ޚަބަރު

ޚުލްޤު ހެޔޮ ދަރިވަރުގެ ނަމުގައި މ. މަޑުއްވަރީ ސްކޫލު ދަރިވަރުންނަށް ކޭމްޕެއް ބާއްވައިފި

29 ޖޫން 2022

މ. މަޑުއްވަރީ ސްކޫލު ދަރިވަރުންނަށް 'ޚުލްޤު ހެޔޮ ދަރިވަރު' ގެ ނަމުގައި  ކޭމްޕެއް ބާއްވައިފިއެވެ.

 

މ. އަތޮޅު ޕޮލިސް، މ. އަތޮޅު ފެމެލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރ، މަޑުއްވަރީ ކައުންސިލް އަދި ސްކޫލު ގުޅިގެން މި މަހު 27 އިން 28 އަށް ކުރިއަށް ގެންދިޔަ އެ ކޭމްޕަކީ ދަރިވަރުންގެ އަހުލާގަށް ހެޔޮ ބަދަލުތަކެއް ގެނައުމަށާއި ދަރިވަރުންނަށް ކޮންމެހެން އެނގެންޖެހޭ މުހިންމު މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ކޭމްޕެކެވެ.

 

އެ ސްކޫލްގެ ގްރޭޑް 4 އިން ފެށިގެން މަތީގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ އެ ކޭމްޕުގެ ތެެރެއިން ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.

އެގޮތުން، އިންޓަނެޓް ބޭނުންކުރާއިރު ވިސްނަންޖެހޭ ކަންތައްތައް، ހެޔޮ ގޮތުގައި އިންޓަނެޓް ބޭނުންކުރުމުގެ މުހިންމުކަން، ހެޔޮގޮތުގައި އިންޓަނެޓް ބޭނުންނުކޮށްފިނަމަ ލިބިދާނެ ގެއްލުންތައް އަދި ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް ބުނެދީފައިވެއެވެ.


އޭގެ އިތުރުން، އަހުލާގު ރަނގަޅު ކުއްޖެއްގެ ކިބައިގައި ހުންނަންޖެހޭނެ ސިފަތައް، މައިންބަފައިންގެ ބަސް ގަބޫލުކޮށް އިހުތިރާމް ކުރުން އަދި ސްކޫލާއި ސްކޫލުން ބޭރުގައިވެސް އެއްކުއްޖަކު އަނެއް ކުއްޖަކާ މުއާމަލާތު ކުރުމުގައި ރިވެތި ބަސް ބޭނުންކުރުމާއި އެއްކުއްޖަކު އަނެއް ކުއްޖަކަށް އިހުތިރާމް ކުރުމަށް މައުލޫމާތު ދީފައިވެއެވެ. އަދި ކުޑަކުދިންނާ ގުޅުންހުރި ގާނޫނުތަކުގައިވާ ދަރިވަރުންނަށް ކޮންމެހެން އެނގެންޖެހޭ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ފިޒިކަލް ބައެއް ހަރަކާތްތައްވެސް ދަރިވަރުންނަށް ކުރިއަށް ގެންގޮސްފައިވެއެެވެ.

އެ ކޭމްޕުގެ ތެރެއިން ބެލެނިވެރިންނަށް، ދަރިން ތަރުބިއްޔަތު ކުރުމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އެގޮތުން، ކުޑަކުދިންގެ ހައްގުތަކަކީ ކޮބައިކަމާއި ބެލެނިވެރިންގެ ޒިންމާތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި ދަރިން ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިން އިތުރަށް ސަމާލުކަންދޭންޖެހޭ ކަންކަމާއި، ދަރިންނާ އޮންނަ ގުޅުން ރަނގަޅުކޮށް ނަމޫނާ ބެލެނިވެރިޔަކަށް ވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

 

އޭގެ އިތުރުން، ސްކޫލާއި ގޭތެރޭގެ މާހައުލުގައި ވިޔަސް ކުދިންގެ ފަރާތުން ދިމާވާ ކަންކަން ހައްލުކުރުމުގައި ފުރަތަމަ ކަމެއްގެ ގޮތުގައި އެ ކުދިންނަށް އެންމެ މަސްލަހަތު ރަނގަޅު ގޮތްތައް  ދެނެގަނެ މަސްލަހަތު އިސްކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.