ޚަބަރު

ބްލޫސް ފޮރ ވޮލީބޯލް ފެސްޓިވަލް ބާއްވައިފި

19 މާޗް 2023

ރާއްޖޭގައި ވޮލީބޯޅަ ކުރިއަރުވައި، ޒުވާން ހުނަރުވެރި ކުޅުންތެރިން އުފައްދައި، ޒުވާން ކުޅުންތެރިންނަށް ވޮލީކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ޕޮލިސް ކުލަބުން އިސްނަގައިގެން ކުރިއަށް ގެންދާ “ ބްލޫސް ފޮރ ވޮލީބޯލް ޕްރޮގްރާމް” ގެ ބައިވެރިންނަށް އަމާޒުކޮށްގެން " ބްލޫސް ފޮރ ވޮލީބޯލް ފެސްޓިވަލް" ނަމުގައި ފެސްޓިވަލެއް ބާއްވައިފިއެވެ. 

 

މިމަހުގެ 16 އިން 18 އަށް ބޭއްވި މި ފެސްޓިވަލް ކުރިއަށް ގެންގޮސްފައިވަނީ ބްލޫސް ފޮރ ވޮލީބޯލް ޕްރޮގްރާމުގެ ބައިވެރިން ޓީމުތަކަށް ބަހާލައިގެންނެވެ.  އެގޮތުން މި ފެސްޓިވަލްގައި ފިރިހެން 9 ޓީމާއި އަންހެން 6 ޓީމު ވާދަކޮށްފައިވާއިރު، ބެލެނިވެރިންގެ ފިރިހެން 2 ޓީމު އަދި އަންހެން ދެ ޓީމު ބައިވެރިވެފައިވެއެވެ.

 

ފެސްޓިވަލް ކުރިއަށް ގެންގޮސްފައިވަނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. އެއީ އަންހެން ދެ ގްރޫޕާއި ފިރިހެން ދެ ގްރޫޕެވެ. 

 

ފިރިހެން ފުރަތަމަ ގްރޫޕުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ފުޅަނގި ޓީމު 3 އެވެ. މި ގްރޫޕުގެ ރަނަރަޕް ޓީމަކީ ފުޅަނގި ޓީމް ދޭއެވެ. ފިރިހެން ދެވަނަ ގްރޫޕުގެ ޗެމްޕިއަންކަން މެކުނު ޓީމު ދޭއް ހޯދިއިރު ރަނަރަޕްކަން ލިބުނީ މެކުނު ޓީމް ފަހަކަށެވެ. އަންހެން ފުރަތަމަ ގުރޫޕުގެ ޗެމްޕިއަންކަން ސުރުމަތި ޓީމު ސީ ހޯދިއިރު، ރަނަރަޕްކަން ލިބުނީ ސުރުމަތި ބީއަށެވެ. ދެވަނަ ގުރޫޕުގެ ޗެމްޕިއަންކަން ކަނބިލި ޓީމު އޭ ހޯދިއިރު، ރަނަރަޕްކަން ލިބުނީ ކަނބިލި ޓީމު ސީއަށެވެ. މީގެއިތުރުން ފެސްޓިވަލްގައި ބައިވެރިވި ބެލެނިވެރިންގެ ޓީމުތަކުގެ މެދުގައި އެކުވެރިކަމުގެ މެޗުތައް ކުޅެފައިވެއެވެ.

 

ސިނަމާލެ ފްލެޓް ކައިރީގައި އޮންނަ ވޮލީބޯޅަ ކޯޓުގައި  ބޭއްވި ބްލޫސް ފޮރ ވޮލީބޯލް ފެސްޓިވަލްގެ ހަރަކާތްތައް ނިންމާފައިވަނީ ބޭއްވި މާހެފުމަކުންނެވެ.