ޚަބަރު

ޕޮލިސް ސަރޖަންޓް އައިމިނަތު އިބްރާހީމް ދީދީ - ހިތްވަރުގަދަ އައިއޯއެއް

05 އޯގަސްޓް 2021
Anth

ޏ. ފުވައްމުލަކު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރަމުން އަންނަ ޕޮލިސް ސަރޖަންޓް އައިމިނަތު އިބްރާހީމް ދީދީ (އައިންތު) އަކީ އިންވެސްޓިގޭޝަންގެ ދާއިރާގައި ކުރިއަރަމުން އަންނަ ހިތްވަރުގަދަ އައިއޯއެއްކަން އޭނާގެ މަސައްކަތުން ގެންދަނީ ސާބިތުކޮށްދެމުންނެވެ. ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަވެފައިވާ އައިންތު ގެންދަނީ އެ ދާއިރާއިން ކާމިޔާބު މަސައްކަތްތަކެއް ކުރަމުންނެވެ. ފުވައްމުލަކުގައި ކުޑަކުދިންތަކަކަށް ޖިންސީގޯނާ ކުރަމުން ދިޔަ މީހަކަށް 32 އަހަރުގެ ޖަލު ހުކުމެއް ދާދިފަހުން ކުރެވިގެންދިޔައިރު އެ މައްސަލަ ތަހުގީގުކުރި އިންވެސްޓިގޭޝަން އޮފިސަރުގެ ހައިސިއްޔަތުން އޭނާގެ މިންނެތް މަސައްކަތް ވަރަށް ބޮޑަށް ފާހަގަކުރެވިގެން ގޮސްފައިވެއެވެ.

ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުން އަމަލުކުރެވޭނެ ގޮތްތައް ގާނޫނުން ފަހިކޮށްދީފައި ވީނަމަވެސް އެފަދަ ކުށްތައްކުރާ މީހުންގެ މައްސަލަތައް ތަހުގީގުކޮށް ޝަރީއަތަށް ސާބިތުކޮށްދިނުމަކީ ފަސޭހަކަމެއް ނޫންކަން ޔަގީނެވެ. ސަބަބަކީ އެފަދަ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުންގެ މަސައްކަތް ޖިނާއީ އިޖުރާއަތުގެ ދަށުން ވަކި ތަރުތީބަކުން ކުރުމަށް ލާޒިމުކުރާއިރު، ކުށުން ބަރީއަ ވެވޭނެ ގޮތް ހޯދުމުގައި ދައުވާ ލިބޭ ފަރާތުންވެސް ރޭވުންތައް ރާވަމުން ދިއުމެވެ. އެ ރޭވުންތައް ނާކާމިޔާބުކޮށްލައި ޝަރީއަތުގެ ކުރިމައްޗަށް އެމީހަކު ފަލީހަތްކޮށް އެމީހަކުކުރި ކުށަށް އަދަބު ދެވެން އަންނަނީ އެތައް ބައެއްގެ ބުރަ މަސައްކަތް އެކަމުގައި ޝާމިލުވެގެންނެވެ. ވަކިން ހާއްސަ ގޮތެއްގައި އެ މަސައްކަތް ކާމިޔާބުވުމުގައި އިންވެސްޓިގޭޝަން އޮފިސަރުންގެ ދައުރު ބޮޑެވެ.

ފުލުހުންގެ ހިދުމަތާ ގުޅުމާއި ތަހުގީގު ކުރުމުގެ ތެރެއަށް ދިއުން

ޕޮލިސް ސަރޖަންޓް އައިމިނަތު އިބްރާހީމް ފުލުހުންގެ ހިދުމަތާ ގުޅުނީ ރައްޔިތުންނަށް އޭނާގެ ފަރާތުން ހިދުމަތް ކުރުމަށާއި އަނިޔާ ލިބޭ މީހުންނަށް އިންސާފު ހޯދައިދިނުމުގެ މަތިވެރި އަޒުމުގައިކަން އޭނާ ފާހަގަކުރިއެވެ. އަދި އޭނާގެ މަސައްކަތުން އެކަން ދަނީ ސާބިތުކޮށްދެމުންނެވެ.

