ޚަބަރު

ރާއްޖެއަށް ކުރަމުންމިދާ ވިއްސާރައާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކުރަން

29 މާޗް 2021

Vissaara 2

މިހާރު ރާއްޖެއަށް ކުރަމުންމިދާ ވިއްސާރާގައި ބޯކޮށް ވާރޭވެހި ވައިގަދަވެ އަދި ކަނޑުތައްވެސް ގަދަވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލާފަކޮށްފައިވާތީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރަމެވެ.

އެގޮތުން، ކަނޑުދަތުރުކުރާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި، ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ ދަތުރަށް ފެށުމުގެ ކުރިން ޔަގީންކުރުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ. އަދި މުވާސަލާތު ކުރުމަށް ބޭނުންކުރާ ސެޓުފަދަ ތަކެތި ރަނގަޅަށް މަސައްކަތްކުރޭތޯ ޔަގީންކުރުމަށްފަހު ނޫނީ ދަތުރު ނުފެށުމަށް އިލްތިމާސްކުރަމެވެ. އަދި މުދާ އުފުލާ އުޅަނދުތައް ބަރު ކުރުމުގައި ހުއްދަ ދެވިފައިވާ މިންގަނޑަށްވުރެ ބަރު ނުކުރުމަށާއި، ފަސިންޖަރުން އުފުލާ އުޅަނދުފަހަރުގައި ސަލާމަތީ އާލާތްތައް ފަސޭހައިން ބޭނުންކުރެވޭނެ ގޮތަށް ބެހެއްޓުމަށް އިލްތިމާސްކުރަމެވެ. އަދި ފަޅުގައި އުޅަނދުފަހަރު އެޅުމުގައި ރައްކާތެރިކަން ކަށަވަރުކުރުމާއި ނަގިލި ކަހާލުންފަދަ ކަމެއް ދިމާވެދާނެ ކަމަށްޓައި ސަމާލުވެ، ރަނގަޅަށް ބެލެހެއްޓުމަށްވެސް އިލްތިމާސްކުރަމެވެ.

Vissaara

އޭގެ އިތުރުންވެސް ވައިގަދަވެގެންދާ ވަގުތުތަކުގައި، އުސް އިމާރާތްތަކުގެ ދޮރުތަކާއި ކުޑަދޮރުތައް ރަނގަޅަށް ލެއްޕުމަށާއި ބެލްކަނި އަދި ޓެރެސްގައި ހުންނަ ގަސްމުށި ފަދަތަކެތި ބިންމައްޗަށް ނުވެއްޓޭނެހެން ރައްކާތެރިކަމާއެކު ބެހެއްޓުމާއި ވަޔާ އެއްލައިލަފާނެ ފަދަ ތަކެތި އެއްލައި ނުލާނޭހެން ބަނދެ ރައްކާތެރިކޮށްފައި ބެހެއްޓުމަށް އިލްތިމާސްކުރަމެވެ. އަދި ބޭނުންނުކުރާ ކަމުގައިވާނަމަ ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާލާފައި ބެހެއްޓުމަކީވެސް ހިނގާފާނެ ހާދިސާތަކުން ރައްކާތެރިވުމަށް އެޅިދާނެ މުހިންމު ފިޔަވަޅެކެވެ.

އަދިވެސް އޭގެ އިތުރުން، ވާރޭވެހި ފެންބޮޑުވެ ގޭގެއަށް ފެން ނުވަންނާނޭހެން ވެލި ބަސްތާ ފަދަ ތަކެތި ޖަހައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްވެސް އިލްތިމާސްކުރަމެވެ.

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަބަދުވެސް އެޅުމަށާއި ލިބޭ ގެއްލުންތައް ކުޑަކުރުމަށް ކޮންމެ ރައްޔިތަކުވެސް މަސައްކަތް ކުރުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.