ޚަބަރު

ހަނގާކުރުމާއި ކުޑަކުދިންނަށް ލިބޭ އަނިޔާތަކުން ރައްކާތެރިކުރުމަށް ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް މައުލޫމާތުދީފި

26 ސެޕްޓެމްބަރ 2022

ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހަނގާ ކުރުމާއި ކުޑަކުދިންނަށް ލިބޭ އަނިޔާތަކުން ރައްކާތެރިކުރުމަށް މައުލޫމާތު ދިނުމަށް ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

 

ވިލިނގިލި ޕޮލިސް ސްޓޭޝަނާއި ފެމެލީ އެންޑް ޖެންޑަރ އެފެއާޒް ޑިޕާޓްމަންޓު ގުޅިގެން، މިއަދު  ކުރިއަށް ގެންދިޔަ އެ ސެޝަނުގައި ހަނގާކުރުމަކީ ކޮބައިކަމާއި އެކަމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާއި އެފަދަ އަމަލުތަކުން ދުރުވެ ތިބުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް މައުލޫމާތުދީފައި ވެއެވެ. އަދި ސްކޫލާއި، ސްކޫލުން ބޭރުގައިވެސް އެއްކުއްޖަކު އަނެއް ކުއްޖަކަށް އިހުތިރާމް ކުރުމަށާއި އެކުވެރިކަން ދެމެހެއްޓުމަށް މައުލޫމާތުދީފައި ވެއެވެ. އަދި ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެއްކަމަށާއި، އެއްވެސް ކުއްޖަކު ބާކީނުކުރުމަށާއި އެ ކަންކަން ހުރިހާ ކުދިން އަބަދުވެސް ހަނދާނުގައި ބެހެއްޓުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވިއެވެ.


އޭގެ އިތުރުން، ކުޑަކުދިންނަށް ތަފާތު އެކިކަހަލަ އަނިޔާތަކަކީ ކޮބައިކަމާއި އެފަދަ ކަމެއް ދިމާވެދާނެ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތުދީފައި ވެއެވެ. އަދި އެހެން މީހެއްގެ ފަރާތުން އެފަދަ ކަމެއް އެއްވެސް ކުއްޖަކަށް ކުރިމަތިވެއްޖެނަމަ އެކަމެއް ސިއްރުނުކޮށް ބެލެނިވެރިންނާ ހިއްސާކުރުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވިއެވެ. އަދި އެކަންކަމަކީ ސިއްރުކުރަންޖެހޭ ކަންކަން ނޫންކަމާއި ކޮންމެ ކުއްޖަކީވެސް ކަންކަމާ ކެރިގެން ކުރިމަތިލާ ކުއްޖަކަށްވުމަށް ހިތްވަރުދީ ނަސޭހަތްތެރިވިއެވެ.

 

އެ ސެޝަނުގައި، އެ ސްކޫލުގެ ގްރޭޑް 7 އިން 10 އަށް ތައުލީމު ހާސިލުކުރަމުންދާ ހުރިހާ ދަރިވަރުން ބައިވެރިވިއެވެ.