ގެއެއް ބަލައި ފާސްކޮށް ތޫނު ހަތިޔާރާއި މަސްތުވާތަކެއްޗާއެކު 4 މީހަކު ހައްޔަރުކޮށްފި
04 އޯގަސްޓް 2014ނިމިގެންދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހުން ފެށިގެން މާލޭގައި ހިނގަމުންދާ މާރާމާރީ ތަކާ ގުޅިގެން އެ މާރާމާރީތައް ހުއްޓުވުމަށް ފުލުހުން ކުރަމުންދާ ޚާއްޞަ މަސައްކަތްތަކުގެ ތެރެއިން މާފަންނު ބަނގުފަޑިއްގޭގެ ފުރަތަމަ ފަންގިފިލާ ބަލައި ފާސްކޮށް ތޫނު ހަތިޔާރާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައިހުރި ޕެކެޓަކާއެކު 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ފުލުހުންގެ އިންޓެލިޖެންސާއި ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓާއި ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަންގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 4 ދިވެހި ފިރިހެނުންނެވެ. އެ އެންމެންނަކީވެސް ތަފާތު މައްސަލަތަކުގެ ރެކޯޑް އޮންނަ މީހުންނެވެ.
ކޯޓް އަމުރެއްގެ ދަށުން މިރޭ 23:00 ހާއިރު އެ ގެއަށް ވަދެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށްބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާއި ބޮޑު 2 ކަތިވަޅިއާއި މޫނު ނިވާކުރަން ބޭނުންކުރާ 4 ހުޑް ފެނިފައިވެއެވެ.
އޭގެ އިތުރުން މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު ހިންގި މާރާމާރީގެ ތުހުމަތުގައި ފުލުހުން ހޯދަމުންދިޔަ މީހާވެސް ވަނީ މިރޭ އިރާކޮޅު ކޯޓު އަމުރެއްގެ ދަށުން އެހެން ގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއި ތޫނު ހަތިޔާރާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
މި މައްސަލަތައް ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓާއި ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.
މާލޭގައި ހިނގަމުންދާ މާރާމާރީތަކާ ގުޅިގެން ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ކަންބޮޑުވުމާއި ނުތަނަވަސްކަން ނައްތާލައި މާރާމާރީތައް ހުއްޓުވުމަށް މިހާރު މާލޭގައި ފަށާފައިވާ ޚާއްޞަ މަސައްކަތްތަކުގެ ދަށުން ރޭގަނޑާއި ދުވާލުގެ ވަގުތުތަކުގައި ކަމެއްނެތި މަގުމަތީގައި ތިބޭ ބައެއް މީހުންނާ ސުވާލުކޮށް ބަލައި ފާސްކުރަންޖެހޭ ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ސްޕެޝަލިސްޓް އޮޕަރޭޝަން ޑިޕާޓްމަންޓުގެ ފުލުހުންނާއި މާލޭ ސިޓީގެ ފުލުހުންނާއި ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓުގެ ފުލުހުން ގުޅިގެންމަސައްކަތް ކުރަމުން ގެންދާނެއެވެ. މިއާއެކު މާލޭގެ އިތުރުން ވިލިމާލެ އާއި ހުޅުމާލެތެރެ ބެލެހެއްޓުމުގެ މަސައްކަތްވެސް ވަނީ އިތުރުކުރެވިފައެވެ.