ޚަބަރު

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފި

30 އޭޕްރިލް 2022

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ދެ ރަށެއްގައި ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

 

އެގޮތުން، ގދ. ތިނަދޫގައި ހިންގި އޮޕަރޭޝަނަކީ އެ ރަށު ފަޅުގައި އޮތް ލޯންޗެއްގައި މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމަށް މި މަހު 29 ވަނަ ދުވަހު ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަނުގައި، 26 އަހަރުގެ މީހަކާއި 40 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ. މި ދެ މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ.

 

ތިނަދޫގައި މަސައްކަތްކުރާ ފުލުހުންނާއި، ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، އެ ލޯންޗަށް ފުލުހުން އަރައި، އެ ދެ މީހުން ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

 

ހޮޅުދޫގައި ހިންގި އޮޕަރޭޝަނުގައިވެސް ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފައިވެއެވެ. އެއީ 31 އަހަރުގެ މީހަކާއި، 33 އަހަރުގެ މީހެކެވެ. އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ ހޮޅުދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ހޮޅުދޫގައި މަސައްކަތްކުރާ ފުލުހުންނާއި، އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.

 

މި މަހު 28 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، ހޮޅުދޫ ބަނދަރުމަތިން އެ ދެ މީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ކުޑަ 10 ރަބަރު ޕެކެޓު ފެނިފައިވެއެވެ.

 

މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހޮޅުދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 14 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

 

މި ދެ މައްސަލަވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެެވެ.