ޚަބަރު

ނޫސް ބަޔާން

21 އޮކްޓޯބަރ 2013

އިލެކްޝަންސް ކޮމިޝަން ގެ ޑޭޓާބޭސްގެ ލޮގްތައް ދިވެހިރާއްޖޭގެ ސްޕްރިމް ކޯޓަށް ހިއްސާކުރިފަހުން  އެޑޭޓާބޭސްގައިހުރި މަޢުލޫމާތައް ބަދަލު އަންނަކަމަށް އެކޮމިޝަނުން ކުރާ ތުހުމަތާގުޅޭ

ޑިޕާރޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ އައި.ޑީ ކާރޑް ޑާޓާބޭސްގައިވާ މަޢުލޫމާތުތަކާއި، އިލެކްޝަންސް ކޮމިޝަންގައި ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ދިވެހި ރައްޔިތުންގެ މަޢުލޫމާތު އިންޓަރނެޓް ސައިޓެއްގައި (http://maldives.annonymous.lv) ޝާޢިއު ކޮށްފައިވާ ކަމުގެ މަޢުލޫމާތު 2013 އޯގަސްޓް 14 ވަނަ ދުވަހު މި ސަރވިސް އަށް ލިބުމުން އެ ކަން ހިނގާފައިވާ ގޮތް ބެލުމަށް ކުރެވުނު މަސައްކަތުން އެނގިފައިވަނީ އިލެކްޝްންސް ކޮމިޝަންގެ މުހިއްމު މަޢުލޫމާތު ރައްކާކުރެވިފައިވާ އެއް ވެބް ސާރވަރ ކަމުގައިވާ  p.elections.gov.mv އަށް ބަޔަކު އެކްސެސްވެގެން އެ ސާރވާރއިން އެ މަޢުލޫމާތު ނަގާފައިވާ ކަމެވެ. މިފަދައިން ބެލެވުނު ސަބަބަކީ އެ ސާރވާރގެ ހޯމް ޕޭޖް ބަދަލުކޮށް، އެ ސައިޓް ހެކްކޮށްފައިވާ ކަމަށް ހޯމް ޕޭޖްގައި ލިޔެފައިވުމުންނެވެ. މިއީ ވަގުތުން ވަގުތަށް ފިޔަވަޅު އަޅަންޖެހޭ ކަމެއް ކަމަށް ފެންނާތީ އެކަން ވާނީ އިލެކްޝަންސް ކޮމިޝަންގެ ސަމާލުކަމަށް 2013 އޯގަސްޓް 15 ވަނަ ދުވަހު ގެނެވިފައެވެ. އެހެން ނަމަވެސް، އެފަދަ ކަމެއް ނުހިނގާނެ ކަމަށް ވިދާޅުވެ، އެ ކޮމިޝަނުން އެ މައްސަލަ ތަޙުޤީޤް ކުރުމަށް އެއްބާރުލުން ދެއްވާފައި ނުވެއެވެ. އަދި، މިކަމަށް އެކަށީގެންވާ ހައްލެއް ގެނައުމަށް މި ސަރވިސް އިން ފޯނުން ކުރި މުޢާމަލާތްތަކަށްވެސް އެކަށީގެންވާ ޖަވާބެއް ލިބިފައި ނުވެއެވެ.

މިއީ އެތަކެއް ދިވެހި ރައްޔިތުންގެ މަސްލަޙަތާއި ގުޅިފައިވާ ކަމެއް ކަމުގައިވާތީ އެ ސައިޓަށް ނުވަދެވޭނެ ގޮތް ހެދުމަށް 2013 އޮގަސްޓް 20 ގައި މި ސަރވިސް އިން ވަނީ ކޮމިއުނިކޭޝްންސް އޮތޯރިޓީ އޮފް މޯލްޑިވްސް ގައިި ސިޓީއަކުން ދަންނަވައިގެން އެ ސައިޓަށް ރާއްޖެއިން އެކްސެސް ނުވެވޭނެ ގޮތް ހަމަޖައްސާފައެވެ. މީގެ އިތުރުން، މިސަރވިސް އިން ބޭރުގެފަރާތްތަކާއި ގުޅިގެން ކުރެވުނު މަސައްކަތުން  2013 އޮގަސްޓް 20 ދުވަހު އެ ސައިޓް ވަނީ އިންޓަރނެޓުން ނެގިފައެވެ.

