ޚަބަރު

ގަނާކުރުމުން ދުރުހެލިކޮށް ރައްކާތެރިކުރުމަށް ޅ. އަތޮޅު މަދަރުސާގެ ދަރިވަރުންނަށް މައުލޫމާތުދީފި

24 މެއި 2022

ސްކޫލު ދަރިވަރުން ހޭލުންތެރިކޮށް މައުލޫމާތު ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ކުރެންދޫގައި ހުންނަ ޅ. އަތޮޅު މަދަރުސާގެ ދަރިވަރުން ގަނާކުރުމުން ދުރުހެލިކޮށް ރައްކާތެރިކުރުމަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

 

ކުރެންދޫ ޕޮލިސް ސްޓޭޝަނުން މެއި 23 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ސެޝަނުގައި ގަނާކުރުމުގެ މައްސަލަތަކުން ދަރިވަރުން ދުރުހެލިކޮށް ރައްކާތެރިކުރުމާއި އެފަދަ ކަންކަން ހުއްޓުވުމަށް ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އެގޮތުން، ގަނާކުރުމަކީ ކޮބައިކަމާއި އެފަދަ ކަންކަމުން ދުރުހެލިވެތިބުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެެއެވެ. އަދި ގަނާގެ ޝިކާރައަކަށް ވެފައިވާ ކުއްޖަކަށް ދިމާވެދާނެ ކަންކަމާއި ނަފްސާނީ ގޮތުން އަދި އެހެނިހެން ގޮތްގޮތުންވެސް ލިބިދާނެ ގެއްލުންތައް ބުނެދީފައިވެއެވެ. އަދި އެފަދަ ކުއްޖަކު އެކަމުން ސަލާމަތް ކުރުމަށް ދަރިވަރުންނަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

 

އޭގެ އިތުރުން ގަނާގެ މައްސަލަތައް ހުއްޓުވުމަށް ދަރިވަރުންނަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ސްކޫލް މާހައުލާ އަދި އެހެނިހެން ތަންތާގައިވެސް އެއްކުއްޖަކު އަނެއް ކުއްޖަކަށް ގަނާ ނުކުރުމަށާއި އެކުވެރިކަމާއެކު ގުޅިގެން އުޅުމަށް ނަސޭހަތްތެރިވެފައިވެއެވެ.

 

ގްރޫޕް މަސައްކަތްތަކާއެކު ކުރިއަށް ގެންދިޔަ އެ ސެޝަންގައި މައުލޫމާތު ދީފައިވަނީ އެ މަދަރުސާގެ ގްރޭޑް 7 އިން 9 އަށް ތައުލީމު ހާސިލުރަމުންދާ ދަރިވަރުންނަށެވެ.