ޚަބަރު

އަވައްޓެރި ފުލުހުންގެ ހަފްތާ: "ވޯކް އެންޑް ޓޯކް" ހަރަކާތް ކާމިޔާބުކަމާއެކު ނިންމާލައިފި

19 ސެޕްޓެމްބަރ 2022

ފުލުހުންގެ ޚިދުމަތުގެ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދާ އަވައްޓެރި ފުލުހުންގެ ހަފްތާގެ ހަރަކާތްތަކުގެ ތެރެއިން "ވޯކް އެންޑް ޓޯކް" ހަރަކާތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

 

އިއްޔެ ހަވީރު 16:00 އިން 18:00 އަށް ކުރިއަށް ގެންދިޔަ މި ހަރަކާތަކީ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކާ ވާހަކަ ދައްކައި، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއަހައި،  ފުލުހުންގެ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމާއި ސްކޭމް ކޯލުތަކާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

 

މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ އިތުރުން ރާއްޖޭހެ ހުރިހާ އަތޮޅެއްގައި އެއް ވަގުތެއްގައި މި ހަރަކާތް ކުރިއަށް ގެންގޮސްފައިވާއިރު، 2000 އަށް ވުރެ ގިނަ ފުލުހުން މި ހަރަކާތުގައި ހަރަކާތްތެރިވެފައިވެއެވެ.  އަދި މި ހަރަކާތުގައި  ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލްމަންނާން ޔޫސުފާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދު އާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ސީނިއަރ އޮފިސަރުން އަދި ފުލުހުންގެ އެކި ބަހާތަކުގައި މަސައްކަތްކުރާ ފުލުހުން ބައިވެރިވެފައިވެއެވެ.

 

މިހަރަކާތަށް އާންމުގެ ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ބޮޑު އެއްބާރުލުމެއް ލިބިގެންގޮސްފައިވާއިރު،  މި ހަރަކާތުގެ ތެރެއިން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ފުލުހުންގެ ޚިދުމަތާމެދު ދެކޭގޮތާއި ރަނގަޅުކުރުމަށް ބޭނުންވާ ކަންކަން ރައްޔިތުންވަނީ ފުލުހުންނާ ހިއްސާކޮށްފައެވެ.

 

އަވައްޓެރި ފުލުހުންގެ ހަފްތާގެ ހަރަކާތްތަކުގެ ތެރެއިން މިއަދު ގޭގެއަށް ޒިޔާރަތްކޮށް ރައްޔިތުންނަށް މަޢުލޫމާތުދީ ހޭލުންތެރިކުރުމަށްވަނީ ހަމަޖެހިފައެވެ.  މިހަރަކާތް މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތަކުގައިވެސް ކުރިއަށްދާނެއެވެ.

އަވައްޓެރި ފުލުހުންގެ ހަފްތާގެ ހަރަކާތްތައް މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.