ޚަބަރު

ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސެއް ބާއްވަނީ

17 ޖަނަވަރީ 2023

ޕޮލިސް ބޯޑާއި މިނިސްޓްރީ އޮފް ހޯމް އެފެއާޒް އަދި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސެއް  ބާއްވަން ހަމަޖައްސައި އެ ކޮންފަރެންސާ ގުޅޭ މައުލޫމާތު ހިއްސާކޮށްފިއެވެ.

 

މިއަދު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި ކޮންފަރެންސާ ގުޅޭ މައުލޫމާތު ހިއްސާކުރެއްވީ މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ އާއި ޕޮލިސް ބޯޑުގެ ޗެއަރމަން ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް ޢަޙްމަދު ފަސީޙް އަދި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ. 

 

ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަފުޅުގައި، ފުލުހުންގެ އައު ގާނޫނު ވުޖޫދު ކުރެވުމާ ގުޅިގެން އެކުލަވާލެވުނު ޕޮލިސް ބޯޑުން ގިނަ މަސައްކަތްތަކެއް ކުރަމުން ގޮސްފައިވާކަމަށާއި އެގޮތުން ފުލުހުންގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް، ކުރިއެރުވުމަށްޓަކައި ރައްޔިތުން ހިމެނޭހެން އަދި ރައްޔިތުން ބައިވެރިވެގެން ހިޔާލު ހުށަހެޅިގެން ފުލުހުންގެ މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވިދާނެ މަސައްކަތަކާ ގުޅޭގޮތުން ޕޮލިސް ބޯޑުގައި މަޝްވަރާކުރެވި، ޕޮލިސްރިސާޗް އެންޑް އިނޮވޭޝަންގެ ނަމުގައި ކޮންފަރެންސެއް ބޭއްވުމަށް ހަމަޖެހިގެން ދިޔަކަމަށް ވިދާޅުވިއެވެ. އަދި މި ކޮންފަރެންސް ކޮންމެ އަހަރަކު އެއްފަހަރު ބޭއްވުމަށް ހަމަޖެހިފައިވާކަމަށާއި މި އަހަރުގެ ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ މާރިޗު މަހުގެ 18 އިން 20 އަށް ކަމުގައި ވިދާޅުވިއެވެ.

 

ހަމައެއާއެކު މި ކޮންފަރެންސްގެ އެންމެ މުހިންމު އެއް މަގުސަދަކީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އާއި މުޖުތަމައުގެ ބައިވެރިވުން ހިމެނޭ ޚިދުމަތެއް ފޯރުކޮށްދޭ ހިދުމަތަކަށް ފުލުހުންގެ ޚިދުމަތް ހެދުންކަމަށާއި މި ކޮންފަރެންސްގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި ޔުނިވަރސިޓީ، ކޮލެޖް، މަދަނީ ޖަމުއިއްޔާތައް ހިމެނޭހެން އަމިއްލަ ފަރާތްތަކުގެ ކަރުދާސްތައް ހުށަހަޅައި މަޝްވަރާކުރެވި، ފުލުހުންގެ ޚިދުމަތް ހަރުދަނާކުރުމަށް މަސައްކަތްކުރުމަކީ މި ކޮންފަރެންސްގެ މަގުސަދެއްކަމަށް ވިދާޅުވިއެވެ. އަދި މި ކޮންފަރެންސް ވެގެންދާނީ ފުލުހުންގެ ޚިދުމަތް ރައްޔިތުން އެދޭފަދަ، ރައްޔިތުން ބޭނުންވާ ފަދަ ޚިދުމަތަކަށް ހެދުމަށްޓަކައި ރައްޔިތުންގެ ފަރާތުން ހިޔާލު ހުށަހެޅުމަށް އެންމެ ތަނަވަސްކޮށް ފުރުސަތު ލިބިގެންދާނެ ފޯރަމަކަށް ވެންގެންދާނެކަމަށްވެސް ވިދާޅުވިއެވެ.

