ޚަބަރު

އއ. އަތޮޅުން ލޯންޗެއް ބަންޑުން ޖަހާލައި، ގެއްލުނު މީހާ ހޯދުމަށް މިހާތަނަށް 87.6 ސްކޮޔާ މޭލުގެ ސަރަހަދެއް ބަލާފައިވޭ

09 އޮކްޓޯބަރ 2022

އއ. އަތޮޅުން ލޯންޗެއް ބަންޑުން ޖަހާލައި، އެ ލޯންޗުން ދަތުކުރި މީހަކު ގެއްލިފައިވާތީ އެ މީހާ ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް 87.6 ސްކޮޔާ މޭލުގެ ސަރަހައްދެއް ވަނީ ބަލާފައެވެ.

އއ. އަތޮޅުން ލޯންޗެއް ބަންޑުން ޖަހާލައި، އެ ލޯންޗުން ދަތުރުކުރި މީހަކު ގެއްލިގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ 2022 އޮކްޓޯބަރ 7 ވަނަ ދުވަހުގެ ވަގުތެއްގައެވެ.

 

ލޯންޗުން ދަތުރުކުރި ކަމަށް ބުނާ ދެ މީހުންގެ ތެރެއިން އެކަކު، އޮކްޓޯބަރ 5 ވަނަ ދުވަހުގެ 13:00 އެހައިކަންހާއިރުން ފެށިގެން ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް އޭނާގެ އާއިލާއިން އޮކްޓޯބަރ 6 ވަނަ ދުވަހުގެ 20:50 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވެއެވެ.
 

ލޯންޗުން ދަތުރުކުރި ދެ މީހުންގެ ތެރެއިން އެކަކު ފެރިދޫ ފުއްޓަރާ ދިމާއިން އޮކްޓޯބަރ 7 ވަނަ ދުވަހު ވަނީ ފެނިފައެވެ. އަދި އޭނާއަށްފެރިދޫ ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާ ދިނުމަށް އާއިލާގެ އެދުމަށް އޭނާ މާލެ ގެނެސް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު މިހާރުވަނީ ދޫކޮށްލާފައެވެ.

 

ލޯންޗު ބަންޑުންޖަހާލިކަމުގެ މައުލޫމާތު ލިބުމާއެކު މެރިން ޕޮލިހުގެ ޑައިވް ޓީމެއް ހަމަ އެ ދުވަހު އއ. އަތޮޅަށް ގޮސް، މީހާ ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

އެގޮތުން ކުރެވުނު މަސައްކަތުގެ ތެރެއިން އދ. ހަންޏާމީދޫގެ ދެކުނު ކަނޑުއޮޅިން (އދ. އަތޮޅު އިރުމަތި) ފެށިގެން އަތޮޅުގެ ހުޅަނގަށް ވާގޮތަށް 87.6 ސްކޮޔާ މޭލުގެ ސަރަހައްދެއް ވަނީ ބަލާފައެވެ. އަދި އއ. މާޅޮހު ފަޅުގައި އޮތް، ބަންޑުންޖަހާލި ލޯންޗު މިއަދު 13:30 އެހައިކަންހާއިރުވަނީ ކަފުޖަހައިގެން ހިމަންދުއަށް ގެންގޮސްފައެވެ.

ލޯންޗުން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާއިރު، މި މަސައްކަތުގައި ފުލުހުންނާއި ކޯސްޓުގާޑުންދަނީ ހަރަކާތްތެރިވަމުންނެވެ. އަދި މާދަމާ ފެރިދޫގެ ހުޅަނގު ފުއްޓަރުފަރާތުގެ ކަނޑުގެ ސަރަހައްދު، ޑައިވްކޮށްގެން ބެލުމަށްވަނީ ހަމަޖެހިފައެވެ.

 

ލޯންޗު ބަންޑުން ޖަހާލި ހާދިސާއާ ގުޅިގެން އިތުރަށް އެއްކުރަންޖެހޭ މައުލޫމާތު ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.

 

ގެއްލިގެން ހޯދަމުންދާ މީހާ ފެނިއްޖެނަމަ ނުވަތަ އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ 119 ނުވަތަ 3322111 އަށް މައުލޫމާތު ހިއްސާކޮށްދިނުމަށް ދަންނަވަމެވެ.