ޚަބަރު

ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ ތަހުނިޔާ

31 ޑިސެމްބަރ 2016

cp-thahuniyaa

الحمد لله رب العالمين، والصلاة والسلام على خاتم الأنبياء والمرسلين، سيدنا محمد وعلى آله وصحبه أجمعين

        ދިވެހިރާއްޖެ އިސްލާމީ ހިދާޔަތު ލިބިގަތުމަކީ، ރާއްޖެ ދުށް އެންމެ ބޮޑު އިޞްލާޙީ އިންޤިލާބެވެ. އިސްލާމްދީން ބުނެދެނީ އިންސާނާއަކީ އޭނާ ފަދަ އެހެން އިންސާނެއްގެ އަޅެއް ނޫންކަމެވެ. ކޮންމެ އިންސާނަކީ ވެސް ފުރިހަމަ މިނިވަނެއްކަމެވެ. އެ މިނިވަންކަމުގެ ދާއިރާ ކަނޑައަޅުއްވައިދެއްވީ، އިންސާނާގެވެރި ޚާލިޤުވަންތަ ﷲއެވެ. އެކަލާނގެ ކަނޑައަޅުއްވައިދެއްވި ދާއިރާގެ ތެެރޭގައި މުއުމިނުންވަނީ، އެއްބަނޑުއެއްބަފައި އަޚުންތަކެއްގެގޮތުގައެވެ. އެއްބައެއްގެ ގޮތުގައިވާ ބަދަހި ސަފުތަކެއްގެ ގޮތުގައެވެ. ނަތީޖާއަކީ ހަމަހަމަކަމާއި ޢަދުލެވެ. ކުލުނާއި ލޯތްބެވެ. ބާއްޖަވެރިކަމާއި އުފަލެވެ. ދުނިޔެއާއި އާޚިރަތުގެ ހެޔޮ ދަރުމައެވެ.

         މިއަދު އަޅުގަނޑުމެން މި ފާހަގަކުރަނީ ދިވެހިރާއްޖެ އިސްލާމްވީ ދުވަހުގެ އުފާވެރި މުނާސަބަތެވެ. ރާއްޖޭގެ ޠަބީޢަތު ނިޔާކުރާގޮތުން އަޅުގަނޑުމެންނަކީ ދުނިޔޭގެ ނިސްބަތުގައި މާ ބޮޑު އާރެއް ބާރެއް ވަސީލަތްތަކެއް ލިބި އޮތް ޤައުމެއް ނޫނެވެ. މި ޙަޤީޤަތާއެކު، ދިވެހިރާއްޖެ މިނިވަންކަމުގެ ހިޔަލުގައި، އިސްލާމީ ހިދާޔަތުގެ އަލިނޫރުގައި ލަހައްޓަވައިފައިވުމީ،  ވަރަށް ވެސް މަތިވެރި އިލާހީ ނިޢުމަތެކެވެ. އެ ކަމަށްޓަކައި އޯގާވަންތަ الله سبحانه وتعالىއަށް ޙަމްދާ ޝުކުރުދަންނަވަމެވެ.  އެއަށް ފަހު، ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ދެކަނބަލުންނަށާއި، ދިވެހި ފުލުހުންގެ ދާއިރާގައި ޚިދުމަތްކުރައްވާ އެންމެހައި މުވައްޒަފުންނަށާއި އެ ފަރާތްތަކުގެ އާއިލާތަކަށާއި، ދިވެހި ފުލުހުންގެ ޚިދުމަތުން ރިޓަޔަރ ކުރައްވާފައިވާ އެންމެހައި ފުލުހުންނާއި އަދި ލޮބުވެތި އެންމެހައި ދިވެހިރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރަމެވެ.

        ރާއްޖެއިސްލާމްވި ދުވަސް އަޅުގަނޑުމެންނަށް ހަނދާންކޮށްދޭ ވަރަށް މުހިންމު ފިލާވަޅުތަކެއް އެބަހުއްޓެވެ. އިސްލާމްދީނުގެ ޢަދުއްވުން ރާއްޖެއަށް ދިން އެކި ބާވަތުގެ ޙަމަލާތަކެވެ. އޭގެ ދިފާޢުގައި ދިވެހި އަބްޠާލުން ދެއްވި ރައްދެވެ. އެބޭފުޅުން ﷲގެ ޙަޟްރަތުން ވާގި އެދިވަޑައިގެން ދެންނެވި މަތިވެރި ދުޢާއެވެ. ކުރެއްވި އަގުހުރި ޖިހާދެވެ. އެ ޚާލިޞް ދުޢާއަށާއި މާތް ޖިހާދަށް އެކަލާނގެ ދެއްވި މަތިވެރި ނަޞްރެވެ.

ޝައްކެެއް ނެތް ގޮތުގައި އިސްލާމްދީން މުސްލިމުންނަށް ގޮވައިލަނީ، އެކުވެރިކަމުގައި އެއް ހަށިގަނޑެއް ފަދައިންވުމަށެވެ. ހަމަހަމަކަމުގައި ފުނާގެ ދަތްތައްފަދައިންވުމެވެ. މުރާލިކަމުގައި ހަލުވި އަސްތަކެއް ފަދައިންވުމަށެވެ. އެކަކު އަނެކަކާ ގުޅި އެހީތެރިވުމުގައި އެއްބަނޑުއެއްބަފައި އަޚުންތަކެއްކަމުގައި ވުމަށެވެ.

        ވީމާ، މި ގޮތުގައި އަޅުގަނޑުމެންގެ ޢަމަލުތައް ސީދާކުރެވޭތޯ ބަލަމާތޯއެވެ. އޯގާވަންތަ ﷲ އަޅުގަނޑުމެންގެ ހިތްތައް އެކުވެރިކުރައްވައި، އަމާންކަމާއި ރައްކާތެރިކަމާއެކު އިސްލާމްދީނުގެ ހިޔަލުގައި އަބަދުގެ އަބަދަށް މި ލޮބުވެތި ވަޠަން ދަމަހައްޓަވާށިއެވެ!آمين

02 ربيع الآخر1438

31 ޑިސެމްބަރު 2016

ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް