ޚަބަރު

24 ކިލޯ މަސްތުވާތަކެތީގެ މައްސަލާގައި ހިމެނޭ 2 ބިދޭސީއަކު ދޫކޮށްލައި ދިވެއްސަކު ގޭ ބަންދަށް ބަދަލުކޮށްފި

01 ޖުލައި 2014

 

ކަނޑު މަގުން ރާއްޖެ އަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް 24 ކިލޯ މަސްތުވާތަކެތީގެ މައްސަލާގައި ހިމެނޭ 2 ބިދޭސީއަކު ދޫކޮށްލައި ދިވެއްސަކު ގޭ ބަންދަށް ބަދަލުކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 18 މީހުންގެ ތެރެއިން ވަގުތީ ހައްޔަރަށް ވައްދާފައިވަނީ 15 މީހެކެވެ. އެއީ ބަނގްލަދޭޝްގެ 3 ރައްޔިތަކާއި 4 ދިވެއްސެއްގެ އިތުރުން ޕާކިސްތާންގެ 8 މީހެކެވެ. ޕާކިސްތާން މީހުންގެ ތެރެއިން 6 މީހަކު ފަހުން ވަނީ ދުކޮށްލާފައެވެ. 24 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރި ވެފައިވާ 2 ދިވެހިންނަކީ މަސްތުވާތަކެތިތީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ ދެ ދިވެހިންނެވެ.

މި މީހުންގެ ތެރެއިން ބަނގްލަދޭޝްގެ 2 ރައްޔިތަކު 2014 ޖޫން 24 ވަނަ ދުވަހު ކޯޓުން ވަނީ ދޫކޮށްލާފައެވެ. އޭގެ އިތުރުން މި މައްސަލާގައި ހިމެނޭ ދިވެއްސެއްގެ ބަލި ހާލަތު ހުރިގޮތުން ހަމަ އެ ދުވަހު ގޭ ބަންދަން ވަނީ ބަދަލުކޮށްފައެވެ. ގޭ ބަންދަށް ބަދަލުކުރި މީހަކީ ކުރިން ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަށިގަނޑުގެ 45 އިންސައްތަ ފިހިފައިވުމުގެ ސަބަބުން ސިއްހީ މައްސަލަތައް ކުރިމަތިވާ މީހެކެވެ.

މި މައްސަލާގައި ހިމެނޭ ދިވެއްސެއްގެ ބަންދުގެ މުއްދަތަށް މިއަދު 7 ދުވަސް ވަނީ އިތުރު ކޮށްފައެވެ. އޭގެ އިތުރުން 3 ދިވެއްސަކާއި ބަނގްލަދޭޝް މީހެއްގެ ބަންދުގެ މުއްދަތު މި ޖުލައި 4 ވަނަ ދުވަހު ހަމަވާނެއެވެ. މި މައްސަލާގައި ހިމެނޭ  ޕާކިސްތާން 2 މީހުން ޑީޕޯޓް ކުރުމަށް ކޯޓުން ވަނީ އަންގާފައެވެ.

މަސްތުވާތަކެތީގެ މި ބޮޑު އޮޕަރޭޝަނަކީ ޑްރަގް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގައި އަތުލައިގަތް 24 ކިލޯގެ މަސްތުވާތަކެއްޗަކީ މި ފަހުގެ ތާރީޚެއްގައި ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި އަތުލައިގަތް އެންމެ ބޮޑު ޢަދަދުގެ މަސްތުވާތަކެެއްޗެވެ. މިތަކެތި ދިވެހިރާއްޖެއަށް އެތެރެކުރަން މަސައްކަތް ކޮށްފައިވަނީ ޑިންގީއެއްގައި ފޮރުވައިގެން ހޮރްމޯޒް ނަމަކަށް ކިޔައި އީރާނުގެ ބޯޓަކުންނެވެ. މަސްތުވާތަކެއްޗާ ޙަވާލުވުމަށް ވައިލެޓް ނަމަކަށް ކިޔާ ދޯންޏެއް ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުން ބޭރަށް ދެ ފަހަރެއްގެ މަތިން ދަތުރުކޮށްފައިވެއެވެ. މި ތަކެތި އަތުލައިގަތުމަށް ހިންގި އޮޕަރޭޝަންގައި ފުލުހުންވަނީ ގިނަ ދުވަސްތަކެއް ކަނޑުމަތީ ހޭދަކޮށް ގިބަ ޤުރުބާނީތަކެއް ވެފައެވެ.

މި އޮޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު 100 މިލިޔަން ރުފިޔާއަށް އަރާނެކަމަށް ބެލެވެއެވެ.

މި މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ފުލުހަކުވެސް ހިމެނެއެވެ.