ގިނަ ޢަދަދެއްގެ ބަނގުރާ ފުޅިތަކަކާއެކު 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި
31 އޮކްޓޯބަރ 2013
ގިނަ ޢަދަދެއްގެ ބަނގުރާ ފުޅިތަކަކާއެކު ދިވެއްސަކާއި ދެ ބިދޭސީއަކު މާލެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 41 އަހަރުގެ ދިވެއްސަކާއި 33 އަހަރުގެ ދެ ބިދޭސީންނެވެ. މި ތިން މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި މާލޭ ފަޅުގައި އޮތް ދޯންޏަކުން ރޭ 19:25 ހާއިރުއެވެ.
މި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެމީހުން ތިބި ދޯނި ބަލައިފާސްކުރިއިރު އެދޯނީގެ ވަތު ތެރެއިން 48 ފުޅި ބަނގުރަލާއި 04 ޕެކެޓް ބަނގުރާ ފެނިފައިވެއެވެ.
މި މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުޤީޤު ކުރަމުންނެވެ.