ޚަބަރު

ގއ.ވިލިނގިލީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފި

30 ސެޕްޓެމްބަރ 2021

VilligiliPoliceAlcoholDisposal

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ގއ.ވިލިނގިލީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ.

މިތަކެތި ނައްތާލާފައި ވަނީ މި ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ވިލިނގިލި ޕޮލިސް ސްޓޭޝަންގެ ގޯތިތެރޭގައެވެ.

އެގޮތުން ނައްތާލާފައިވަނީ 2021 ވަނަ އަހަރުގެ އޭޕްރީލް 5 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރ 21 ވަނަ ދުވަހުގެ ނިޔަލަށް ގއ.ކޫއްޑޫ ޑޮމެސްޓިކް އެއަރޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ، އެކި ބްރޭންޑްތަކުގެ 585 ބަނގުރާ ފުޅި އާއި 201 ބިއަރު ދަޅެވެ.

ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާއާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށް އެކުލަވާލާފައިވާ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.