ޚަބަރު

ނޫސް ބަޔާން: ވ. އަންބަރާގައި ފުލުހުން ހިންގާފައިވާ ޚާއްޞަ އޮޕަރޭޝަނަކީ ޤާނޫނު ތަންފީޛް ކުރުމުގެ މަސައްކަތެއް

21 އޭޕްރިލް 2014

2014 އޭޕްރީލް 18 ވަނަ ދުވަހުގެރޭ ވ.އަންބަރާގައި ބަޔަކު މަސްތުވާތަކެއްޗާއި ބަނގުރާ ހިފައިގެންގޮސް، އެތަކެތި ބޭނުންކޮށް، އެތަކެތީގެ ވިޔަފާރި ކުރަމުންދާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އެރަށުގައި ފުލުހުން ހިނގާފައިވާ އޮޕަރޭޝަނަކީ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހިންގާފައިވާ އޮޕަރޭޝަނެކެވެ.

ވ. އަންބަރާގައި ހިންގި އޮޕަރޭޝަންގައި ފުލުހުން ހައްޔަރުކޮށްފައިވާ ހުރިހާ ފަރާތްތަކަށްވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމާއެކު އެމީހުން ފުލުހުންގެ ބެލުމުގެދަށަށް ގެނެވުނު ސަބަބު އަނގަބަހުން އަންގައި، ޤާނޫނު އަސާސީ އިން އެފަރާތްތަކަށް ލިބިދޭ ޙައްޤުތައް އެފަރާތްތަކަށް އޮޅުންފިލުވައި ދީފައިވާނެއެވެ. މީގެ އިތުރުން، އެފަރާތްތަކަށް، ޤާނޫނުގައިވާ ގޮތުގެ މަތިން، އެމީހުން ބަންދުކުރެވުނު ސަބަބު ލިޔުމުން އަންގައި، ޤާނޫނީ ވަކީލުންގެ އެހީތެރިކަން ހޯދުމުގެ ފުރުޞަތު އޮތްކަންވެސް އެފަރާތްތަކަށް އަންގާފައި ވާނެއެވެ. އަދި މިއޮޕަރޭޝަންގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ހުރިހާ މީހުންވެސް އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ ވަގުތުގެ ތެރޭގައި ކޯޓަށް ހާޒިރުކޮށްފައި ވާނެއެވެ.

ފުލުހުން ވ.އަންބަރާގައި ހިންގި އޮޕަރޭޝަނުގައި އިންސާނީ ކަރާމާތަށް އުނިކަން ލިބި، އިންސާނީ ޙައްޤުތައް ގެއްލޭފަދަ ޢަމަލެއް ހިންގާފައި ނުވާނެކަމުގެ ޔަޤީންކަން ލޮބުވެތި ދިވެހި ރައްޔިތުންނަށް އަރުވަމެވެ. މިއޮޕަރޭޝަންގައި ފުލުހުން ޢަމަލުކޮށްފައިވާނީ ޤާނޫނު އަސާސީންނާއި ފުލުހުންގެ ޤާނޫނާއި ފުލުހުންނަށް ލިބިދީފައިވާ އެންމެހާ ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުންހިފުމާބެހޭ ޤަވާޢިދުގައި ބަޔާންކޮށްފައިވާ ހަމަތަކުގެ މަތިންނެވެ.

ކަންމިހެން ހުރިއިރު، ޤާނޫނާއި ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތިން އަދި މަސްތުވާތަކެތީގެ ވަބާއިން ދިވެހި ޒުވާނުން ސަލާމަތްކޮށް ޒިންމާދާރު ބަޔަކަށް ޒުވާނުން ހެދުމަށް ދިވެހި ފުލުހުން ކުރަމުންދާ މަސައްކަތުގެތެރެއިން ޖިނާޢީ ކުށްތަކުން ޒުވާނުން ދުރުކުރުމަށް ފުލުހުން ހިންގި މި އޮޕަރޭޝަނާއި ގުޅޭ ގޮތުން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޙައްޤު ކޮމިޓީގެ ނަމުގައި ނެރެފައިވާ ބަޔާން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކުށްވެރި ކުރަމެވެ. ފުލުހުންގެ މަސައްކަތަށް ފާރަވެރިވެ، ޤާނޫނީ ގޮތުން ފުލުހުންގެ މަސައްކަތް ބަލައި ތަޙުޤީޤު ކުރުމުގެ ބާރު ޤާނޫނު އަސާސީންނާއި ޤާނޫނުތަކުން މަތިކޮށްފައިވާ ބަޔަކު ތިއްބައި، ތަޙުޤީޤު ކުރުމަކާނުލައި އަދި ކަމުގެ އަސްލަށް ރުޖޫޢަނުވެ، ޖިނާޢީ ކުށްތައްކުރުމަށް ޒުވާނުންނަށް ހިތްވަރުދޭ މޭރުމުން،  ކަމުގެ ޙަޤީޤަތް ރައްޔިތުންނަށް އޮޅުވާލުމަށް ޢާއްމުކޮށްފައިވާ އެ ބަޔާނަކީ މިއަދު ދިވެހިން ދެކެމުންމިދާ ޑިމޮކްރަސީގެ ހަމަތަކާއި އުޞޫލުތައް އޮޅޭފަދަ ޢަމަލެއް ކަމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދެކޭކަމުގައި ދަންނަވަމެވެ.

ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 128 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި، މަސްތުވާތަކެތި ބޭނުންކުރުމަށް ނުވަތަ ޓްރެފިކް ކުރުމަށް ނުވަތަ ހިތްވަރު ދިނުމަށް ނުވަތަ ޝައުގުވެރި ކުރުވުމަށް އެއްވެސް ޢަމަލެއް ކުރުމަކީ ކުށެއް ކަމަށް ކަނޑައަޅާފައިވާކަންވެސް މި ފުރުޞަތުގައި ހަނދާންކޮށް ދެމެވެ. އެހެންކަމުން މަސްތުވާ އެއްޗިހި ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރުމަށް ހިތްވަރު ލިބޭގޮތަށް އެއްވެސް ފަރާތަކުން ޢަމަލު ނުކުރުމަށް ނަޞޭހަތްތެރިވަމެވެ.

ވ. އަންބަރާގައި ފުލުހުން ހިންގި އޮޕަރޭޝަން ކުރިޔަށް ގެންދިޔަގޮތް ބަލަން ޤާނޫނީ ގޮތުން ޒިންމާ ޙަވާލުކޮށްފައިވާ ކޮންމެ ބަޔަކު ކުރާ މަސައްކަތުގައިވެސް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ފުރިހަމައަށް އެއްބާރުލުން ދޭނެވާހަކަ ދަންނަވަމެވެ. ހަމައެހެންމެ ޖިނާޢީ ކުށްކުރުން ހުއްޓުވައި، މަސްތުވާތަކެތީގެ ނުރައްކަލުން ޒުވާނުންނާއި މި މުޖުތަމަޢު ސަލާމަތްކޮށް ރައްކާތެރި، މާޙައުލެއް ޤާއިމް ކޮށްދިނުމަށް ދިވެހި ފުލުހުން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދެއްވުމަށާއި، ފުލުހުންގެ މަސައްކަތާމެދު ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ގެއްލޭފަދަ ކަންކަން ނުކުރުމަށް ހުރިހާ ފަރާތްތަކަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިފުރުޞަތުގައިވެސް އިލްތިމާސް ކުރަމެވެ.