ޚަބަރު

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުން ދެ މީހުން ހައްޔަރުކޮށްފި

07 ޑިސެމްބަރ 2022

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ގއ. އަތޮޅުގެ ދެ ރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

 

އެ އޮޕަރޭޝަންތަކުގެ ތެރެއިން ވިލިނގިލީގައި މިއަދު ހިންގި އޮޕަރޭޝަނަކީ އެ ރަށުން ގދ. ގައްދުއަށް މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

 

ފުލުހުންގެ އިންޓެލިޖެންސާއި ވިލިނގިލި އަދި ގދ. ގައްދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ވިލިނގިލި ބަނދަރުމަތިން ދިވެހި ފިރިހެނަކު ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 50 ރަބަރު ޕެކެޓު ފެނިފައިވެއެވެ. މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނެކެވެ.

 

ކަނޑުހުޅުދޫގައި ހިންގި އޮޕަޭޝަނަކީވެސް އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

 

ފުލުހުންގެ އިންޓެލިޖެންސާއި ކަނޑުހުޅުދޫ ޕޮލިސް ސްޓޭޝަން، ގެމަނަފުށީ ޕޮލިސް ސްޓޭޝަން އަދި ގައްދޫ ޕޮލިސް ސްޓޭޝަން ގުޅިގެން މި މަހުގެ 6 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ކަނޑުހުޅުދޫ މަގުމަތިން ދިވެހި ފިރިހެނަކު ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނެކެވެ.

 

މި ދެ މައްސަލަވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.