2006 ވަނަ އަހަރު ފުލުހުންގެ ހިދުމަތުގައި އައިންތުގެ މަސައްކަތް ފަށައިގެން އައި ކަމުގައިވިޔަސް ތަހުގީގު ކުރުމުގެ ދާއިރާއަށް ޝައުގުވެރިކަން އުފެދުނީ 2010 ވަނަ އަހަރު ފުލުހުންގެ ޕަބްލިކް ރިލޭޝަން އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރަންފެށި ހިސާބުންނެވެ. އެގޮތުން ފުލުހުންގެ ހިދުމަތަށް އެދި ފުލުހުންގެ އިދާރާއަށް ހާޒިރުވާ މީހުންނާ އެންމެ ފުރަތަމަ ބައްދަލުވާ ފްރަންޓް ޑެސްކުން ގިނަ ބަޔަކާ ބައްދަލުވެ، އެމީހުންގެ މައްސަލަތައް އަޑުއަހައި، ބަޔާން ނެގުމުގެ ތެރެއިން ތަހުގީގު ކުރުމުގެ ދާއިރާއަށް އައިންތުގެ ޝައުގުވެރިކަން އުފެދިގެންދިޔައެވެ.

ފުލުހުންގެ ހިދުމަތުގައި ދިގު މުއްދަތެއް ހޭދަކޮށްފައިވާ އައިންތު ތަހުގީގު ކުރުމުގެ ދާއިރާއާ ގުޅުނުތާ މިވީ އަށް ވަރަކަށް އަހަރުގެ ތެރޭގައި ތަހުގީގު ދާއިރާއާ ގުޅުން ހުރި ތަފާތު ކޯސްތަކެއް ފުރިހަމަކޮށް ކާމިޔާބީތަކެއް ހާސިލުކޮށްފައިވެއެވެ. އެގޮތުން އިންވެސްޓިގޭޝަން އޮފިސަރސް ކޯހުން އެއްވަނަ ހާސިލުކޮށްފައިވެއެވެ. ވަކިން ހާއްސަ ގޮތެއްގައި ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް ތަހުގީގު ކުރުމުގެ ހުނަރުތައް ދަސްކޮށްފައިވެއެވެ. އެގޮތުން ޖުވެނައިލް ޖަސްޓިސްޓް ޓްރެއިނިންގ، ފެމެލީ އެންޑް ޗައިލްޑް ސެންޓަރޑް އިންވެސްޓިގޭޝަން ކޯހާއި، އެޑްވާންސް ޗައިލްޑް އިންޓަރވިއުއިންގ ޓެކްނިކްސް އަދި ޕޮލިސް އިންވެސްޓިގޭޝަން އޮފް ޗައިލްޑް އެކްސްޕްލޮއިޓޭޝަން ސަސްޕެކްޓް އިންޓަރވިއުއިންގ – ހޯލް ސްޓޯރީ އެޕްރޯޗް ގެ ޓީއޯޓީ ފަދަ ގިނަ ތަމްރީނުތަކެއް ފުރިހަމަކޮށްފައިވެއެވެ.

ފުވައްމުލަކަށް އުފަން އައިމިނަތު އިބްރާހީމް ކުޑަކުދިންނާގުޅޭ މައްސަލަތަކަށް ހާއްސަވެ ފުވައްމުލަކު ޕޮލިސް ސްޓޭޝަންގައި މަސައްކަތް ފެށުނު ގޮތްވެސް އޭނާ ޕޮލިސް ލައިފާ ހިއްސާކުރިއެވެ.  "އޭރު ކުޑަކުދިންނާ ގުޅުންހުރި މައްސަލައެއް ފުވައްމުލަކު ޕޮލިހަށް ހުށަހެޅިއްޖެނަމަ އެފް.ސީ.ޕީ.ޑީ އިން މުވައްޒަފެއް ގެނެސްގެން ތަހުގީގު ކުރަން ޖެހެނީ. އަދި އޭރު މި ދާއިރާއިން ތަމްރީނު ފުރިހަމަ ކޮށްފައިވާ އަންހެން މުވައްޒަފަކުވެސް ސްޓޭޝަނުގައި ނެތް. އެހެންކަމުން މިދާއިރާއިން ފުރުސަތު ލިބުމުން ކުރިއަށް ދެވިދާނެ ކަމަށް ގަބޫލުކޮށްގެން ދާއިރާއާ ގުޅުންހުރި ކޯސްތައް ހެދީ". ތަހުގީގު ކުރުމުގެ ދާއިރާގައި އައިންތު ދައްކަމުން ގެންދާ ހިތްވަރާއި ސާބިތުކަމަކީ މިދާއިރާއިން ކުރިއަށްދިއުމަށް ޝައުގުވެރިވާ އެހެން އޮފިސަރުންނަށްވެސް ނަމޫނާއެއްކަން ޔަގީނެވެ.

