ޚަބަރު

ކުޑަފަރީގައި ޕޮލިސް ޕޯސްޓު ގާއިމުކޮށް ހިދުމަތްދޭން ފަށައިފި

18 އޯގަސްޓް 2022

މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ނ. ކުޑަފަރި ޕޮލިސް ޕޯސްޓު ހުޅުވައި ދެއްވައިފިއެެވެ.

 

އެކަމަށްޓަކައި ކުޑަފަރީގައި މިއަދު ބެއްވި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި، ކޮމިޝަންޑް އޮފިސަރުންނާއި ނޯތު ޕޮލިސް ރީޖަން ކޮމާންޑަރާއި ނ. އަތޮޅު ކޮމާންޑަރުގެ އިތުރުން ކުޑަފަރި ކައުންސިލް އިދާރާގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.

ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަފުޅުގައި، ކޮންމެ ރަށެއްގައި ހިނގަމުންދާ ކަންކަމާއި ވަގުތުން ވަގުތަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގައި، ތަރުތީބުކުރެވިފައިވާ ފުލުހުންގެ ނިޒާމުގެ ތެރެއިން ލިބިދޭންޖެހޭ ހިދުމަތް ލިބިދިނުން އެއީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކޮންމެހެން ބޭނުންވާކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި ރަށެއްގައި އަމަންއަމާންކަން ގާއިމުކުރެވި ސުލްހަ މަސަލަސްކަމާއި ރައްކާތެރިކަން ދެމިއޮތުމުގައި ހަމައެކަނި ފުލުހުން ތިބުމަކީ ނަތީޖާއަކާ ހަމައަށް ވާސިލުވެވޭނެކަމެއް ނޫންކަމަށާ އަދި ފުލުހުންނަކީ ގާނޫނު ތަންފީޒުކުރުމުގައި ހަވާލުކުރެވިފައިވާ މުހިންމު ޒިންމާތަކާ ހަމައަށް ދިއުމަށްޓަކައި މުހިންމު މަރުހަލާތަކެއް ކަޑައްތުކުރަންޖެހޭ ބައެއްކަމުގައި ވިދާޅުވިއެވެ. އަދި ދިވެހިންނަކީ އެއް އާއިލާއަކަށް ނިސްބަތްވާ ބަޔަކަށްވާއިރު ދިވެހިންގެ ތެރޭގައި ފާހަގަކުރެވޭވަރުގެ ބޮޑެތި ކުށްތައް ހުުރުމަކީ އެންމެ އެކަށީގެންނުވާ ކަންތައްކަމުގައި ވިދާޅުވިއެވެ.

 