 

 

ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކޮންފަރެންސާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވަމުން ޕޮލިސް ބޯޑުގެ ޗެއަރމަން ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަހްމަދު ފަސީހު ވިދާޅުވީ ތަހުޒީބު މުޖުތަމައުތަކުގައި އަބަދުވެސް ކަންކަން ނިންމަނީ އިލްމީ މީހުން ބައިވެރިކޮށްގެންކަމަށާއި މި ފަށާ ކޮންފަރެންސަކީ ވަރަށް އެކަށީގެންވާ ނަތީޖާއެއް ލިބިގެންދާނެ ކޮންފަރެންސަކަށް ވެގެންދާނެކަމަށް ދެކެވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.

 

މީގެ އިތުރުން، މި ކޮންފަރެންސަކީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އާއި މުޖުތަމައުގެ ބައިވެރިވުން ހިމެނޭ ޚިދުމަތެއް ފޯރުކޮށްދޭ ހިދުމަތަކަށް ފުލުހުންގެ ހިދުމަތް ހެދުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ކޮންފަރެންސެއްކަމަށާއި މި ކޮންފަރެންސްގައި ގާނޫނު ތަންފީޒްކުރާ އިދާރާތަކާއި ޔުނިވަރސިޓީ، ކޮލެޖްތަކާއި މަދަނީ ޖަމިއްޔާތައް ހިމެނޭހެން އަދި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން ހިމެނޭކަމަށް ފާހަގަކުރައްވައި، މި ކޮންފަރެންސްގައި ޒަމާނީ ވަސީލަތްތައް ހުށަހެޅުމުގެ ފުރުސަތު ފަހިކޮށްދެވޭނެކަމަށާއި މަދަނީ ޖަމުއިއްޔާތަކާއި ސަލަމާތާއި ރައްކާތެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކާއި އެ ސިނާއަތުގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރުންގެ މެދުގައި ގުޅުން ބަދަހިކުރުމަކީވެސް މި ކޮންފަރެންސްގެ މަގުސަދެއްކަމުގައި ވިދާޅުވިއެވެ.

 

 

ހަމައެއާއެކު މި ކޮންފަރެންސްގައި 10 ދާއިރާއަކުން ރިސާޗް ކަރުދާސްތައް ހުށަހެޅިގެން ދާނެކަމަށާއި އެ ދާއިރާތަކަކީ ކްރައިމް ޕްރިވެންޝަން، ނޭޝަނަލް ސެކިއުރިޓީ އެންޑް ކައުންޓަރ ޓެރަރިޒަމް، ފައިނޭންޝަލް ކްރައިމް އެންޑް އެންޓި މަނީ ލޯންޑަރިންގ، ފޮރެންސިކް ސައިންސް، ލިޑަރޝިޕް، އޮގަނައިޒޭޝަނަލް ރެސިލެންސް އެންޑް އޮފިސަރ ވެލްބީންގ، އެފިސެންސީ އެންޑް އިފެކްޓިވްނެސް، މެރިޓައިމް ޕޮލިސިންގ، ރޯޑް ސޭފްޓީ، އިނޮވޭޝަން އެންޑް ޓެކްނޮލޮޖީ، ސައިބަރ ކްރައިމްކަމަށް ވިދާޅުވިއެވެ. އަދި މި ކޮންފަރެންސަށް ރީސަރޖް ކަރުދާސްތައް ހުށަހެޅުމަށް ހަމަޖެހިފައިވަނީ ޔުނިވަރސިޓީތަކުންނާއި ކޮލެޖުތަކުންނާއި ރިސާޗް މަސައްކަތްކުރާ މުއައްސަސާތަކާއި އަމިއްލަ ފަރާތްތަކުންނާއި ފުލުހުން ހިމެނޭގޮތަށްކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން މި ކަރުދާސްތައް ހުށަހެޅި، ހުސްކުރެވި ކޮންފަރެންސްފައި މަޝްވަރާކޮށް ރިޕޯޓެއް އެކުލަވާލުމަށް ހަމަޖެހިފައިވާކަމަށާއި މި ކޮންފަރެންސަކީ ވަރަށް ފައިދާކުރުވަނިވި ކޮންފަރެންސަކަށް ވެގެންދާނެކަމުގެ ޔަގީންކަން އޮތްކަމަށްވެސް ވިދާޅުވިއެވެ.

