ޚަބަރު

ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި މަސްތުވާތަކެތީގެ 562 އޮޕަރޭޝަން

16 ނޮވެމްބަރ

މަސްތުވާތަކެއްޗާ ދެކޮޅަށް މުޅި ރާއްޖޭގައި ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި މަސްތުވާތަކެތީގެ 562 އޮޕަރޭޝަން ދިވެހި ފުލުހުންގެ ޚިދުމަތުންވަނީ ހިންގާފައެވެ.

 

މާލެއާއި އަތޮޅުތެރެ ހިމެނޭހެން ކުރިއަށް ގެންގޮސްފައިވާ އެ އޮޕަރޭޝަންތަކުގައި، ފަޅުރަށްރަށާއި މީހުން ދިރިއުޅޭ ރަށްރަށް އަދި ގޭބިސީތަކާއި އެއްގަމު އުޅަނދާއި ކަނޑު އުޅަނދުގެ އިތުރުން އެހެނިހެން ތަންތަނާއި މީހުން ބަލައިފާސްކޮށްފައިވެއެވެ. އެގޮތުން، އެ ބަލައިފާސްކުރުމުގެ ތެރެއިން 1.6 ޓަނުގެ މަސްތުވާތަކެތި އަތުލައިގެންފައިވެއެވެ. އޭގެތެރޭގައި، ކެނަބިސް، ކޮކެއިން، ހެރޮއިން އަދި މަސްތުވާތަކެތީގެ އެހެނިހެން ބާވަތްތައް ހިމެނެއެވެ.

 

ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި މަސްތުވާތަކެތީގެ 6165 މައްސަލާގައި 11،955 މީހުން ހައްޔަރުކޮށްފައިވެއެވެ. އެއީ 10497 ދިވެހިންނާއި 781 ބިދޭސީންނެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި 18 އަހަރުން ދަށުގެ 261 ކުދިންނާއި 416 އަންހެނުން ހިމެނެއެވެ.

 

މަސްތުވާތަކެތީގެ 6165 މައްސަލައިގެ ތެރެއިން ފުލުހުންގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށްއެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް 2681 މައްސަލަ މި މުއްދަތުގައި ފޮނުވާފައިވެއެވެ. އެއީ 2019 ވަނަ އަހަރު 886 މައްސަލައަކާއި 2020 ވަނަ އަހަރު 739 މައްސަލައެއްގެ އިތުރުން 2021 ވަނަ އަހަރުގެ 598 މައްސަލައަކާ އަދި މި އަހަރުގެ 458 މައްސަލައެކެވެ.

 

އަދި ހަމަ މި މުއްދަތުގައި، މަސްތުވާތަކެތި ބޭނުންކުރުމާއި ވިއްކައި ވިޔަފާރިކުރުމަށް ބޭނުންކުރަމުންދިޔަ 35 ތަނެއް ބަންދުކޮށްފައިވެއެވެ.

 

ފާއިތުވި ހަތަރު އަހަރު އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ މަސްތުވާތަކެއްޗާއި ބަނގުރާ ނައްތާލުމަށް ކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން 39،679 އެއްޗެއްގައި ހުރި ބަނގުރާ ނައްތާލާފައިވެއެވެ. އޭގެ ތެރޭގައި ބަނގުރާ ދަޅާއި ފުޅިއާއި ބަނގުރާ އަޅާފައިހުރި ހަމާއި ޓައްޕުގެ އިތުރުން އެހެނިހެން ތަކެތި ހިމެނެއެވެ.

 

ފާއިތުވި ހަތަރު އަހަރާއި އޭގެ ކުރިން އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތީގެ ތެރެއިން މި އަހަރުގެ މިހާތަނަށް 1.9 ޓަނުގެ މަސްތުވާތަކެތި ނައްތާލާފައިވެއެވެ