ސީޕީ ކަޕް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އެސްއޯ ހޯދައިފި
23 މާޗް 2023ޕެނަލްޓީގައި ހުޅުމާލެ ޕޮލިސް ޔަންގް ޖެނެރޭޝަންގެ މައްޗަށް ކުރިހޯދައި ސީޕީ ކަޕް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހަތަރު ވަނަ ފަހަރަށް ސްޕެލިސްޓް އޮޕަރޭޝަންސް (އެސްއޯއާރުސީ) ހޯދައިފިއެވެ.
މާރިޗު 22 ވަނަ ދުވަހުގެރޭ ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 0-0 ން ދެ ޓީމު އެއްވަރުވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީން އެސްއޯއާރުސީން މެޗު ކާމިބުކުރީ 5-3 ންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އެސްއޯއާރުސީގެ އަޙްމަދު ރިފްޝާންއެވެ.
ސީޕީ ކަޕް ފުޓްސަލް މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމަށް ދެ ކުޅުންތެރިޔަކު ހޮވިފައިވެއެވެ. އެއީ ހުޅުމާލެ ޔަންގް ޖެނެރޭޝަންގެ އަބާން މުޙައްމަދު އާއި ގަލޮޅު ޕޮލިސްގެ ޢަލީ މުނާޒްއެވެ. މި ދެ ކުޅުންތެރިންވެސް މި މުބާރާތުގައިވަނީ 13 ލަނޑު ޖަހާފައެވެ.
މުބާރާތުގެ ފެއަރޕްލޭ ކުޅުންތެރިޔާގެ މަގާމަށް ހުޅުމާލެ ޕޮލިސް ޗެލެންޖަރސްގެ އަޙްމަދު ޝާހިދު ހޮވުނުއިރު، ފެއަރޕްލޭ ޓީމަކަށް ހޮވުނީ އެސްއޯއާރުސީ ޖޫނިއަރސްއެވެ. މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަކީ އެސްއޯއާރުސީގެ އަޙްމަދު ރިފްޝާން އާއި މުޙައްމަދު ޝަރަފްއާއި ގޯލް ކީޕަރު ޙުސައިން ރުޚްޝާން އާއި ހުޅުމާލެ ޕޮލިސް ޔަންގް ޖެނެރޭޝަންގެ އަބާން މުޙައްމަދު އާއި އަޖުލާން ޢަބްދުލް ހަންނާން އާއި ގަަލޮޅު ޕޮލިސްގެ ޢަލީ މުނާޒްގެ އިތުރުން ހުޅުމާލެ ޕޮލިސް ޗެލެންޖަރސްގެ މުޙައްމަދު ވިޔާޒްއެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ އެސްއޯއާރުސީގެ އަޙްމަދު ރިފްޝާންއެވެ. އެންމެ މޮޅު މެނޭޖަރަކަށް ހުޅުމާލެ ޕޮލިސް ޔަންގް ޖެނެރޭޝަންގެ މެނޭޖަރު ޝަޒްވާން އަޙްމަދު ހޮވުނުއިރު، އެންމެ މޮޅު ކޯޗަކަށް ހޮވުނީ އެސްއޯއާރުސީގެ ކޯޗު ޢަލީ ފަހުމީއެވެ.
މީގެއިތުރުން ސީޕީ ކަޕް ފުޓްސަލް މުބާރާތަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކުގެ އަގުވަޒަންކޮށް އެފަރާތްތަކަށް ސެޓްފިކެޓާއި ހަނދާނީ ފިލާ ދީފައިވެއެވެ.
ސީޕީ ކަޕް ފުޓްސަލް މުބާރާތުގެ ޗެމްޕިއަން ޓީމަށް މެޑަލްއާއި ޓްރޮފީ ހަވާލުކޮށްދެއްވީ ފައިނަލް މެޗުގެ ޝަރަފްވެރި މެހެމާން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ. މުބާރާތުގެ ރަނަރަޕް ޓީމަށް މެޑަލްއާއި ޓްރޮފީ ހަވާލުކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފްއެވެ. މުބާރާތުގެ އެހެނިހެން ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް ޓްރޮފީ ހަވާލުކޮށްދެއްވީ ފުލުހުންގެ ސީނިއަރ އޮފިސަރުންނެވެ.
ސީޕީ ކަޕް ފުޓްސަލް މުބާރާތުގައި މިއަހަރު ޖުމްލަ 33 ޓީމަކުން ބައިވެރިވެފައިވެއެވެ.