މި މައްސަލަ ހައްލު ކުރުމަށް ނުވަތަ މި ޢަމަލު ހިންގި ބަޔަކު ހޯދުމަށް އެކަށީގެންވާ ފިޔަވަޅު އިލެކްޝަންސް ކޮމިޝަނުން ނައަޅާ ތިއްބާ، 2013 އޯގަސްޓް 17 ވަނަ ދުވަހުގެރޭ އިލެކްޝަންސް ކޮމިޝަންގެ ރަސްމީ ވެބްސައިޓްގައި "ސިޔާސީ ޕާޓީ / މެމްބަރުންގެ ޢަދަދު" ބަޔަށް ވަންނަ  ފަރާތްތަކުގެ ކޮމްޕިއުޓަރަށް އޮޓޮމެޓިކުން ވައިރަސް އެއް ޑައުންލޯޑްވާ ކަމަށް ލިބުނު މަޢުލޫމާތު ކަށަވަރު ކުރުމަށްޓަކައި ކުރެވުނު މަސައްކަތުން އެ ޕޭޖަށް ވަނުމުން "އިންޓްރޫސިވް" މުޢާމަލާތެއް ހިނގާކަން ކަށަވަރު ކުރެވިފައިވެއެވެ.

މިކަންތައް މިހާ ހިސާބަށް ދިއުމުން، މިކަން ޙައްލުކުރުމަށްޓަކައި 2013 އޯގަސްޓް 19 ވަނަ ދުވަހު އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތަޢުފީޤްއާއި އެކޮމިޝަނުގެ ކަމާބެހޭ ފަރާތްތަކާއިއެކު ވަނީ ބައްދަލުވުމެއް ބޭއްވިފައެވެ. މިބައްދަލުވުމުގައި މިސަރވިސްއަށް ހޯދިފައި ހުރި ހޯދުންތައް ހިއްސ ކުރެވުނުނެވެ. މިބައްދަލުވުމުގައި، އިލެކްޝަންސް ކޮމިޝަންގެ ވެބްސާރވަރއަށް އަބަދުވެސް އެޓޭކް ކުރަމުން އަންނަ ކަމަށާއި، މިގޮތަށް އެޓޭކްކުރާ ފަރާތްތަކުގެ އައި.ޕީތައް ބްލޮކް ކުރަމުން އަންނަކަމަށް އެ ކޮމިޝަންގެ ޓެކްނިކަލް ބޭފުޅުން ވިދާޅުވެފައިވެއެވެ. އަދި މިގޮތަށް ފާހަގަކުރެވިފައިވާ އައި.ޕީ ތަކުގެ މަޢުލޫމާތު އެކޮމިޝަނުން މިސަރވިސްއާއި ހިއްސާކުރައްވާނެކަމަށް ވިދާޅުވިއެވެ. ނަމަވެސް އެފަދަ އެއްވެސް މަޢުލޫމާތެއް މިއަދާއި ހަމައަށްވެސް މިސަރވިސްއާއި ހިއްސާ ކުރައްވާފައި ނުވެއެވެ. މީގެއިތުރަށްވެސް އެކޮމިޝަނުގެ އޮންލައިން ސިސްޓަމްތަކަށް އެއްވެސް ފަރާތަކުން ހުއްދަ ކުރެވިފައިނުވާ ގޮތަކުން އެކްސެސްވުމަށް މަސައްކަތްކުރާކަން އެނގިވަޑައިގެންފިނަމަ އެކަން މިސަރވިސްއަށް ރިޕޯޓް ކުރުމަށް  ބައްދަލުވުމުގައި ދެންނެވިފައިވާނެއެވެ. އަދި ސިސްޓަމްތައް ރަނގަޅުކުރުމަށް މިސަރވިސްގެ ޓެކްނިކަލް އެހީއެއް ބޭނުންފުޅުވާނަމަ އެފަދަ އެހީތެރިކަން ދިނުމަށް ތައްޔާރަށް އޮތްކަމުގެ ޔަޤީންކަން އެ ބޭފުޅުންނަށް އެރުވުނެވެ.

މިމައްސަލައާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ އައި.ޓީ ސިސްޓަމްގެ ސެކިއުރިޓީ އޮޑިޓެއް  މިނިވަން ފަރާތެއް މެދުވެރިކޮށް ކުރުމަށް މިސަރވިސްއަށް ފެންނަކަމަށް 2013 އޯގަސްޓް 22 ވަނަ ދުވަހު ސިޓީއަކުން ލަފާދެވިފައިވާކަން ފާހަގަ ކުރަމެވެ.

