ޚަބަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި ތ. އަތޮޅުން ދެ މީހުން ހައްޔަރުކޮށްފި

16 މެއި 2023

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ތ. ހިރިލަންދޫ އަދި ކިނބިދޫގައި

 ހިންގި އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

 

އެ އޮޕަރޭޝަންތަކުގެ ތެރެއިން މި މަހު 15 ވަނަ ދުވަހު ހިރިލަންދޫގައި ހިންގި އޮޕަރޭޝަނަކީ އެރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

 

ހިރިލަންދޫގައި މަސައްކަތްކުރާ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި އެރަށު ބަނދަރުމަތިން 49 އަހަރުގެ ދިވެހި ފިރިހެނެއް ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

 

ކިނބިދޫގައި ހިންގި އޮޕަރޭޝަނަކީ އެރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ.

 

ކިނބިދޫގައި މަސައްކަތްކުރާ ފުލުހުން ހިންގި އެ އޮޕަރޭޝަނުގައި އެ ރަށު ބަނދަރުމަތިން 39 އަހަރުގެ ދިވެހި ފިރިހެނެއް ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓު ފެނިފައިވެއެވެ.

 

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކިނބިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

 

މި ދެ މައްސަލަވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.