އައިއޯއެއްގެ ހައިސިއްޔަތުންނާއި މަންމައެއްގެ ހައިސިއްޔަތުން އައިންތުގެ ނަސޭހަތް

ފާއިތުވި އަށް އަހަރެއްހާ ދުވަހު ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް ތަހުގީގު ކުރުމުގެ ތެރެއިން ގިނަ ކަންކަމަކާ ކުރިމަތިލައި އެތައް ތަޖުރިބާތަކެއް އައިންތުވަނީ ކޮށްފައެވެ. އެގޮތުން، އިންވެސްޓިގޭޝަން އޮފިސަރެއްގެ ހައިސިއްޔަތުން ބެލެނިވެރިންނަށް އައިންތުދޭ ނަސޭހަތަކީ ކުދިން ދައްކާ ވާހަކަތަކަށް އިޖާބަދީ އެ ވާހަކަތައް ކަނުލައި އަޑުއަހައި، އެކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ބެލެނިވެރިން މަސައްކަތްކުރުމަށެވެ. އޭނާގެ މަސައްކަތުގެ ތެރެއިން އެނގި ދަސްވެފައިވާ އެއް ހަގީގަތަކީ ކުޑަކުދިންނަށް ޖިންސީ އަނިޔާ ލިބެނީ ނުދަންނަ މީސްމީހުންގެ ފަރާތުން ނޫންކަމެވެ. އާއިލާ ތެރެއިންނާއި، ޒިންމާދާރު މަގާމުގައި ތިބޭ މީހުންގެ ޝިކާރައަށް ކުދިންވާ ފަހަރުވެސް މަދެއް ނޫންކަމެވެ. "ކުދިންނަށް  ހުރިހާ ވާހަކައެއް ބުނެއެއް ނުދެވޭނެ. އެހެންކަމުން ކުދިން ދައްކާ ވާހަކައިން ބޮޑެތި މީހުން ދެނެގަންނަން ޖެހޭނެ. މިސާލަކަށް އުމުރާ ނުގުޅޭ ވާހަކައެއް ކުދިން ދައްކައިފިއްޔާވެސް އެއީ ކިހިނެތް ވެގެންތޯ އޮޅުން ފިލުވަންވާނެ''.

ކާމިޔާބު އަންހެން އިންވެސްޓިގޭޝަން އޮފިސަރެއްގެ އިތުރުން އައިންތު އަކީ ދެ ކުދިންގެ މަންމައެކެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ކުޑަކުދިން ބެލެހެއްޓުމުގައި ކުދިންނާއެކު ގިނަވަގުތު ހޭދަކޮށް ކުދިން ކުރާކަންތައްތައް ރަނގަޅަށް ބެލުމާއި، އެކުދިންނާ އެކީ އުޅޭ ރައްޓެހިންނަކީ ކޮންބައެއްކަން ބެލެނިވެރިންނަށް އެނގުން ވަރަށް މުހިއްމެވެ. އަދި ކުއްޖަކަށް އަނިޔާއެއް ލިބޭ ކަމަށް ބުނުމުން އެކުއްޖާ ދައްކާ ވާހަކަ ގަބޫލުކުރުމަށާއި، އަބަދުވެސް ކުދިންގެ މަސްލަހަތަށް އިސްކަން ދިނުމާއި، އާއިލާ ތެރޭގައި ޖެހޭ މައްސަލަތަކުގައި ކުދިން ބައިވެރި ނުކުރުމަށް އައިންތު ނަސޭހަތްތެރިވެއެވެ. އަދި އަބަދުވެސް ކުއްޖާއާ ގާތް ގުޅުމެއް ބާއްވައި ކުއްޖާއަށް އެންމެ ހެޔޮ އެދޭ މީހުންނަކީ ކުއްޖާގެ އާއިލާގެ މެމްބަރުންކަން އިހުސާސް ކޮށްދިނުމުގެ މުހިއްމުކަންވެސް އޭނާ ފާހަގަކުރިއެވެ.

ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށް އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހެއެވެ. އަދި ކުޑަކުދިންނާމެދު ނޭއްގާނީ އަމަލުތައް ހިންގާ މީހުން މުޖުތަމައުން އެކަހެރިކުރުމަށްވެސް ކެރިގެން މަސައްކަތް ކުރަންޖެހެއެވެ. ޕޮލިސް ސަރޖަންޓް އައިމިނަތު އިބްރާހީމް ފަދައިން މި މަސައްކަތުގައި ދެމިތިބި އެހެން ހުރިހާ އިންވެސްޓިގޭޝަން އޮފިސަރުންނާ އަދި ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން މި މަސައްކަތް ކުރަމުންދާ އެންމެންގެ މަސައްކަތަށްވެސް ޕޮލިސް ލައިފުން ސާބަސް ރައްދުކުރަމެވެ.