ޚަބަރު

ތޮއްޑޫ ސްކޫލުގެ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފި

30 ސެޕްޓެމްބަރ 2021

Thohddoo

އއ. ތޮއްޑޫ ސްކޫލުގެ ދަރިވަރުންނަށް ކުށުން ރައްކާތެރިވެ، އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ތޮއްޑޫގައި މަސައްކަތްކުރާ ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.

މިފަދަ ސެޝަނެއް ތޮއްޑޫގައި ކުރިއަށް ގެންދިޔުމުގެ މަޤްސަދަކީ ރަށުތެރެއިން ކުށުގެ ވެއްޓަށް ހުށަހެޅޭ ކުދިން މަދުކޮށް ބިނާކުރަނިވި މުސްތަޤްބަލެއް ޤާއިމުކުރުމަށް މަގުފަހި ކުރުމެވެ.

މި ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ދެ ދަންފަޅިއަކަށް ބަހާލައިގެން ތޮއްޑޫ ސްކޫލުގައި ކުރިއަށް ގެންދިޔަ މި ސެޝަންތަކުގައި، ކުޑަކުދިންނާ ގުޅުންހުރި ގާނޫނުތަކާ ބެހޭގޮތުން ހޭލުންތެރިކޮށް ރައްކާތެރި ގޮތުގައި އިންޓަނެޓް ބޭނުންކުރުމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ދަރިވަރެއްގެ ހައިސިއްޔަތުން ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ އިތުރުން، އއ. ތޮއްޑޫގެ ވެއްޓަކީ އަމާން ރައްކާތެރި ވެއްޓަކަށް ހެދުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

މި ސެޝަންތަކުގައި ތޮއްޑޫ ސްކޫލުގެ ގްރޭޑް ހަތަރެއް، ފަހެއް އަދި ހައެއް ގައި ތައުލީމު ހާސިލުކުރަމުންދާ ހުރިހާ ދަރިވަރުން ބައިވެރިވިއެވެ.