ޚަބަރު

ޕޮލިސް ކޮންސްޓަބަލް ޢަލީ ރައްޒާނަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި މައްސަލައާ ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް ދެއްވި ބަޔާން

05 އޯގަސްޓް 2017

MPS2253

الحمد لله رب العالمين والصلاة والسلام على أشرف الأنبياء والمرسلين، نبينا محمد وعلى آله وصحبه أجمعين

        5 އޮގަސްޓު 2017 ވީ ހޮނިހިރު ވިލުނުރޭ މެންދަމު 1:30 އެހައިކަންހައި އިރު، ތޫނު ހަތިޔާރެއް ބޭނުންކޮށްގެން، ދިވެހި ފުލުހަކަށް މީހަކު ހަމަލާދިން މައްސަލައިގައި ދަންނަވަމެވެ. މިއީ ޤާނޫނާ ޚިލާފަށް މާފުށީ ޖަލަށް ބަޔަކު އެތެރެކުރަން އުޅުނު، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި މަނާކުރެވިފައިވާ އެ ނޫން ވެސް ތަފާތު ބައެއް ތަކެތި އަތުލުމަށް ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ޕޮލިސް ކޮންސްޓަބްލް ޢަލީ ރައްޒާން (19އ) އަށް މީހަކު ގަސްތުގައި ދިން އަނިޔާވެރި ލާއިންސާނީ ޙަމަލާއެކެވެ. މި ޙަމަލާގެ ސަބަބުން ޢަލީ ރައްޒާނު ވަނީ ފުރާނައަށް ނުރައްކާވާ ފަދަ ބޮޑެތި ޒަޚަމްތަކެއް ލިބި ފަރުވާ ދިނުމަށްޓަކައި ހޮސްޕިޓަލުގައި އެޑްމިޓްކުރެވިފައެވެ.

            މި ހިތާމަވެރި ދަނޑިވަޅުގައި މައިގަނޑު ދެ ކަމެއް ފާހަގަކޮށްލަން އަޅުގަނޑު ބޭނުމެވެ. އެއްކަމަކީ ކޮންމެ ފުލުހަކީ ދިވެއްސަކު ކަމުގައި ވެފައި، ދިވެހި ކޮންމެ ފުލުހެއްގެ ހަކަތައާއި ޚިދުމަތާއި ޢަޒުމު އޭނާ ހޭދަ ކުރަނީ މި ދިވެހި ޤައުމަށެވެ. މުޖުތަމަޢަށެވެ. ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި ދިފާޢަށެވެ. މަސްތުވާތަކެއްޗާއި މާރާމާރީއާއި އެ ނޫންވެސް ޤާނޫނާ ޚިލާފު ހުރިހައި ކަމަކުން މުޖުތަމަޢު ސަލާމަތްކުރުމަށެވެ. ރާއްޖޭގެ އެކި ކަންކޮޅުގައި ރެއާއި ދުވާލު ފުލުހުން އަދާކުރާ ޤައުމީ ވާޖިބަކީ  މިއެވެ. އޭގެ ސަބަބުން އަމާންކަމާއި ރައްކާތެރިކަން ލިބެނީ ހަމަ ދިވެހި ރައްޔިތުންނަށެވެ. ދިވެހި ފުލުހުންނަކީ އެ ރައްޔިތުންގެ ދަރީންނެވެ. ވީމާ މިއީ އެއް އާއިލާއެކެވެ.