އޭގެ އިތުރުން، ސުލްހަވެރިކަމަށް ލޯބިކުރާ އަދި އެކުވެރިކަމުގައި އެންމެ މަތިވެރި ނަމޫނާއެއް ދައްކަންޖެހޭ ބަޔަކީ ފުލުހުންކަމާއި، އެކަމުގެ އެންމެކުރީގައި ފުލުުހުން ތިބެގެން ނަމޫނާ ދައްކާނަމަ ކޮންމެ ރަށެއްވެސް ދުވަހެއް ދުވަހަކަށްދާނީ ހިތްހަމަޖެހުމާއި އުފާވެރިކަމާއި ފާގަތިކަން ލިބެމުން ކަމުގައި ވިދާޅުވިއެވެ. އަދި މިހާރުވެސް ބައެއް ރަށްރަށުގައި ކަންބޮޑުވާންޖެހޭ ކުށްތައް ހިނގާކަމަށާއި، އެ ކުށްތަކަކީ މަސްތުވާތަކެއްޗާއި އެކަމާ ގުޅިފައިހުރި ކަންކަން ކަމުގައި ވިދާޅުވިއެވެ. އަދި ކޮންމެ ރަށެއްގައި ހިނގާ މިފަދަ ކޮންމެ ކުށަކަށް ބަލާއިރު އެ ކުށުގެ ފަހަތުގައި އޮތީ ކޮންކަމެއްކަން ހުރިހާ މީހުންނަށްވެސް އިހުސާސްކުރެވޭނެ ކަމުގައި ވިދާޅުވިއެވެ. އަދި މަސްތުވާތަކެތީގެ ކުށްތަކަކީ ރާއްޖޭގައި ބައިގަރުނަށްވުރެ ގިނަ ދުވަސްވެފައިވާ ބޮޑު މައްސަލައެއް ކަމަށާއި، ރާއްޖޭގެ ހުރިހާ މުއައްސަސާތަކާއި އަފުރާދުން ގުޅިގެން މިކަމުން އަރައިގަންނަން މަސައްކަތްކުރަންޖެހޭ ކަމުގައި ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ދެއްކެވި ވާހަކަފުޅުގައި މިއަދަކީ، ރާއްޖޭގައި މީހުން އުޅޭ ހުރިހާ ރަށެއްގައި ފުލުުހުންގެ ހިދުމަތް ފޯރުކޮށްދެމުންދާ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާ ދުުވަހެއް ކަމުގައި ވިދާޅުވިއެވެ. އަދި ކުޑަފަރީގައި ފުލުހުންގެ ހިދުމަތެއް ފޯރުކޮށްދިނުމުގެ އެންމެ މުހިންމު ބޭނުމަކީ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުން ކަމުގައިވިދާޅުވިއެވެ. އަދި އެކިގޮތްގޮތުން ދިވެހި މުޖުތަމައަށް އަންނަ ބަދަލާއެކު ކުޑަފަރި ފަދަ ކުށްތައް ފެތުރިފައިވާ މިންވަރު މަދު ރަށްތަކަށްވެސް ބޮޑެތި ކުށްތައް ފެތުރުމުގެ ފުރުސަތު ބޮޑުކަމަށާއި، އެ ކުށްތަކުން ރަށުގެ ރައްޔިތުން ސަލާމަތްކޮށް ރައްކާތެރި އަމާން ވެއްޓެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި ފުލުހުން ގާއިމުވެ ތިބުމަކީ މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި މަސްތުވާތަކެއްޗާ ގުޅިގެން ކުށުގެ މާހައުލަށް ކުރާ ނޭދެވޭ އަސަރު މުޅި ރާއްޖޭގައި ފެތުރެމުން އައިސް އޭގެ ސަބަބުން ތަފާތު ކުށްތައް އިތުރުވަމުންދާ ކަމަށާއި، ޒަމާންތަކެއްވެފައިވާ އެ މައްސަލަތަކަށް ފުލުހުންގެ މަގުސަދުތަކާއި، މުޖުތަމައުގައި ފުލުހުން އަދާކުރާ ދައުރުގެ ތެރެއިން ހައްލު ހޯދުމަށް އިސްކަމެއް ދެވިފައިވާކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ފެށުމަކީ މުޖުތަމައުގެ ރައްކާތެރިކަން ދަމަހައްޓައި، ކުށުގެ ބިރުވެރިކަން ކުޑަކުރުމަށާއި ދާހިލީ ސަލާމަތް ވަރުގަދަކުރުމަށް ރާވައި ކުރަންޖެހިފައި އޮތް ކަމެއް ކަމުގައި ވިދާޅުވިއެވެ.

 

އޭގެ އިތުރުން، ފުލުހުންގެ މުއައްސަސާގެ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތިކޮށް ޚިދުމަތް ކުރިއެރުވުމަށް ބޭނުންވާ ބަދަލުތައް ގެންނަމުންދާ ކަމަށް ވިދާޅުވިއެވެ. އެގޮތުން، 2022 އަދި 2023 ވަނަ އަހަރުގެ ފުލުހުންގެ އޮޕަރޭޝަނަލް ޕްރައޯރިޓީސް އަދި ފަސް އަހަރުގެ ސްޓްރެޓީޖިކް ޕްލޭންގައި ހިމެނިފައިވާ ހަރަކާތްތަކުގެ އެހީގައި ރަށްރަށުގައި ފުލުހުން ގާއިމުވެ ތިބޭތިބުން ހަރުދަނާކުރެވި ރައްޔިތުން އެދޭގޮތަށް ފުލުހުންގެ މަސައްކަތް ބައްޓަންކުރެވިގެންދާނެކަމަށް ވިދާޅުވިއެވެ.

 

ރަސްމިއްޔާތު ނިންމަވާލެއްވުމަށްފަހު މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުޑަފަރި ޕޮލިސް ޕޯސްޓު ބައްލަވައިލެއްވިއެވެ.