ޚަބަރު

ޓެރަރިޒމް ޤާނޫނުގެ ދަށުން 11 މީހެއްގެ މައްޗަށް މޮނިކޮން އަމުރު ނެރުމަށް މިނިސްޓަރ ފުލުހުންނަށް އަންގަވަފި

24 މާޗް 2016
މިހާތަނަށް މޮނިކޯން އަމުރު ނެރެފައިވާ 6 މީހުން

ޤާނޫނު ނަމްބަރު 2015/32، ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނުގެ 29 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ފަދައިން 11 މީހެއްގެ މައްޗަށް މޮނިކޮން އަމުރު ނެރެން ހޯމް މިނިސްޓަރު ނިންމެވުމާއި ގުޅިގެން މިހާތަނަށް އޭގެ ތެރެއިން 6 މީހެއްގެ މައްޗަށް މޮނިކޮން އަމުރު ދިވެހިރައްޖޭގެ ހައިކޯޓުން ނެރެ ފުލުހުން އެ އަމުރު ތަންފީޒުކުރަން ފަށައިފިއެވެ. ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން މޮނިކޮން އަމުރު ނެރުމަށް ހޯމް މިނިސްޓަރ ނިންމަވާފައިވަނީ ރާއްޖޭގައި ބޮޑެތި ކުށްތަކެއް ތަކުރާރުކޮށް އެމީހުންގެ އަމަލުތަކުގެ ސަބަބުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެފައިވާ 11 މީހެއްގެ މައްޗަށެވެ.

މޮނިކޮން އަމުރު ނެރެފައިވާ 6 މީހުންނަކީވެސް ގްރޫޕް ހަދައިގެން މުޖުތަމަޢަށް ނުރައްކާފަދަ ބޮޑެތި ކުށްތައް ތަކުރާރުކޮށް ކުރަމުން އަންނަ ބައެކެވެ. މީގެ އިތުރުން ގްރޫޕް ހަދައިގެން ނުރައްކާތެރި ކުށްތައް ތަކުރާރުކޮށް ކުރާކަމަށް ފާހަގަކުރެވިފައިވާ އިތުރު 5 މީހެއްގެ މައްޗަށް މޮނިކޮން އަމުރު ނެރެދެއްވުން އެދި ފުލުހުން ވަނީ މިއަދު ހައިކޯޓަށް ހުށަހަޅާފައެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން ނެރުއްވާފައިވާ މޮނިކޮން އަމުރުގައި މި ހަމީހުން މޮނީޓަރކުރުމުގެ ގޮތުން ރޭގަނޑު 10:00 އާއި ހެނދުނު 06:00 އާއި ދެމެދު ގެއިން ބޭރަށް ނުދިއުމާއި، މިނިސްޓަރުގެ ހުއްދަ ނެތި މާލެއިން ފުރައިގެން ނުދިއުމާއި، އަމުރުގައި ކަނޑައަޅާފައިވާ ވަކި ސަރަހައްދުތަކަކަށް ނުދިއުމާއި، އެމީހުންގެ މާލީ މުއާމަލާތްތަކާއި މުދާ ކޮންޓްރޯލްކުރުމުގެ ގޮތުން ފިޔަވަޅު އެޅުމާއި، އެމީހުން މުއާސަލާތީ މުއާމަލާތްތައް ކޮންޓްރޯލްކުރުމާއި، ފުލުހުންގެ މަރުކަޒަށް ހާޒިރުވެ ސޮއިކުރުމާއި، އިލެކްޓްރޯނިކް އާލާތްތައް އެމީހުންގެ ހަށިގަނޑުގައި ނުވަތަ ދިރިއުޅޭތަނުގައި ހަރުކުރުމާއި އެމީހެއްގެ ފޮޓޯއާއި ދިރިއުޅޭ ތަންތަނުގެ ފޮޓޯއާއި އެމީހެއްގެ ފިންގަރ ޕްރިންޓްފަދަ ސާމްޕަލްތައް ނަގައި އެމީހުން މޮނީޓަރކޮށް ކޮންޓްރޯލްކުރުމަށް އަމުރުކުރައްވާފައިވެއެވެ.

ތަކުރާރުކޮށް ކުށްކުރާ އަދި ޚާއްސަކޮށް ވަކި ސަަރަހައްދުތަކަށް އެއްވެ ތިބެ އެސަރައްދުގައި އުޅޭ މީހުންނަށް ފުރައްސާރަކޮށް އުދަގޫކޮށް ތަފާތު ކުށްތައް ކުރަމުންދާ ބަޔަކާއި މެދު މިފަދަ ފިޔަވަޅުތަކެއް ތަންފީޒުވެގެން ދިއުމަކީ އާއްމު ރައްކާތެރިކަމާއި އަމަން އަމާންކަން އިތުރުވެގެން ދާނެކަމެއްކަމުގައި ފުލުހުން ފާހަގަކުރަމެވެ. އަދި މިއަމުރާއި ޚިލާފްވާ ފަރާތްތަކައި މެދު ޤާނޫނުގައިވާ ގޮތުގެމަތިން ފިޔަވަޅު އަޅަމުން ގެންދާނެކަމުގައި ދަންނަވަމެވެ.

ހައިކޯޓުގެ އަމުރާއެކު ފުލުހުން ވަނީ 6 މީހެއްގެ މައްޗަށް މިއަމުރު ތަންފީޒް ކުރަން ފަށާފައެވެ. މިގޮތުން މި އަމުރު ތަންފީޒް ކުރަމުންދާ 6 މީހުންނަކީ މ. ލިލީޕާކް ފަޒީލް ޙަމީދު (25އ) އާއި، ގ. ކެރަފާގެ މުޙައްމަދު ޝާބިލް އިސްމާޢީލް (23އ) އާއި، ދަފްތަރު އާރު އެސް. 9634 މިދުހަތު އަބޫބަކުރު (20އ) އާއި، ގއ. ދާންދޫ ފަހުދާ ވާދީ، ފައްސާން ވަލީދު (20އ) އާއި، މ. ހިއްސާ، ޢާޠިފް ޢަބްދުލް ޙަލީމް (24އ) އާއި، ދަފްތަރު ނަމްބަރު ޑީ.އެޗް.އާރު. 1475، އަޙްމަދު ރިޒާމް (26އ) އެވެ.

މޮނިކޮން އަމުރު ހިންގާ މީހުންގެ ކަންކަން ބަލަހައްޓައި މޮނިޓަރ ކުރެވޭނެ ހަރުދަނާ ނިޒާމެއް ފުލުހުންގެ މުއައްސަސާގައި ވަނީ ޤާއިމް ކޮށްފައެވެ. މިގޮތުން މި މީހުންނަށް މި އަމުރުގެ ދަށުން ކަނޑައަޅާފައިވާ ކަންކަން ފުރިހަމަ ކުރުންމަތީ ދެމިތިބޭތޯ ބަލައި ދުވަހުން ދުވަހަށް އަދި ވަގުތުން ވަގުތަށް އެކަންކަން ބެލެހެއްޓިގެން ދާނެއެވެ.