            އަޅުގަނޑުގެ ދެވަނަ ނުކުތާއަކީ ދިވެހިފުލުހުންނަށް ގަސްތުގައި ޙަމަލާދީނުމަކީ ތާރީޚެއް އޮތް ކަމެއް ކަމުގައި ދެންނެވުމެވެ. އެހެނީ ސިޔާސީ ގޮތުން ޤައުމު ހަލަބޮލިވެ، ފުލުހުންނަށް ހަމަލާދޭން ގޮވައިލަން ފެށުމުން މީގެ ކުރިންވެސް މި ފަދަ ހިތާމަވެރި އެތައް ހާދިސާއެއް ހިނގައިފައި އެބަހުއްޓެވެ. މި ގޮތުން ކ. ކާށިދޫގައި ހުރި ކުށްވެރިޔަކު  2012ވަނަ އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހު ޕޮލިސް ސަރޖެންޓް އާދަމް ޙަލީމަށް ހަމަލާދީ، ކާށިދޫގައި އޭނާ ޝަހީދުކޮށްލައިފައިވެއެވެ. އެއީ ވެސް މީޑިޔާގެ ތަފާތު ވަސީލަތްތައް މެދުވެރިކޮށް ފުލުހުންގެ މުއައްސަސާއަށާއި ވަކިވަކި ފުލުހުންނަށް ހަޖުލާއި ރުޅިޔާއި ނަފުރަތުގެ ބަސްތައް އޮއްސަމުންދިޔަ ދުވަސްވަރެކެވެ.

         މި ދުވަސްވަރަކީ އަނެއްކާ ވެސް ރާއްޖޭގައި މި ފަދަ އޮއިވަރެއް ހިންގަމުންދާ ދުވަސްވަރެކެވެ. ރައްޔިތުންގެ ގެދޮރާއި މުދަލާއި ފުރާނައިގެ ރައްކާތެރިކަމަށްޓަކައި ފުލުހުން ރެއާ ދުވާލު އަދާކުރާ ޤާނޫނީ ބިޔަ ވާޖިބުގެ ހަނދާންކޮށް ޝުކުރުވެރިވުމުގެ ބަދަލުގައި ސިޔާސީ މަޤުޞަދުތަކުގެ ބޭނުމުގައި ވަކި ވަކި ފުލުހުންނަށް އަމާޒުކޮށް އަނެއްކާ ވެސް މި ދަނީ ނުރައްކާތެރި ނޭއްގާނީ ޙަރަކާތްތަކެއް ހިންގެމުންނެވެ.

         ޕޮލިސް ކޮންސްޓަބްލް ޢަލީ ރައްޒާނަށް މި ދެވުނު ޙަމަލާއާ ގުޅިގެން މިއީ ދިވެހި ކޮންމެ ދަރިޔަކު، ޤައުމާއި ރައްޔިތުން ދެކެ ލޯބިވާ ކޮންމެ ފަރުދަކު ވިސްނައިލުން މުހިންމުކަމެއްކަމުގައި އަޅުގަނޑު ދެކެމެވެ. އެހެނީ ކުށްކުރުން ހުއްޓުވުމުގެ ވާޖިބު އަދާކުރާން ދިއްކުރެވޭ އަތުގައި ކުށްވެރީންގެ އަތުން ހިފަހައްޓައި ހާނީއްކަކުރެވިގެން ނުވާނެއެވެ. ޤައުމުގެ ސަލާމަތް އޮތީ، ފުލުހުންގެ ޤުރުބާނީއާއި ޚިދުމަތަށް ފުރުޞަތު ދިނުމުގައެވެ. މަރުޙަބާކިޔުމުގައެވެ.

         ފާއިތުވި ހަފުތާއަކީ ހަލަބޮލި ހަފުތާއެކެވެ. ހިނގައިދިޔަ ހިތާމަވެރި ކަންކަމާގުޅިގެން މީހުންގެ ޖާނަށާއި ފުރާނައަށް ގެއްލުންވެ، ހިނގައިދިޔަ ކަންކަމާގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ފުލުހުން އަޅަމުން މިދަނީއެވެ. މައްސަލަތައް ތަޙްޤީޤުކުރަމުން މިދަނީއެވެ.

