ޚަބަރު

ކުޑަކުދިިންގެ ހަވީރަކާއެކު އަވައްޓެރި ފުލުހުންގެ ހަފްތާގެ ހަރަކާތްތައް ނިންމާލައިފި

25 ސެޕްޓެމްބަރ 2022

ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދިޔަ އަވައްޓެރި ފުލުހުންގެ ހަފްތާގެ ހަރަކާތްތައް ނިންމާލައިފިއެވެ. 

 

އަވައްޓެރި ފުލުހުންގެ ހަފްތާގެ ހަރަކާތްތައް ނިންމާލާފައިވަނީ ސެޕްޓެމްބަރު 24 ވަނަ ދުވަހުގެ ހަވީރު މާލެ އާއި އަތޮޅުތަކުގައި ބޭއްވި ކުޑަކުދިންގެ ހަވީރުންނެވެ. އެގޮތުން މާލެ ހިމެނޭ ސަރަހައްދުގައި ކުޑަކުދިންގެ ހަވީރު ބާއްވާފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކް ސަރަހައްދުގައެވެ. އަތޮޅުތަކުގައި ކުޑަކުދިންގެ ހަވީރު ބާއްވާފައިވަނީ ފުލުހުންގެ ޚިދުމަތް ގާއިމްކޮށްފައިވާ ރަށްރަށުގައެވެ.

 

އިއްޔެ ސެންޓްރަލް ޕާކްގައި ބޭއްވި ހަވީރުގައި ފުލުހުންގެ އެކި ބަހާތަކުގެ އިތުރުން އެކި މުއައްސަސާތަކުންވެސް ބައިވެރިވެ، ތަފާތު ކުޅިވަރު ހަރަކާތްތައް ކުޅެވޭގޮތަށް ސްޓޯލްތައް ތައްޔާރުކޮށްފައިވެއެވެ. އަދި ރަށްރަށުގައި ބޭއްވި ކުޑަކުދިންގެ ހަވީރުގައި އެރަށްރަށުގައި މަސައްކަތްކުރާ ފުލުހުންނާއި އެރަށްރަށުގެ މުއައްސަސާތަކުން ބައިވެރިވެފައިވެއެވެ. 

 

ގިނަ ޢަދަދެއްގެ ކުޑަކުދިންނާއި ބެލެނިވެރިން ބައިވެރިވި މި ހަވީރުތަކުގައި ތަފާތު ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ހޭލުންތެރިކުރުމުގެ ގޮތުން ތަފާތު މަޢުލޫމާތުވެސް ފޯރުކޮށްދީފައިވެއެވެ. އަދި މުނިފޫހިފިލުވުމުގެ އައިޓަމްތަކެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

 

މި ހަރަކާތުގެ ތެރެއިން ހުޅުމާލޭ ސެންޓްރަލް ޕާރކްގައި ތަފާތު ގިނަ ކުޅިވަރު ހަރަކާތްތަކާއިއެކު ކުރިއަށް ގެންދިޔަ ހަވީރުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ބައިވެރިވެ ކުޑަކުދިންނާއި އެކު ވަގުތު ހޭދަކޮށްފައިވެއެވެ. އަދި އަތޮޅު ތަކުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ރީޖަން ކޮމާންޑަރުންނާއި އަތޮޅުކޮމާންޑަރުންނާއި އެ ޕޮލިސް ސްޓޭޝަންތަކުގައި މަސައްކަތްކުރާ ފުލުހުންނާއި މުއައްސަސާތަކުގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ.