ކެނދިކުޅުދޫގައި ފުލުހުން ގާއިމުވެ ތިބުމަކީ މުހިންމު ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި ފުލުހުންގެ މުއައްސަސާގެ ހިންގުން މިހާރަށްވުރެވެސް ހަރުދަނާކޮށް ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް ހިދުމަތް ކުރިއެރުވުމަށް ބޭނުންވާ ބަދަލުތައް މިއަދު މިއަންނަނީ ގެންނަމުންކަމަށް ވިދާޅުވިއެވެ. އެގޮތުން އަތޮޅުތެރޭގައި ފުލުހުން މަސައްކަތްކުރާނެ ރަނގަޅު އޮނިގަނޑެއް އެކުލަވާލެވިފައިވާކަމަށާ އަދި ރަށުގެ މުޖުތަމައަށް ކައުންސިލާ އަދި ރަށު ފެންވަރުގެ އެހެނިހެން އިދާރާތަކާއެކު ދެމެހެއްޓެނިވި މަސައްކަތްތަކެއް ހަރުދަނާކަމާއެކު ކުރުމަށް ކުރިއަށް އޮތްތަނުގައި މި އޮނިގަނޑުން މަގުފަހިވެގެން ދާނެކަމަށް ވިދާޅުވިއެވެ.

 

އޭގެ އިތުރުން ގެވެށި އަނިޔާއާއި ކުޑަކުދިންނާމެދު ކުރާ ކުށްތަކާއި އިޖުތިމާއީ މިންގަނޑުތަކާ ހިލާފު މައްސަލަތަކުގެ ސަބަބުން ނުކުންނަ އެތައް މައްސަލަތަކަށް ހައްލުހޯދައިދިނުމަށް ފަސޭހަވެ އަދި އެކި ކާރިސާތަކުގެ ހާލަތުގައި ފުލުހުންގެ އެހީތެރިކަން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އިތުރު ފަސޭހަތަކެއް ވެގެންދާނެކަމާ އަދި ފުލުހުން ތިބުމުން އިޖުތިމާއީ އަދި އިގުތިޞާދީ ތަރައްގީއަށް ރަށުގެ ރައްޔިތުން ކުރަމުންގެންދާ މަސައްކަތްތަކަށް އިތުރު އެހީތެރިކަމެއް ލިބިގެންދާނެކަމުގައި ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންނާ ގުޅިގެން، ރައްޔިތުންގެ އެއްބާރުލުމާއެކީ ގާނޫނުތައް ނަގަހައްޓައި ފުލުހުންގެ ހިދުމަތް ފޯރުވައިދިނުން އެއީ މިއަދު ދިވެހި ފުލުހުންގެ ހިދުމަތުން ވަރަށް އިސްކަންދޭކަމެއްކަމުގައި ވިދާޅުވިއެވެ. އަދި ކޮމިއުނިޓީ ޕޮލިސިންގެ ފަލްސަފާގެ މައްޗަށް ފުލުހުންގެ ހިދުމަތް ބިނާކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު ލާޒިމުކުރާކަމާއި އެގޮތުން އަވައްޓެރި ފުލުހުންގެ ހިދުމަތް ރާއްޖޭގެ ހުރިހާ ރީޖަންތަކެއްގައި ފުޅާކުރުމުގެ ހިދުމަތް ފާއިތުވެދިޔަ ތިން އަހަރެއްހައި ދުވަހުގެ ތެރޭގައި ކުރެވި އަދި ދާދިފަހުން މިވަނީ އެ މޮޑެލް ތަންފީޒުކުރެވޭ މިންވަރު އަންދާޒާކުރެވި އިތުރު ބަދަލުތައް ގެނައުމަށް އިރުޝާދުދީފައި ކަމަށް ވިދާޅުވިއެވެ.

 

އަދިވެސް އޭގެ އިތުރުން، ރައްޔިތުންނާއި މުއައްސަސާތަކާއި ޖަމުއިއްޔާ ޖަމާއަތްތަކާ ގުޅިގެން ރަށުގެ ވެއްޓަކީ އަމާންތަނަކަށް ހެދުމަށް މަސައްކަތްކޮށްދިނުމާ އަދި ރަށުގައި ފުލުހުން ތިބި ކަމުގެ އިހުސާސް ކޮންމެ ދުވަހަކުމެ ރައްޔިތުން ކުރާނެ ފަދަ ގޮތަކަށް މަސައްކަތް ކޮށްދިނުމަށް ނ. އަތޮޅުގެ އެންމެހައި ފުލުހުންނަށް އިލްތިމާސް ކުރެއްވިއެވެ. އަދި ފުލުހުން ކުރަމުންގެންދާ މަސައްކަތުގައި ފުލުހުންނާއެކު އަތުގުޅާލައިގެން މަސައްކަތް ކޮށްދިނުމަށް ކެނދިކުޅުދޫގެ ރައްޔިތުންގެ ކިބައިން އެދިލެއްވިއެވެ.

 

ރަސްމިއްޔާތު ނިންމަވާލެއްވުމަށްފަހު މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކެނދިކުޅުދޫ ޕޮލިސް ސްޓޭޝަން ބައްލަވައިލެއްވިއެވެ.