ޚަބަރު

ފުލުހުންގެ ކޮމިޝަންޑް އޮފިސަރުންނާ ކޮމިޝަނަރ އޮފް ޕޮލިސް ބައްދަލު ކުރައްވައިފި

15 އޮކްޓޯބަރ 2015

NewsPic

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޮމިޝަންޑް އޮފިސަރުންނާ ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު މިއަދު ބައްދަލުކުރައްވައިފިއެވެ.

އިސްކަންދަރު ކޮށީގައި މިއަދު މެންދުރުފަހު އޮތް ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ވިދާޅުވީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިވަގުތު އެންމެ އިސްކަމެއްދީގެ ކުރަމުންދާ އެންމެ މުހިއްމު މަސައްކަތަކީ ރައީސުލް ޖުމުހޫރިއްޔާގެ ރިޔާސީ ލޯންޗް ކޮޅުގައި އެއްޗެއް ގޮވި ޙާދިސާގެ ފުރިހަމަ ތަޙުޤީޤެއްކޮށް އެކަމުގައި ޝާމިލްވާ ފަރާތްތައް ޝަރީޢަތުގެ ކުރިމައްޗަށް ގެނައުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރުން ކަމަށެވެ. އެހެންކަމުން މިމަސައްކަތުގައި ހުރިހާ އޮފިސަރުންގެ ފުރިހަމަ އެހީތެރިކަމާ އެއްބާރުލެއްވުން މިހާރެކޭ އެއްގޮތަށް ތަޙުޤީޤު ޓީމަށް ދެއްވަމުން ގެންދިއުމަށް ކޮމިޝަނަރ އޮފް ޕޮލިސް އެދިވަޑައިގަތެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ވިދާޅުވީ ރިޔާސީ ލޯންޗްކޮޅުގެ ތަޙުޤީޤުގައި ހައްޔަރު ކުރަން ޖެހުނު ކޮންމެ މީހަކު ހައްޔަރު ކުރަން ފުލުހުން ފަސް ނުޖެހޭނެ ކަމަށާއި ބަލައި ފާސްކުރަންޖެހިއްޖެނަމަ ބަލައި ފާސް ނުކުރާނެ އެއްވެސް ތަނެއް ނުބާއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައްޔިތުންނަށް ދެއްވާކަމަށެވެ. ހަމައެއާއެކު މިކަމުގައި ޝާމިލްވާ ބަޔަކު ހޯދައިގަތުމަށް ފުލުހުންގެ ހުރިހާ ވަޞީލަތެއްގެ ބޭނުން ކުރުމުގެ އިޚްތިޔާރު ތަޙުޤީޤު ޓީމަށް ދެއްވާފައިވާނެ ކަމަށާއި މިނިވަންކަމާއެކު ތަޙުޤީޤުގެ މަސައްކަތް ކުރުމުގެ ފުރުޞަތު މި މަސައްކަތުގައި ޙަރަކާތްތެރިވާ ތަޙުޤީޤު ޓީމަށް ފުލުހުންގެ މުޅި މުއައްސަސާއިން ދީފައިވާކަމަށާ އެކަމާ ގުޅިގެން ކުރަންޖެހުނު ކޮންމެ މަސައްކަތަކަށް ކޮންމެ ފުލުހަކު އަދި ކޮންމެ އޮފިސަރެއްގެ ކިބައިން ފުރިހަމަ އެއްބާރުލެއްވުން ދެއްވުމަށް ކޮމިޝަނަރ އޮފް ޕޮލިސް އެދިވަޑައިގެންނެވިއެވެ.

މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ރިޔާސީ ލޯންޗްކޮޅުގެ ތަޙުޤީޤު ކުރިޔަށްދާއިރު މިކަމާ ގުޅިގެން ރަށުތެރެ ހަލަބޮލިކޮށް ރަށުތެރޭގެ ޞުލްޙަމަސަލަސްކަން ނަގާލަން މަސައްކަތް ކުރުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ދެއްވައިގެން ނުވާނެ ކަމަށެވެ. އެފަދަ ކަންކަން ހުއްޓުވައި އަމާންކަމާ ރައްކާތެރިކަން ދެމެހެއްޓުމަށް ރޭވުންތެރިކަމާ ޙިކުމަތްތެރިކަމާއެކު މަސައްކަތް ކޮށްދެއްވުމަކީ މުހިއްމު ކަމެއްކަން ފާހަގަ ކުރައްވައި އެގޮތަށް މަސައްކަތްތައް ތަރުތީބުކޮށްގެން ކުރިޔަށް ގެންގޮސް ދެއްވުމަށް ކޮމިޝަންޑް އޮފިސަރުންގެ ކިބައިން ކޮމިޝަނަރ އޮފް ޕޮލިސް އެދިވަޑައިގަތެވެ. ހަމަ އެއާއެކު ރަށުތެރެ ބެލެހެއްޓުން މިހާރަށްވުރެވެސް އިތުރުކޮށް ރައްޔިތުންނާ މުދަލުގެ ރައްކާތެރިކަން ޤާއިމް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ހުރިހާ އޮފިސަރުން ގުޅިގެން ކޮށްދެއްވުމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން ފުލުހުންގެ ތެރޭގައި އޮތް ވަރުގަދަ ގުޅުން އެގޮތުގައި ދަމަހައްޓައި، ރައްޔިތުންގެ އިތުބާރާ ލޯތްބާއި ޔަޤީންކަން އިތުރުކުރުމަށް ރައްޔިތުންނާ އެކު ގުޅިގެން ކުރަމުންދާ މަސައްކަތްތައް މިހާރަށްވުރެވެސް އިތުރުކޮށްދެއްވުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަ ކުރައްވައި އެކަމަށް މަސައްކަތް ކޮށްދެއްވުމަށް ހުރިހާ އޮފިސަރުންގެ ކިބައިން ކޮމިޝަނަރ އޮފް ޕޮލިސް އެދިވަޑައިގަތެވެ.