ޚަބަރު

މީލާދީ އައު އަހަރުގެ ތަހުނިޔާ

01 ޖަނަވަރީ 2017

News Year

الحمد لله رب العالمين، والصلاة والسلام على خاتم الأنبياء والمرسلين، سيدنا محمد وعلى آله وصحبه أجمعين

         މިއީ މީލާދީ އަހަރެއް ނިމި، އާ އަހަރެއް އަޅުގަނޑުމެންނާ އިސްތިޤުބާލުކުރާ ވަގުތެވެ. 2017 ވަނަ އަހަރު އަޅުގަނޑުމެންނާ ބައްދަލުކުރާ ވަގުތެވެ. މި ފުރުޞަތުގައި ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ދެކަނބަލުންނަށާއި، ފުލުހުންނާއި ފުލުހުންގެ މުއައްސަސާގައި ޚިދުމަތްކުރައްވާ އެންމެހައި ބޭފުޅުންނާއި އާއިލާތަކަށް، ދިވެހި ފުލުހުންގެ ޚިދުމަތުން ރިޓަޔަރ ކުރައްވާފައިވާ އެންމެހައި ފުލުހުންނާއި އަދި ލޮބުވެތި ދިވެހިރައްޔިތުންނަށް މި ފެށުނު މީލާދީ އާ އަހަރުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަމެވެ.

         އަޅުގަނޑުދެކޭ ގޮތުގައި އާ އަހަރެއް ދުށުމުގެ ނަސީބު ލިބުމަކީ، އަޅުގަނޑުމެންގެ ޢަމަލުތައް އިޞްލާޙުކޮށް، ދީނަށާއި ޤައުމަށް ޚިދުމަތްކުރުމަށް އަޅުގަނޑުމެންނަށް އާ ފުރުޞަތުތަކެއް ލިބުމެވެ. ކޮންމެ ފުރުޞަތަކާއެކީގައި ޒިންމާތަކެއް ވާޖިބުތަކެއް ވާނެއެވެ. އެ ޒިންމާތަކާއި ވާޖިބުތައް އަދާކުރުމަށްޓަކައި ޢަޒުމާއި އުންމީދު އާކުރަންޖެހެއެވެ.

         އެހެންކަމުން މި ފެށުނު މީލާދީ އާ އަހަރަކީ، ރަނގަޅު އާ ޢަޒުމުތަކެއް ދިރުވައި ޢަމަލީ ގޮތުން ތަންފީޒުކުރާ އަހަރަކަށް ހަދަމާތޯއެވެ. އަމިއްލަ ނަފުސަށާއި، އާއިލާއަށާއި، ދީނާއި ޤައުމަށް، އޭގެ ލާބައާއި މަންފާ ލިބެނިވި ޢަޒުމުތަކެކެވެ.

         މާތް ﷲ މި ލޮބުވެތި ވަޠަން ރައްކާތެރިކަމާއި މިނިވަންކަންމަތީ އަބަދުމެ ލަހައްޓަވާށިއެވެ. ހެޔޮ ވިސްނުމާއި ހެޔޮބަސް ޤަބޫލުކުރުމާއި، އެޔޮ ޢަމަލުތަކުގައި ދެމި ތިބުމުގެ ހެޔޮ ތައުފީޤު، ދިވެހި ކޮންމެ ރައްޔިތަކަށް މެ ދެއްވާށިއެވެ! آمين

03 ރަބީޢުލްއާޚިރު 1438

01 ޖެނުއަރީ 2017

ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް