ޚަބަރު

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ނަންބަރު ބޯޑު ރަނގަޅު ނުކުރާ ފަރާތްތަކަށް ފުލުހުން ފިޔަވަޅު އަޅަމުންދާނެ

21 ސެޕްޓެމްބަރ 2022


އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ނަންބަރު ބޯޑު، ޤަވާއިދާ އެއްގޮތަށް ބޭނުންކުރުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އެންގުމާއި ގުޅިގެން ގަވާއިދުގައިވާ ގޮތުގެ މަތިން ނަންބަރު ބޯޑު ރަނގަޅު ނުކުރާ ފަރާތްތަކާމެދު ފުލުހުން ފިޔަވަޅު އަޅަމުންދާނެއެވެ. 

 

އެގޮތުން 2022 އޮކްޓޯބަރ 1 ވަނަ ދުވަހާ ހަމައަށް ނަންބަރު ބޯޑުގައި ރަނގަޅު ކުރަން ހުރި ކަންކަމާ ގުޅޭގޮތުން ފުލުހުން ނަސޭހަތްތެރިވަމުންދާނެއެވެ. އަދި އޮކްޓޯބަރު 1 ވަނަ ދުވަހު ފެށިގެން ނަންބަރު ބޯޑު ރަނގަޅު ނުކުރާ ފަރާތްތަކާ މެދު ގަވާއިދުން ފިޔަވަޅު އަޅަމުންދާނެއެވެ. 

 

އެއްގަމުގައި ދުއްވާ އިންޖީނުލީ ބައެއް އުޅަނދުތަކުގައި ހަރުކޮށްފައި ހުންނަ ނަންބަރު ބޯޑު ހަދާފައި ހުންނަނީ އެއްގަމު ދަތުރު ފަތުރުގެ ގާނޫނުން ބާރުލިބިގެން އެކުލަވާލާފައިވާ "އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދު" ގެ 8 ވަނަ މާއްދާ އާއި އެ ގަވާއިދުގެ  9 ވަނަ މާއްދާގައިވާ ފަދައިން ނޫން ކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލްއޭވިއޭޝަނަށް ފަހަގަ ކުރެވިގެން އެމިނިސްޓްރީން ވަނީ  2022 ސެޕްޓެމްބަރ 19 ވަނަ ދުވަހު އާންމުކޮށް އަންގައި އިއުލާނުކޮށްފައެވެ.