         ފުލުހުން ފުލުހުންގެ ޤާނޫނީ ވާޖިބު އަދާކުރާނެއެވެ. ފަހެއް ނުޖެހޭނެއެވެ. ކުރިޔަށް ހިނގާނެއެވެ. ޢަޒުމާއި ހިތްވަރު ނެރޭނެއެވެ. އެއީ މާތްވެގެންވާ އިސްލާމްދީނުގެ ނޫރުން ނޫރު ލިބިގެންނެވެ. ދިވެހި ޤައުމުދެކެ ލޯބިވި ކާބަފައި ބަޠަލުންގެ ރޫޙުން ރޫޙު ދިރިގެންނެވެ. ޤާނޫނަށް ތަބާވުމާއި ޤާނޫނު ނެގެހެއްޓުމަކީ އުފަލެއްކަމުގައި ދެކިގެންނެވެ.

          އެހެންކަމުން ދިވެހި ކޮންމެ ރައްޔިތަކު ދިވެހި ކޮންމެ ފުލުހަކަށް ވާގިވެރިވެ މަދަދުވެރިވުމަކީ ޝައްކެއް ނެތް ގޮތުގައި އެންމެ މަޞްލަޙަތު ހުރިގޮތެވެ. އެންމެ މަންފާހުރި ގޮތެވެ.

          ރޭގެ ހާދިސާގައި އަނިޔާ ލިބުނު ޕޮލިސް ކޮންސްޓަބްލް ޢަލީ ރައްޒާނު އެ ދައްކައިދިނީ ދިވެހި ފުލުހެއްގެ ފުރިހަމަ ޢަޒުމާއި ހިތްވަރާއި ހިންމަތެވެ. ހަރުދަނާ ޝަޚްޞިއްޔަތެވެ. ފުލުހުންގެ ޚިދުމަތަކީ ނުރައްކާތެރި، ނަމަވެސް މި ޚިދުމަތުގެ ސަބަބުން އެތައް ރައްޔިތުންނަކަށް ރައްކާތެރިކަން ދެވޭ އަގުހުރި ޚިދުމަތެކެވެ. ފުރާނަޔާއި ހަށިގަނޑުގެ ޤުރްބާނީއެކެވެ. އަބަދުވެސް ދިވެހި ކޮންމެ ފުލުހެއް މެ ފިޔަވަޅުތައް ސީދާކޮށް ވާޖިބު އަދާކުރުމުގައި ސާބިތުކަމާއެކު ކުރިޔަށް ދާނީ، ފިސާރި ކެރުމާއި ހިތްވަރާއި ނުގުޑާ ޢަޒުމަކާއެކީގައެވެ.

         ހަތިޔާރުގެ ކުރިމައްޗަށް ފުން ވިލުދޮޅިއެއްގެ އަނގަމައްޗަށް ރޭގަނޑު ދަންވަރު ފުންމާލައި ތިޔަ ދެއްކި ސާބިތުކަމަށްޓަކައި ޕޮލިސް ކޮންސްޓަބްލް ޢަލީ ރައްޒާނަށް އައްސަރިބަހާއި ސާބަސް ރައްދުކުރަމެވެ. އަދި ޢުމުރުން އެންމެ 19 އަހަރުގައި ދިވެހި ޒުވާނެއްގެ ހައިސިއްޔަތުން، ވަކިން ޚާއްޞަކޮށް ދިވެހި ފުލުހެއްގެ ހައިސިއްޔަތުން ތިޔަ ދެއްކި ނަމޫނާއަށްޓަކައި ފަޚްރުވެރިވަމެވެ. އޯގާވަންތަ ﷲ އަވަސް ޝިފާއެއް ދެއްވާށިއެވެ.  އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ.

         މި ލޮބުވެތި ދިވެހި ވަޠަން މިނިވަންކަންމަތީ އަބަދަށް ލަހައްޓަވާށިއެވެ!

والسلام عليكم

_______________________

13 ޛުލްޤައިދާ 1438

05 އޮގަސްޓް 2017

އަޙްމަދު ޢަރީފް

ކޮމިޝަނަރ އޮފް ޕޮލިސް