2013 ސެޕްޓެމްބަރ 07 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއާއި ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ޖުމްހޫރީ ޕާރޓީން ހުށަހެޅުއްވި މައްސަލައާއި ގުޅިގެން އެކޯޓަށް ބޭނުންވި އެހީތެރިކަން މިސަރވިސްގެ ފޮރެންސިކް ޓީމަކުން ވަނީ ފޯރުކޮށްދީފައެވެ. މި މަސައްކަތުގައި ބޭނުންކުރެވިފައިވަނީ ވޯޓްލީ މީހުންގެ ރަޖިސްޓްރީ (ޕްރިންޓްކޮށްފައިވާ ލިސްޓް) އާއި އިލެކްޝަންސް ކޮމިޝަންގެ ބެލޮޓް ޕްރޮގްރެސް ރިޕޯޓިންގ ސިސްޓަމް (ބީ.ޕީ.އާރ.އެސް)ގެ އެކްސެސް ލޮގް އެވެ. މި ލޮގްގައި ހިމެނިފައިވާ މަޢުލޫމާތަކީ ސަރވަރއަށް އެކްސެސްވެފައިވާ ފަރާތްތަކުގެ އައި.ޕީ އެޑްރެސްއާއި ތާރީޚާއި ވަގުތެވެ. މި މާއުލޫމާތަކީ އެއްވެސް ތަނެއްގެ ވެބްސައިޓަކަށް ނުވަތަ ވެބްސާރވަރ އެއް ޕެނެޓްރޭޓް ކުރުމަށް ބޭނުންކުރެވިދާނެ މަޢުލޫމާތެއް ނޫނެވެ.

މިލޮގް ފިޔަވައި އިތުރު އެއްވެސް ލޮގެއް ނުވަތަ އެކޮމިޝަނުގެ އެއްވެސް ޑޭޓާއެއް ސުޕްރީމް ކޯޓުން މިސަރވިސްގެ ފޮރެންސިކް ޓީމާއި ހަވާލުކޮށްފައި ނުވާކަން މިފުރުސަތުގައި ފާހަގަ ކުރަމެވެ. މިސަރވިސްގެ ފޮރެންސިކް ޓީމަށް، ދެންނެވިފައިވާ އެކްސެސް ލޮގް އެނަލައިޒްކުރަން އެކަށީގެންވާ ވަގުތު ލިބިފައި ނެތުމުންނާއި ބީ.ޕީ.އާރ.އެސް އާ ބެހޭ ޓެކްނިކަލް މަޢުލޫމާތެއް އިލެކްޝަން ކޮމިޝަނުން މިސަރވިސްއަށް ފޯރުކޮށްދެއްވާފައި ނުވާތީ ޓެކްނިކަލް އެނަލިސިސްއެއް ހެދިފައި ނުވެއެވެ.

ވީމާ، މިކަންކަމުގެ ޙަޤީޤަތް ހާމަކުރުމަށްޓަކައި ދިވެހި ރައްޔިތުންނާއި މި މަޢުލޫމާތު ހިއްސާ ކުރުމަށްޓަކައި މިވާކަތައް ދެެންނެވީމެވެ. އަދި ދައުލަތުގެ އެއްވެސް އިދާރާއެއްގައި ރައްކާތެރިކޮށް ބަލަހައްޓަންޖެހޭ ދިވެހިރައްޔިތުންނާއި ގުޅޭ މަޢުލޫމާތު ހިމެނޭ އޮންލައިން ސިސްޓަމްތަކުގެ ރައްކާތެރިކަން ވީއެންމެ ރަނގަޅަކަށް ބަލަހައްޓަވައި ދެއްވުމަކީ މިސަރވިސްގެ ވަރަށް ބޮޑު އިލްތިމާސެކެވެ. އަދި މިފަދަ ސިސްޓަމްތައް ރައްކާތެރިކުރުމަށް އެއްވެސް އިދާރާއަކުން އެހީތެރިކަން ބޭނުންފުޅުވާނަމަ އެފަދަ އެހީތެރިކަމެއް މިސަރވިސްއިން ވަޞީލަތްތައް ހުރި މިންވަރަކުން ފޯރުކޮށް ދޭނެކަމުގެ ޔަޤީންކަން އެންމެ ފަރާތްތަކަށް އަރުވަމެވެ.