 

ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ދެެއްކެވި ވާހަކަފުޅުގައި، ފުލުހުންގެ މަސައްކަތް ހަރުދަނާކުރުމަށްޓަކައި މިހާރަށް ވުރެ ބޮޑަށް ރައްޔިތުންނާ ބައިވެރިވުމާއި ހާއްސަ ގޮތެއްގައި އާންމު ރައްކާތެރިކަމާއި ގާނޫނު ތަންފީޒުކުރުމާއި ފުލުހުންގެ މަސައްކަތްތަކާ ބެހޭ ކަންކަމުގެ އެންމެ ފަހުގެ މައުލޫމާތު ހޯދޭނެ ގޮތްތަކުގެ މައްޗަށް ރިސާޗް ކަރުދާސްތައް ހުށަހެޅުމަށް އާންމުކޮށް ހުޅުވާލުމާއި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދީ، މިފަދަ ކޮންފަރެންސެއް ބާއްވަން އިސްނެންގެވިކަމަށްޓަކައި އެކަމާ އުފާކުރައްވާކަމަށާއި މިއަދަ ކޮންފަރެންސެއް ބާއްވާކަމަށްޓަކައި  މިނިސްޓްރީ އޮފް ހޯމް އެފެއާޒްއަށާއި ޕޮލިސް ބޯޑަށް ޝުކުރު އަދާކުރެއްވިއެވެ.

 

މި ކޮންފަރެންސް ވެގެންދާނީ ފުލުހުންގެ މަސައްކަތްތަކަށް ލިބިގެންދާނެ އިތުރު ކުރިއެރުމެއްކަން ފާހަގަކުރައްވައި، ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ފުލުހުންގެ ޚިދުމަތަށް 90 އަހަރު މި އަހަރު ފުރިގެންދާއިރު، އަދި ފުލުހުންގެ މަސައްކަތް މަދަނީ ޚިދުމަތަކަށް 19 އަހަރު މި އަހަރު ފުރިގެންދާއިރު، އޭރުގެ ހާލަތްތަކަށް ރިއާޔަތްކޮށް އެކިދުވަސްވަރު ފުލުހުންނަށް ގެންނަމުންދާ ބަދަލުތަކުން ފުލުހުންގެ ޚިދުމަތް އާ ސަފުހާއަކަށް ބަދަލުވެގެންދާނީ ފުލުހުންގެ މަސައްކަތަކީ ވަރަށް ބޮޑަށް ރިސާޗަށް ބަރޯސާވެ، ފުލުހުން ހިންގާ ކޮންމެ ހަރަކާތަކުން އެންމެ ރަނގަޅަށް އެ ހަރަކާތްތަކުން ބޭނުންވާ ނަތީޖާ ހާސިލުކުރެވޭނީ ކޮންގޮތަކަށް އެ ހަރަކާތް ހިންގައިގެންކަމަށް ބެލެވޭނެ ފަދަ ހެކި ފުލުހުންގެ އަތުގައި ހުރެގެން އަދި އެކަމުގެ މައްޗަށް ބިނާކޮށް ފުލުހުން މަސައްކަތް ކޮށްގެން ކަމަށާއި މިއީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވަރަށް ފުޅާކޮށް ކުރަމުންދާކަމެއްކަން ފާހަގަކުރެއްވިއެވެ.